16 Dec 2012, 18:38
ކޮންޓްރެކްޓް ޓާމިނޭޓް ކުރުމުގެ ބަދަލެއްގެ ގޮތުން ދިވެހި ސަރުކާރުން ޖީއެމްއާރަށް 800 މިލިއަން ޑޮލަރު ދޭން ޖެހޭނެ ކަމަށް ބުނި ނަމަވެސް އެ އަދަދު ދިވެހި ސަރުކާރުން ދޭން ނުޖެހޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
އިންޑިއާގެ އޮންލައިން ނޫހެއް ކަމަށްވާ، "އެކޮނޮމިކް ޓައިމްސް"އަށް ޖީއެމްއާރުގެ ޗީފް ފައިނޭންޝިއަލް އޮފިސާ ސިދާތް ކަޕޫރު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ބަދަލުގެ ގޮތުގައި 800 މިލިއަން ޑޮލަރަށް ވުރެ ބޮޑު އެއްޗެއް ދިވެހި ސަރުކާރުން އެ ކުންފުންޏަށް ލިބެންޖެހޭކަން ސިޓީއަކުން ދިވެހި ސަރުކާރަށް މިހާރު އަންގާފައިވާނެ ކަމަށެވެ.
އެކަމާ ގުޅިގެން އެ ނޫހުން ސުވާލުދެންނެވުމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސްސެކްރެޓަރީ މަސްއޫދު އިމާދު ވިދާޅުވެފައި ވަނީ އެއާޕޯޓް ޑިވަލޮޕް ކުރުމަށް ޖީއެމްއާރުން ނެގި ކަމަށްބުނާ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރުގެ ލޯނުގެތެރެއިން އެއާޕޯޓަށް އިންވެސްޓްކޮށްފައި ވަނީ 150 މިލިއަން ޑޮލަރު ކަމަށް މިހާތަނަށް ހޯދި ހޯދުންތަކުން އެނގިފައިވާ ކަމަށެވެ. އަދި ޖީއެމްއާރަށް ދައްކަން ޖެހޭ ފައިސާގެ އަދަދާއި ޖީއެމްއާރުން އިންވެސްޓް ކުރި ފައިސާގެ ހަމައަގު ހޯދުމަށް ބޭރުގެ ފަރާތެއްގެ އެހީގައި ފޮރެންސިކް އޮޑިޓެއް ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މަސްއޫދު ވަނީ ވިދާޅުވެފަ އެވެ.
"މިހާތަނަށް ލިބިފައި ހުރި މައުލޫމާތުން އިނގެނީ ޖީއެމްއާރުން އިންވެސްޓް ކުރީ 150 މިލިއަން ޑޮލަރުކަން. ސަރުކާރުން މިހާރު ނިންމާފައި ވަނީ އެއާޕޯޓުން ޖީއެމްއާރަށް ލިބުނު ފައިސާގެ އަދަދާއި ހަރަދު ކުރި އަދަދު ހޯދަން އޮޑިޓެއް ހަދަން،" މަސްއޫދު ވިދާޅުވެފައިވެ އެވެ.
އެ ވާހަކަތަކަށް ރައްދުދެއްވައި ސިދާތު ވިދާޅުވެފައި ވަނީ ޖީއެމްއާރުގެ ހިސާބުތަކަކީ ދެފުއްފެންނަ ގޮތަށް ތައްޔާރުކޮށްފައިވާ ހިސާބުތަކެއް ކަމަށާއި ދިވެހި ސަރުކާރާ އެކު ވެފައިވާ ކޮންސެޝަން އެގްރިމަންޓްގައި އޮޑިޓެއްގެ ވާހަކަ ނެތް ކަމަށެވެ. ނަމަވެސް އެފަދަ އޮޑިޓެއް ކުރާ ނަމަ އެކަން ކުރަންވާނީ ގާނޫނުގެ ތެރެއިން ކަމަށް ވެސް ސިދާތު ވަނީ ވިދާޅުވެފަ އެވެ.
"ދެވި ސަރުކާރަށް ވެސް އަންގާފައި ވާނީ ސިޓީއަކުން 800 މިލިއަން ޑޮލަރަށް ވުރެ ބޮޑު އެއްޗެއް ދައްކަން ޖެހޭނަކަން. އެއީ މިހާތަނަށް ލަފާކުރެވޭ އަދަދު. ސީދާ އަދަދު އެނގޭނީ އެކިފަރާތްތަކަށްވި ގެއްލުމާއި ފައިދާގެ ތަފްސީލްހޯދައިގެން،" ސިދާތު ވަނީ ވިދާޅުވެފަ އެވެ. "އަހަރެމެން އެކަމަށް އިންކާރެއް ނުކުރަން. އެކަން ކުރާނަމަ ކުރަންވާނީ ގާނޫނުގެ ތެރެއިން،"
ދިވެހި ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި އަދި ބުނެފައިވަނީ ދިވެހި ސަރުކާރުން ދައްކަން ޖެހޭނެކަމަށް ލަފާކޮށްފައި ވަނީ 150 މިލިއަން ޑޮލަރާއި 350 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ކަމަށެވެ.
"އެދޭތެރޭގެ އަދަދެއްގެ މައްޗަށް އަހަރުމެން ވަކާލާތު ކުރާނީ ސިންގަޕޫރު ކޯޓުގައި،" އޮފިޝަލް ވިދާޅުވިކަމަށް އެކޮނޮމިކް ޓައިމްސްގައިވެ އެވެ.
އެ ނޫހުގައި މަސްއޫދާ ހަވާލާދީ އިތުރަށް ބުނެފައި ވަނީ ދިވެހި ސަރުކާރުން ޖީއެމްއާރާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި ޖީއެމްއާރަށް ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވިފައިވާ ކަމަށެވެ.
ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖީއެމްއާރުން 800 މިލިއަން ޑޮލަރަށް ވުރެ ބޮޑު އެއްޗެއް ހޯދަން މަސައްކަތް ކުރާއިރު ޖީއެމްއާރާ އެކު 23 ޕަސެންޓް ހިއްސާވެގެން މެލޭޝިއަން އެއާޕޯޓްސް ހޯލްޑިންގްސް އިން 6.6 މިލިއަން ޑޮލަރު، އިންވެސްޓްކޮށްގެން ފައިދާއަށް 13.2 މިލިއަން ޑޮލަރު ލިބިފައިވާކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. ޖީއެމްއާރުން އެއާޕޯޓް އޮޕަރޭޓް ކުރީ އެއާޕޯޓްގެ ހުރިހާ ވިޔަފާރިތަކެއް ޖީއެމްއާރުން ކުރާ ގޮތަށެވެ. މާލޭ އެއާޕޯޓަކީ ޖީއެމްއާރަށް އެންމެ ފައިދާ ބޮޑު އެއާޕޯޓް ކަމަށް އެ ކުންފުނީގެ ހިސާބުތަކުން ދައްކަ އެވެ.