16 Dec 2012, 18:34
އެމްބީސީ އަތުން 7-0ލަނޑުން މޮޅުވެ، ސަން ހޮޓަލްސް އެންޑް ރިސޯޓް ޕްރެވައިޓް ލިމިޓެޑުގެ ފެށުން ރަނގަޅު ކޮށްފި އެވެ.
ހެންވޭރު ބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ސަން ޓްރެވަލްސްއަށް ނަގައި ދިނީ މިއަދު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އާމިނަތު ޒާހިޔާ (ޒެޑޭ) އެވެ. އޭނާ ވަނީ މިއަދުގެ މެޗުގެ ދެ ވަނަ ހާފުގައި ވެސް ސަން ޓްރެވަލްސްގެ ޓީމަށް އިތުރު ދެ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.
ސަންޓްރެވަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ދެ ވަނަ ހާފުގައި ގިނަ ލަނޑު ތަކެއް ފެނިގެން ދިޔައިރު، ދެ ވަނަ ހާފުގައި އެޓީމްގެ ފާތުމަތު އަފްޒާ (ގޮއްޔެ) ވަނީ ހަތަރު ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.
މެޗުގެ ދެ ވަނަ ހާފުގައި ވެސް ސަން ޓްރެވަލްސްގެ ޓީމަށް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބިގެން ދިޔަކަން ފާހަގަ ކޮށްލެވުނެވެ.
މެޗަށްފަހު "ސަން ޓްރެވަލްސް" ޓީމުގެ ކޯޗް އިސްމާއިލް އަނިލް ބުނީ، ޓީމްގެ ކުޅުމާ މެދު ވަރަށް ހިތް ހަމަ ޖެހޭ ކަމަށާއި ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ފެނުނީ ބަލާހިތްވާ ކަހަލަ މޮޅު ކުޅުމެއް ކަމަށެވެ.
"ޓީމް ރޭވި ގޮތައް ހުރިހާ ކުޅުންތެރިން ވެސް ކުޅުނު. މޮޅުވުމުން ޓީމާ މެދު ވަރަށް ހިތް ހަމަ ޖެހިއްޖެ،" އަނިލް ބުންޏެވެ.
މިމުބާރާތުގެ މެޗެއް ދެން އެންމެ އަވަހަށް ވެސް ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ހަވީރެވެ. އެދުވަހުގެ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ އެމްއެންޑީއެފް އާއި ސަން ހޮޓަލްސް އެންޑް ރިސޯޓް ޕްރެވައިޓް ލިމިޓެޑެވެ.
ޖުމްލަ ފަސް ޓީމް ވާދަކުރާ މިމުބާރާތުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެންމެ ގިނަ ޕޮއިންޓި ހޯދާ ހަތަރު ޓީމް ސެމީއަށް ދަތުރު ކުރުމަށް ފަހު، ސެމީ ފައިނަލް މެޗް ތަކުން މޮޅުވާ ދެ ޓީމެއް ފައިނަލް ކުޅޭ ގޮތަށެވެ.
ތިރީސް ފަސް މިނެޓުގެ ދެ ހާފް ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:00 ޖަހާއިރު ހެންވޭރު ބޯޅަ ދަނޑުގަ އެވެ.