16 Dec 2012, 18:32
ރ. އިންނަމާދޫ އާއި ހއ. ވަށަފަރު ކައުންސިލްގެ ބައި އިލެކްޝަން ޕީޕީއެމް އިން ކާމިޔާބުކޮށްފި އެވެ.
ކުރިން ޑީއާރުޕީގެ މެންބަރަކު ފުރުއްވަމުން ގެންދެވި ވަށަފަރު ރަށު ކައުންސިލް ގޮނޑި ހުސްވުމާ ގުޅިގެން މިއަދު ބޭއްވި ބޭއްވި ބައި އިލެކްޝަން ޕީޕީއެމްގެ ކެންޑިޑޭޓް ކާމިޔާބު ކޮށްފައި ވަނީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާ ވާދަކޮށްގެންނެވެ.
ވަށަފަރު ކައުންސި ބައި އިލެކްޝަނުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ވަހީދު އިންތިހާބު ކާމިޔާބު ކުރައްވާފައި ވަނީ 251 ވޯޓު ހޯއްދަވައިގެންނެވެ. އެ ނަތީޖާ ދައްކާގޮތުން އެ އިންތިހާބުގައި ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު މުޖުތަބާ އަށް 123 ވޯޓު ލިބިވަޑައިގެންފައިވާ އިރު، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަށް ލިބިވަޑައިގެންފައި ވަނީ 53 ވޯޓެވެ.
އިންނަމާދޫ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރެއްވި ޕީޕީއެމް ކެންޑިޑޭޓް އިބްރާހިމް ނުހާނަށް 228 ވޯޓު ލިބިވަޑައިގަތް އިރު ކުރިން އެމްޑީޕީން ފުރަމުން ދިޔަ ގޮނޑި އެ ޕާޓީ އަށް ގެއްލިފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓަށް ވުރެ 55 ވޯޓު މަދުން ލިބިވަޑައިގެންނެވެ. އެމްޑީޕީ ކެންޑޭޓް ހުސެއިން ޝާފިއު އަށް ލިބިވަދޑައިގެންފައިނ ވަނީ 173 ވޯޓެވެ.
ވަށަފަރު ކައުންސިލް ގޮނޑިއެއް ހުސްވެފައި ވަނީ އެ ކައުންސިލްގެ ނައިބު ރައީސްގެ މަގާމުގައި ކުރިން ހުންނެވި ޑީއާރުޕީގެ މެންބަރު އަހުމަދު ޢާލިބު ކައުންސިލަރު ކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އަދި އިންނަމާދޫ ކައުންސިލް ގޮނޑިއެއް ހުސްވެފައި ވަނީ އެ ކައުންސިލްގައި ހިމެނިވަޑައިގެންނެވި އެމްޑީޕީ ކައުންސިލް މެންބަރު އަބްދުއް ޝަފީގް އެ މަގާމުން އިސްތިއުފާ ދެއްވުންނެވެ.