16 Dec 2012, 16:40
ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅެމުންގެންދާ ބިދޭސީންގެ މައްސަލަ ހައްލުކޮށް ދިނުމަށް އެދި ސަރުކާރަށާއި ސިޔާސީ ޕާޓީތަކަށް އާދޭސް ދަންނަވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ން ބުނެފި އެވެ.
ސަން އޮންލައިން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުނިތައް ތަމްސީލްކުރާ މައި ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ޗެއާމަން މުހައްމަދު އަލީ ޖަނާހް ވިދާޅުވީ ބިދޭސީން ރާއްޖެ އަށް އެތެރެ ވުމާއި ބޭރުވުން މިހާ ފަސޭހަ ގޮތަކަށް އޮތުމަކީ އެކަމުގެ ސަބަބުން ސިޔާސީ އިޖްތިމާއީ އަދި އިގްތިސޯދީ ގޮތުން ބިރުގަންނަ ދަރައަކަށް ކަންތައްތައް ބަދަލުވެގެން ދާނެ ކަމައް ކަމަށެވެ. އޭނާ ވިދާޅުވީ އެ މައްސަލަ ހައްލުކުރަން ހުރިހާ އެންމެން ގުޅިގެން ބޮޑެތި މަސައްކަތްތަކެއް މިއަދު ކުރަންޖެހިފައިވާ ކަމަށެވެ. ޖަނާހް އިތުރަށް ވިދާޅުވީ މުޖުތަމައުގެ ތެރޭގައި އުފެދިގެން އުޅޭ ކުށްކުރުމާއި އެހެނިހެން ނުރައްކާތެރި ހުރިހާ މައްސަލަތަކާކާއި ބިދޭސީންނާ ގުޅި ލާމެހިފައިވާ ކަމަށެވެ.
"މިހާރު މިވާގޮތަކީ ރާއްޖެ އިން ޑީޕޯޓުކޮށްލާ މީހާ އަނެއްކާ އެތެރެ މި ވަނީ އެހެން ޕާސްޕޯޓެއްގައި. އެގޮތަށް އައިސް ހަމަ އެމީހާ އެބަ މަސައްކަތްކުރޭ މިތަނުގައި. މިހާ ފަސޭހަ ގޮތަކަށް އަޅުގަނޑުމެންގެ ބޯޑަރު މި އޮންނަނީ. މިއަދަކު ގައުމަކު ނެތް މިއަށް ވުރެ ވަކިން ބޮޑު އިޝޫއެއް [މައްސަލައެއް]. މިމައްސަލަ ފޮރިން ކަރަންސީގެ އިޝޫ އަށް ވެސް، ކްރައިމްގެ އިޝޫއަށް ވެސް، އިޖްތިމާއީ މައްސަލަތަކަށް ވެސް ގުޅިލާމެހިފައި އޮތީ. އަޅުގަނޑުމެން ބޭނުންމެއް ނޫން މި ރީޖަންގެ ގައުމުތަކުގައި އުޅޭ ހުރިހާ ކުށްކުރާ މީހުންގެ ހަބަކަށް މި ގައުމު ހަދާކަށް. ކިހިނެއްތޯ އިނގެނީ މިތަނަށް އައިސް ފިލައިގެން މި އުޅެނީ ކޮންފަދަ ކުށެއް ކޮށްފައިވާ ބައެއް ކަމެއް. ހަމަ އަންނަ ގޮތަށް ޕާސްޕޯޓު ގެއްލުވާލާފައި ދެން ހަމަ އުޅެންވީ ނޫންތޯ،" ޖަނާހް ވިދާޅުވި އެވެ.
ކޮންސްޓްރަކްޝަން ކުންފުނިތަކަށް ދޫކޮށްފައިވާ ބިދޭސީ މަސައްކަތު މީހުން ގެނައުމުގެ ކޯޓާއާ ބެހޭ ގޮތުން މަސީ އިން އިއްޔެ ވަނީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން ޑރ. މުހައްމަދު އަލީއާ ވެސް ބައްދަލުކޮށް މަޝްވަރާ ކޮށްފަ އެވެ. ޖަނާހް ވިދާޅުވީ އެ މަޝްވަރާތަކަށް ފަހު މިހާރު އިމިގްރޭޝަންގައި ބޭނުން ކުރަމުންދާ ކޯޓާ ސިސްޓަމް އަށް ކުންފުނިތައް ރެޖިސްޓްރީ ކުރުން އަވަސް ކުރުމަށާއި އަމިއްލަ އަށް ރެޖިސްޓްރީ ކުރުމަށް ދަތިވާ ކުންފުނިތަކުން އިމިގްރޭޝަނަށް ގޮސް ރެޖިސްޓްރީކޮށް މިހާރު ކުންފުނިތަކަށް ލިބިފައިވާ ކޯޓާ އެންޓާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.