ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރުކަން ކުރެއްވި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަބްދުﷲ ޖާވިދު (ޖާ) އާ ދެކޮޅަށް "ފޯންކޯލް ރެކޯޑިން" އެއް ހެކީގެ ގޮތުގައި ލިބިފައިވާކަން ހާމަވެއްޖެ އެވެ.

އެކަން އެނގުނީ ޖާވިދުގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށް ކްރިމިނަލް ކޯޓުން ކުރި އަމުރު އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައިކޯޓުން ކުރި ހުކުމުންނެވެ.

ޖާވިދުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރަށް ތާއީދުކޮށް ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ އޭނާއާ ދެކޮޅަށް ލިބިފައިވާ ހެކިތަކުގެ ތެރޭގައި ފޯން ކޯލް ރެކޯޑިންގެ އިތުރުން އޭނައާ ދެކޮޅަށް ތަހުގީގަށް ހެކިބަސް ލިބިފައިވާ ކަމަށެވެ. އަދި އެއީ ޖިނާއީ ކުށެއްގެ ތުހުމަތަށް އެކަށީގެންވާ ވަރުގެ ހެއްކެއް ކަމަށް ވެސް ހައިކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ބުނެފަ އެވެ.

ކްރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރި އިރު އޭނައާ ދެކޮޅަށް ހުރި ހެކިތަކަކީ ކޮބައިކަން ނޭނގޭ ކަމަށް ޖާވިދުގެ ފަރާތުން ބުނިނަމަވެސް ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މުއްދަތު މަޖިލީސް ތަކަކީ ތުހުމަތު ކުރެވޭ މީހާއާ ދެކޮޅަށް ހުރި ހެކިތަކާ ބެހޭގޮތުން ސުވާލުކޮށް ބަހުސް ކުރުމަށް ބާއްވާ މަޖިލީހެއް ނޫންކަމަށް ހައިކޯޓުގެ ހުކުމްގައި ވެއެވެ.

ހައިކޯޓުގެ ހުކުމްގައި ވާގޮތުން ޖާވިދުގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފައި ވަނީ އޭނާގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތަތީ އާއި އަދި އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ.

އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިރިވި ކަމަށް ތުހުމަތު ކުރެވޭ ހ. ލޮބީ ހުސެއިން ހުމާމް އަހުމަދާއި ހ. ހިކޯސްޓް އަލީ ޝާންގެ އިތުރުން އަފްރާޝީމްގެ މަރާލި ވަގުތު އެގޭ ކައިރީ ފާރައަށް ހުރި 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.

ފުލުހުން ބުނެފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ މާލޭގެ ގޭންގު ގްރޫޕަކަށް ހަތަރު މިލިއަން ރުފިޔާ ހުށަހަޅައިގެން ކަމަށެވެ. އަދި އެކަމަށް ފައިސާ ޚަރަދުކުރި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް އެންމެ ފަހުން ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސްގައި ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވަނީ ވިދާޅުވެފަ އެވެ.

ގއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން އެއަތޮޅު ދާންދޫއަށް އިއްޔެ ހަވީރު ވަޑައިގެން ބޭއްވި ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ ބަޔަކަށް ފައިސާ ދީގެން އަފްރާޝީމް މަރާލާފައިވާތީ އެކަމާ ހިތާމަކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އަދި އެފަދަ ކަމައެއް ތަކުރާރު ވިޔަ ނުދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވަހީދު ވަނީ ވިދާޅުވެފަ އެވެ.