ޖީއެމްއާރު އިންފްރާސްޓްރަކްޗާ ލިމިޓެޑާއި މެލޭޝިއަން އެއާޕޯޓްސް ބަރުހާދު ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމް އަށް، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ދިނުމަށް ވެފައި އޮތް އެއްބަސްވުން، އުވާލަން ރާއްޖޭން ނިންމި ނިންމުމާ މެދު އަލުން ވިސްނާނެ ކަމަށް އުއްމީދުކުރި ކަމަށް މެލޭޝިއާ އިން ބުނެފި އެވެ.

މެލޭޝިއާގެ މިނިސްޓަރު އޮފް އިންޓަނޭޝަނަލް ޓްރޭޑް އެންޑް އިންޑަސްޓްރީ މުސްތަފާ މުހައްމަދު ވިދާޅުވި ކަމަށް އިންޑިއާގެ އިކޮނޮމިކް ޓައިމްސް ނޫހުން ބުނީ "ރާއްޖޭގައި ހިނގި ކަންތަކަކީ [އެއާޕޯޓް ކުއްޔަށް ދިނުމަށް ވީ އެއްބަސް އުވާލުމަކީ] ވަރަށް ދެރަކޮށްވީ ކަމެއް ކަމަށާއި އެކަމާ ރާއްޖޭން އަލުން ވިސްނާނެ ކަމަށް އުއްމީދުކުރިން" ކަމަށެވެ.

އޭނާ އަދި ވިދާޅުވެފައި ވަނީ ރާއްޖޭގެ އާ ސަރުކާރާ އެކު ލިބުނު ފިލާވަޅަކީ ރާއްޖެއާ މެދު މާ ބޮޑަށް ފަރުވާތެރިވާން ޖެހޭ ކަމުގެ ފިލާވަޅު ކަމަށެވެ.

"މޭލޭގައި، (ރާއްޖޭގައި) ކުރިން އޮތް ސަރުކާރާއި އަހަރެމެންނާ ގިނަ އަހަރުތަކެއް ވަންދެން އޮތީ ވަރަށް ގާތް ގުޅުމެއް. ދިވެހި ރާއްޖެއަކީ 100 ޕަސެންޓް މުސްލިމް ގައުމެއް، އާ ސަރުކާރާ އެކު އަހަރެމެންނަށް ލިބުނު ފިލާވަޅަކީ، ރާއްޖެއާ މެދު އަހަރެމެންމާ ފަރުވާތެރިވާން ޖެހޭ ކަމުގެ ފިލާވަޅު،" މުސްތަފާ ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

އެއާޕޯޓް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުމަކީ ގާނޫނީ ގޮތުން ސައްހަ އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުން އުވާލުމުން ހިތްހަމަޖެހިވަޑައި ނުގަންނަވާ ކަމަށް ވެސް މުސްތަފާ ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

"އަހަރެމެންގެ އިންވެސްޓްމެންޓްތައް ހިމާޔަތްވެފައި އޮންނަން އަހަރެމެން ބޭނުން. ސޮއިކޮށްފައި އޮތް ގާނޫނީ ގޮތުން ސައްހަ (ލެޖިޓިމޭޓް) އެއްބަސްވުމެއް އޮތް، އަހަރެމެން މިތިބީ ހިތްހަމަނުޖެހިފައި،" މުސްތަފާ ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

މެލޭޝިއާގެ އިންޓަނޭޝަނަލް ޓްރޭޑް މިނިސްޓަރު އިންޑިއާ އަށް މިހާރު ވަޑައިގެން އުޅުއްވަނީ އިންޑިއާއި މެލޭޝިއާ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށެވެ. އޭނާގެ އަރިހުގައި މެލޭޝިއާގެ ވަފުދެއް އިންޑިއާ އަށް ވަޑައިގެން އެބަ އުޅުއްވަ އެވެ.

މުސްތަފާ ވިދާޅުވި ކަމަށް ނޫހުގައިވާ އިންޑިއާއާ މެލޭޝިއާއާ ދެމެދު ކުރާ ވިޔަފާރި 2015 ވަނަ އަހަރު 15 ބިލިޔަން ޑޮލަރަށް އަރާނެ އެވެ. އަދި މިދިޔަ އަހަރު އެދެގައުމުގެ ދެމެދުގައި 12.54 ބިލިޔަން ޑޮލަރުގެ ވިޔަފާރި ކުރި ކަމަށް ވެސް އޭނާއާ ހަވާލާދީ ނޫހުގައިވެ އެވެ.

ޖީއެމްއާރު އެއްބަސްވުން އުވާލިޔަސް ރާއްޖެ އާއި އިންޑިއާއާ އަދި ރާއްޖެއާ މެލޭޝިއާ އާ ދެމެދު ވެސް ގުޅުން ގޯސް ނުވާނެ ކަމަށް ދިވެހި ސަރުކާރުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.