އއ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅު ބޮޑުފޮޅުދޫގައި ކުރިއަށް ގެންދާ އއ. އަތޮޅު ފުޓްބޯޅަ ކަޕްގައި ހިމަންދޫ އާއި ބޮޑުފޮޅުދޫ ބައްދަލު ކުރިމެޗުގެ ފަހު ހާފުގައި ހިނގި ހަމަނުޖެހުން ހައްލު ނުކުރެވިގެން މެޗު ހުއްޓާލަން ޖެހިއްޖެ އެވެ.

އަދި މެޗުގެ ތެރޭގައި ހިނގި ހަމަނުޖެހުން ހައްލު ނުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން މުބާރާތުގެ ކުޅުން ވަނީ ރަސްދޫއަށް ބަދަލުކޮށްފަ އެވެ.

މުބާރާތް ބާއްވާ ބޮޑުފޮޅުދޫގެ ގޯލަށް ފުރަތަމަ ހާފުގެ 13 ވަނަ މިނިޓުގައި ހިމަންދޫ ޓީމުގެ މުހައްމަދު އަލީ ބޮލުން ވައްދާލި ގޯލާ އެކު މެޗުގެ ނަތީޖާ އެކެއް ސުމަކަށް ބަދަލު ކޮށްލި އެވެ. އަދި 35 ވަނަ މިނިޓުގައި ހިމަންދޫގެ ހުސައިން އަލީ ވަނީ ބޮލުން ޖަހައިގެން އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ދޭއް ސުމަކަށް ފުޅާކޮށްފަ އެވެ.

އަމިއްލަ ރަށުގައި ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ހިތްވަރާ އެކު ކުޅެމުން ގެންދިޔަ ބޮޑުފޮޅުދޫ ޓީމަށް ހިތްހަމަ ޖެހުމެއް ލިބުނީ މެޗުގެ 41 ވަނަ މިނިޓުގައި އެ ޓީމުގެ މުހައްމަދު ޒަމީރު ކާމިޔާބު ކޮށްދިން ގޯލުންނެވެ. އަދި އޭގެ ތިން މިނިޓް ފަހުން ޒަމީރު ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

އެހެން ނަމަވެސް ހިމަންދޫ ޓީމުން ހުއްޓުމެއް ނެތި އުފައްދަމުން ދިޔަ ހަމަލާތައް ބޮޑުފޮޅުދޫ ޓީމަށް ނުހުއްޓުވުމުގެ ނަތީޖާއަކަށްވީ މެޗުގެ ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތު ކޮޅުގައި ހިމަންދޫގެ ސިމާހު ދާއޫދު ބޮޑުފޮޅުދޫ ގޯލަށް ލަނޑެއް ވައްދާލުމެވެ. ފޯރިގަދަ މެޗުގެ ފުރަތަމަ ހާފު ނިމުނީ ތިނެއް ދޭއްކުން ހިމަންދޫ ކުރީގައި އޮވެގެން ނެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން ފަނަރަ ވަރަކަށް މިނިޓުގެ ތެރޭގައި ބޮޑުފޮޅުދޫ ކުޅުންތެރިޔަކަށް ރެފްރީ ރަތްކާޑު ދެއްކުމާ އެކު މެޗު ހޫނުވެ ދަނޑުމަތީގައި ބޮޑު ހަމަނުޖެހުމެއް ހިނގަން ފެށުމުން މެޗު އޮފިޝަލުން ކުޅުންތެރިން ކޮންޓްރޯލް ކުރުމަށް ގާތްގަނޑަކަށް ވިއްސަކަށް މިނިޓުވަންދެން މަސައްކަތްކޮށް ކާމިޔާބު ނުވުމުން މެޗް އިންތިޒާމް ކުރާ ފަރާތުން ނިންމީ ކުޅުން މެދު ކަނޑާލައި އެ ހާހިސާބުން މެޗު ނިންމާލުމަށެވެ.


އެކަމާ ގުޅޭގޮތުން އއ. އަތޮޅު ކައުންސިލުގެ ނާއިބު ރައީސް އަލީ ސަމީރު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މުބާރާތުގެ ހިންގާ ގަވާއިދުގައިވާ ގޮތުން އެ މައްސަލަ މުބާރާތުގެ މޮނިޓަރިންގް ކޮމެޓީއިން ބެއްލެވުމަށް ފަހު ނިންމެވީ؛ ހަމަނުޖެހުން ހިނގަން މެދުވެރިވީ ބޮޑުފޮޅުދޫ ޓީމުގެ ސަބަބުން ކަމަށް ވާތީ އެ ޓީމު ޖޫރިމަނާކޮށް މެޗުގެ ނަތީޖާ ތިނެއް ދޭކުން ހިމަންދޫ މޮޅުވީ ކަމަށް ނިންމުމަށެވެ.

"މެޗުގެ ތެރޭގައި ހިނގި ހަމަނުޖެހުން ކޮންޓްރޯލް ނުވެ މެޗު ނިންމާލަން ޖެހުނީ. ދެން މެޗުގެ މޮނިޓަރިންގް ކޮމެޓީން ނިންމީ ހަމަނުޖެހުން ހިންގީ ބޮޑުފޮޅުދޫ ޓީމުކަމަށް ވާތީ ހިންގާ ގަވައިދުގެ 11 ވަނަ މާއްދާގެ ނ، ގައިވާގޮތުގެ މަތިން އެ ޓީމު ޖޫރިމަނާ ކުރަން. އަދި ތިންލަނޑު ދެލަނޑުން ހިމަންދޫ މޮޅުވީކަމަށް ނިންމީ." ސަމީރު ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ ހިނގައި ދިޔަ ހަމަނުޖެހުމާ ގުޅިގެން މުބާރާތުގެ މެޗު އޮފިޝަލުންނަށް ތިބި ރެފްރީން ބޮޑުފޮޅުދޫގައި މުބާރާތް އިތުރަށް ކުރިޔަށް ގެންދާ ނަމަ ރެފްރީކަން ކޮށްދޭން ބޭނުން ނުވާ ކަމަށް ހުށަހެޅުމުން މުބާރާތް އިންތިޒާމު ކުރާފަރާތުން ނިންމީ ބާކީ ހުރި މެޗުތައް އއ. ރަސްދޫގައި ކުރިއަށް ގެންދިއުމަށެވެ.

"ރެފްރީން ބޭނުމެއް ނުވޭ ބޮޑުފޮޅުދޫގައި އިތުރަށް ތިބޭކަށް. އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ މުބާރާތް އިތުރަށް ކުރިއަށް ގެންދަންޏާ އެފަދަ މާހައުލެއް އޮތް ތަނެއް ބަލަން. އެގޮތުން މުބާރާތުގެ ހިންގާ ގަވާއިދުގައިވާ ގޮތަށް އަޅުގަނޑުމެން އިންތިޒާމު ކުރާ ފަރާތުން މި ނިންމީ މުބާރާތުގެ ބާކީ އޮތްބައި މި އަތޮޅު ރަސްދޫގައި ކުރިއަށް ގެންދަން." އަތޮޅު ކައުންސިލުގެ ނާއިބު ރައީސް ވިދާޅުވި އެވެ.

އެ ނަތީޖާއާ އެކު ކުޅުނު ދެމެޗުން ބަލިވެ ބޮޑުފޮޅުދޫ ވަނީ މުބާރާތުން ކަޓައިފަ އެވެ. އަދި މެޗުތައް ކުޅުމަށް ކުރިން ހަމަޖެހިފައިވާ ތާރީޚުތައް ވެސް ވަނީ ބަދަލު ކޮށްފަ އެވެ.

މުބާރާތުގެ ކުރިއަށް އޮތް ގުރޫޕް އޭގެ މެޗުގައި މާދަމާ ބައްދަލު ކުރާނީ މަތިވެރީ ޓީމާއި މާޅޮސް ޓީމެވެ. އަދި ގުރޫޕް ސްޓޭޖުގެ ފަހުމެޗުގައި ގުރޫޕް ބީގެ ތޮއްޑޫއާއި ހިމަންދޫ ބައްދަލު ކުރާމެޗު އޮންނާނީ އަށާރަ ވަނަ ދުވަހު ހަވީރު ރަސްދޫ ދަނޑުގަ އެވެ.