25 Sep 2010, 09:39
އެސްޓީއޯގެ 1600 ގަނޑު ޓިނު ހިފައިގެން ތިލަފުށިން މާލެ އަންނަނިކޮށް ދޯނި ބަންޑުން ޖަހައިލުމުގެ ސަބަބުން ލިބުނު ގެއްލުން ފަސް ލައްކަ ރުފިޔާ އަށް ވުރެ ބޮޑުވާނެ ކަމަށް ސްޓްރަކްޗަރަލް ޕްރޮޓަކްޓްސް އިން ބުނެފި އެވެ.
އެސްޓީއޯ އާއި ރެއިންބޯގެ ފަންސާސް ޕަސެންޓް ހިއްސާވާ އެމްއެސްޕީގެ މެނޭޖާ އިބުރާހިމް އަބުދުލްޣައްފާރު ސަންއެފްއެމަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، "ހައްދުންމަތި" ދޯނި ބުރާސްފަތި ދުވަހު ބަންޑުން ޖަހައިލުމުގެ ސަބަބުން އަމީނީމަގު ހުޅުގަނޑުން ކަނޑު އަޑީގައިވާ ޓިނުތައް ނެގުމާ މެދު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމާ މެދު އަދި ވަކިގޮތެއް ނިންމާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ޓިނުތަކަކީ އެސްޓީއޯގެ އޯޑަރަށް ތިލަފުށިން މާލެ ގެނައި ޓިނުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި، އަޑިއަށްދިޔަ "ހައްދުންމަތި" ދޯނީގެ ވެރިޔާ މުހައްމަދު ހިލްމީ ރޭ ބުނީ، ދޯނި ބަންޑުން ޖަހާލުމުގެ ސަބަބުން ލިބުނު ގެއްލުން ދެލައްކަ ރުފިޔާއަށްވުރެ ބޮޑުވާނެ ކަމަށެވެ. އަދި ސިފައިންގެ އެހީތެރިކަމާއެކު ކެރޭނެއް ބޭނުންކޮށްގެން މާލޭ ޓީޖެޓީއަށް މިހާރު ދޯނި ވައްދާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި ކަފުޖަހައިން ދޯނި މާދަމާ ތިލަފުއްޓަށް ގެންދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.