16 Dec 2012, 15:40
ފެންޓަސީ ބޭކަރީން ގަތް ކޭކެއް ކައިގެން ކާނާވިހަވި މައްސަލައެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަށް ހުށަހަޅައިފި އެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ފެންޓަސީ ބޭކަރީން ގަތް ކޭކެއް ކެއުމުގެ ސަބަބުން ބަޔަކު ކާނާވިހަވި މައްސަލަ އެ އޮތޯރިތީއަށް ހުށަހަޅާފައި ވަނީ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި ވިދާޅުވީ މައްސަލަ ހުށަހެޅި ފަރާތުން ކޭކުގެ ސާމްޕަލެއް ވެސް އެ އޮތޯރިޓީއަށް ހުށަހަޅާފައިވާތީ އެ ކޭކް ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ޓެސްޓްގެ ނަތީޖާ ލިބެން ދުވަސްކޮޅެއް ނަގާނެ ކަމަށާއި އެކަމާ ގުޅޭގޮތުން ފިޔަވަޅެއް އަޅަންޖެހޭކަން ވެސް އެނގޭނީ އެ ޓެސްޓްގެ ނަތީޖާ ދައްކާގޮތަކުން ކަމަށެވެ. އަދި ވިދާޅުވީ ފިޔަވަޅު އަޅަން ޖެހޭފަދަ ގޮތަކަށް ޓެސްޓްގެ ނަތީޖާ ދައްކައިފިނަމަ ފެންޓަސީ ބޭކަރީއާ މެދު އަޅަންޖެހޭ ފިޔަވަޅު އެ އޮތޯރިޓީން އަޅާނެ ކަމަށެވެ.
ފެންޓަސީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ ހުށަހެޅި ފަރާތުން ކޭކު ގަތީ ހޮނިހިރު ދުވަހު ހަވީރު ކަމަށާއި ކޭކުގެ ސަބަބުން ކާނާ ވިހަވި ކަމުގެ ޝަކުވާ ބޭކަރީއަށް ލިބުނީ އާދީއްތަ ދުވަހުގެ އިރުއޮއްސުނު ވަގުތުގައި ކަމަށެވެ. އަދި ކޭކުކައިގެން 15 ކުއްޖަކު ކާނާ ވިހަވި ކަމަށް އެ ފަރާތުން ބުނި ކަމަށާއި އަދި އެކަން ސާބިތުކޮށް ދިނުމަށް ޑޮކްޓަރުގެ ލިއުން ހުށަހެޅުމަށް އެ ބޭކަރީން އެދުނު ކަމަށެވެ. ނަމަވެސް އެކަމުގައި ކުރިއަށްދާން ބޭނުންވަނީ ގާނޫނީ ވަކީލެއްގެ އެހީގައި ކަމަށްވެސް އެ ފަރާތުން ބުނެފައިވާ ކަމަށެވެ.