16 Dec 2012, 15:38
މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް 21.6 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބްތަކުން ދައްކައިފި އެވެ.
ކަސްޓަމްސް އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ މިދިޔަ ނޮވެންބަރު މަހު އެކަނިވެސް ރާއްޖެ އަށް 2.40 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި މި އަހަރު ރާއްޖެ އިމްޕޯޓްކުރި މުދަލުގެ ތެެރެއިން 6.2 ބިލިއަން މުދާ އިމްޕޯޓް ކޮށްފައި ވަނީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ. އަދި ޓޫރިޒަމް ދާއިރާ ފިޔަވައި ޕްރައިވެޓް ސެކްޓާ އިން 54 ޕަސެންޓް އިމްޕޯޓް ކޮށްފައިވާ އިރު 17 ޕަސެންޓް އިމްޕޯޓްކުރި މުދާ ހިއްސާކުރަނީ ޓޫރިޒަމް ދާއިރާ އެވެ.
އަދި ބުނީ މި އަހަރުގެ މިހާތަނަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި 1.19 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި އެގޮތުން މިދިޔަ މަހު އެކަނި ވެސް 131 މިލިއަން ރުފިޔާ ލިބިފައިވާ އިރު އަގު އޮޅުވަލުމާއި މުދާ އިތުރުކުރުމުގެ މައްސަލަތަކުގެ ޖޫރިމަނާ އާއި އެހެނިހެން ފީގެ ގޮތުން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ.
ފާއިތުވި ނޮވެންބަރު މަހަށް ބަލާއިރު އެންމެ ގިނަ މުދާ އިމްޕޯޓްކޮށްފައި ވަނީ ޔުނައިޓެޑް އަރަބި އެމިރޭޓުސް(ޔޫއޭއީ) އިންނެވެ. އެގޮތުން އެގައުމުން ވަނީ ރާއްޖެ އަށް ބިލިއަނަކާ ގާތްކުރާ އަދަދަކަށް މުދާއިމްޕޯޓްކޮށްފަ އެވެ. އެގޮތުން މިއަހަރުގެ އޮކްޓުބަރު މަހުގެ ނިޔަލަށް ޔޫއޭއީ އިން 2.9 ބިލިއަން ރުފިޔާގެ ޑީސަލް ރާއްޖެ އަށް އިމްޕޯޓް ކޮށްފައިވާ އިރު އެ މުއްދަތުގެ ތެރޭގައި އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ އޭވިއޭޝަން ގޭސް އިމްޕޯޓް ކޮށްފައިވެ އެވެ.
ކަސްޓަމްސް އިން ބުނީ މިއަހަރު މިހާތަނަށް 21.6 ބިލިއަން ރުފިޔާގެ މުދާ އިންޕޯޓް ކުރެވިފައިވާ އިރު ރާއްޖެ އިން ބޭރަށް އެކްސްޕޯޓް ކުރެވުނު މުދަލުގެ އަގު 2.18 ބިލިއަނަށް އަރާ ކަމަށެވެ.