އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން އައްޑު ސިޓީގެ ގަމަށް ދަތުރު ކުރުމަށް ހަމަޖެހިފައި އޮތް ފްލައި މީގެ ފްލައިޓެއްގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓުމަކަށް އައިސްފި އެވެ.

އެއާޕޯޓްސް ކޮންޕެނީގެ އެޗުއާރު މެނޭޖަރު، ކޯޕަރޭޓް ކޮމިއުނިކޭޝަން ރަހްމަތުﷲ އަޝްރަފް މިއަދު ވިދާޅުވީ އެ މައްސަލަ ދިމާވީ މިއަދު މެންދުރު 13:32ގައި މާލެއިން ގަމަށް ދިއުމަށް ހަމަޖެހިފައި އޮތް ފްލައިމީގެ ކެޕްޓަން "ފަޔާ އިންޑިކޭޝަނެއް" ދިނުމުން ކަމަށާއި އެ ވަގުތުން ފެށިގެން އެއާޕޯޓްގެ ރެސްކިއު އެންޑް ފަޔާ ފައިޓިންގެ ފަރާތުން ފްލައިޓުން މީހުން ހުސްކުރުމަށް ފަހު، އެ މައްސަލަ ތަހުގީގު ކުރުމަށް 15 މިނެޓަށް ރަންވޭގެ އޮޕަރޭޝަންތައް ހުއްޓާލި ކަމަށެވެ.

"ފަޔާ އިންޑިކޭޝަނެއް ރިޕޯޓް ކުރުމުން ފްލައިޓް ހުސްކޮށް، އެބޯޓުގެ ފުރުން ވަނީ މަޑު ޖައްސައިފައި. އެ މައްސަލަ މިކޮޅުން ބަލަމުން މިގެންދަނީ،" އަޝްރަފް ވިދާޅުވި އެވެ.

ފްލައިޓުން މީހުން ބޭލުމަށް ފަހު ގާތްގަނޑަކަށް 15 ވަރަކަށް މިނެޓް ފަހުން އަލުން އެއާޕޯޓްގެ އޮޕަރޭޝަންތައް ވަނީ ފަށައިފަ އެވެ.

އަޝްރަފް ވިދާޅުވީ އެ މައްސަލަ ދިމާވި ގަޑީގައި އެއާޕޯޓަށް ޖެއްސުމަށް ހަމަޖެހިފައި އޮތް ބައެއް ބޯޓުތައް ޖެއްސުން ފަސްކުރަން ޖެހުނު ކަމަށެވެ. އެއޭގެ ތެރޭގައި ދެ ޑޮމެސްޓިކް ފްލައިޓަކާއި އިންޑިއާގެ ސްޕައިސް ޖެޓްގެ ރަންވޭ އަށް ޖެއްސުން މަޑުކުރަން ޖެހުނު ކަމަށެވެ.

ފްލައި މީގެ ފްލައިޓްގެ ކަނާތު އިންޖީނަށް ދިމާވި އެ މައްސަލައާ ގުޅިގެން ރަންވޭ އަށް ކޮންމެ ވެސް ވަރަކަށް ތެޔޮ އެޅުނު ކަމަށް ވެސް ސަން އަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން ފްލައި މީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.