16 Dec 2012, 14:52
ބަނޑޮސް ކައިރިއަށް ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ވީނުވީއެއް ނޭނގި ގެއްލުނު މީހާ މަރާލާފައިވާ ކަމަށް އާއިލާ އިން ކޮށްފައިވާ ތުހުމަތާ ގުޅިގެން ފުލުހުން އެ މައްސަލަ ބަލަން ފަށައިފި އެވެ.
ބަންޑޮސް އައިލެންޑް ރިސޯޓަށް ރައްޓެހިންތަކާ އެކު ޗުއްޓީއެއް ހޭދަކުރަމުން ދިޔަ ޗައިނާގެ ބިލިޔަރެއް ކަމުގައިވާ އެ އަންހެން މީހާގެ މައްސަލަ ފުލުހުންނަށް އޭނާގެ ފިރިމީހާ ފަރާތުން ވަނީ ހުށަހަޅާފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއަންހެން މީހާ މަރާލި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެކަމާ ބެހޭ ތަފްސީލެއް ދެވެން ނެތް ކަމަށެވެ.
ގެއްލުނު އަންހެން މީހާގެ އާއިލާގެ ފަރާތުން އެ މައްސަލަ ހުށަހަޅުމާ ގުޅިގެން ކޯޓުން ވަނީ އެ މައްސަލާގައި ތުހުމަތުކުރެވޭ އެ ގައުމުގެ ފިރިހެނެއްގެ ފުރުން މަނާކޮށް ކޯޓު އަމުރެއް ނެރެފަ އެވެ. ނަމަވެސް ކޯޓުގެ އަމުރެއް ވެސް ނެރެފައި ވަނިކޮށް އެމީހާ ފުރި މައްސަލަ ބަލަމުން ގެންދާ ކަމަށް އިމިގްރޭޝަނުން ވެސް ވަނީ ބުނެފަ އެވެ.
ޗައިނާގެ އަންހެން މީހާ ޗުއްޓީ ހޭދަކޮށްލުމަށް އައިސް އުޅެނިކޮށް ގެއްލިފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހު ބަނޑޮސް ކައިރިއަށް އޭނާއާ އެކު ރާއްޖެ އައިސް އުޅުނު ބަޔަކާ އެކު ސްނޯކްލިންއަށް ގޮސް އުޅެނިކޮށެވެ.