ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް ތުހުމަތު ކުރެވޭ ހ. ލޮބީ ހުސެއިން ހުމާމް އަހުމަދު، 19 ގެ އިތުރު މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އަފްރާޝީމް މަރާލި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ އިތުރުން އޭނާ މަސްތުވާތަކެތި ބޭނުން ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގުގީގު ނިންމައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މި މަހުގެ ކުރީ ކޮޅު ކަމަށެވެ. އަދި އޭނާގެ އިތުރުން އެ މައްސަލައިގައި އިތުރު ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހުމާމްގެ އިތުރުން ދައުވާ ކުރަން ފިނުވާފައި ވަނީ ގދ.ވާދޫ އަތަމާގެ އާސިފް އިބްރާހީމް، 23، އާއި ސ.ހިތަދޫ ވެއުގެ މުހައްމަދު ސުނީލް،31، އާއި ގދ.ތިނަދޫ، އިރުފުހޭގެ އިބްރާހީމް ސަލީމް،22، ގެ އިތުރުން ރ.މާކުރަތު ޗަނބޭލީގެ ހުސެއިން މުފްލިހު،20، ގެ މައްޗައް ކަމަށް ފުލުހުން ބުންޏެވެ.

ހުމާމްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މިއަހަރުގެ މެއި 26 ވަނަ ދުވަހު ގެ ވަގުތެއްގައި އޭނާ މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ. އަދި ދެންތިބި މީހުންގެ މައްޗަށް ވެސް ދައުވާ ކުރަން ފޮނުވާފައި ވަނީ މިއަހަރުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އަފްރާޝީމް އަވަހާރަށްލުމުގައި އަމަލީގޮތުން ހުމާމް ބައިވެރިވެފައިވާ ކަން ތަހުގީގަށް ސާބިތުވާވަރަށް އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށެވެ.