16 Dec 2012, 14:07
އިންޑިއާ ދިއުމަށް ވިސާ ދޫކުރުމަށް އެއް ހަފުތާގެ މުއްދަތެއް ހޭދަވާނެ ކަމަށާއި އެއީ ޓެކްނިކަލް ސަބަބުތަކަށް ޓަކައި ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފި އެވެ.
ހައިކޮމިޝަނުން ކޮށްފައިވާ އިއުލާންގައި ބުނެފައި ވަނީ ވިސާ ހޯދަން އެދޭ ފަރާތްތަކަށް ދައްޗެއް ދިމާ ވިޔަ ނުދިނުމަށް ޓަކައި ވަގުތު އޮއްވައި ދަތުރު ރާވައި، ވިސާ އަށް އެދުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.
އަދި ބުނެފައި ވަނީ ވިސާ ނުހޯދައި، (އޮން އެރައިވަލް ވިސާ ލިބޭ ގޮތަށް) ދިވެހިންނަށް އިންޑިއާ އަށް ދަތުރު ކުރެވޭނީ ޓޫރިސްޓުންގެ ގޮތުގައި ކަމަށާއި އެހެން ވީމާ އެނޫން ބޭނުމަކަށް ދަތުރުކުރާ ނަމަ، އެ ދަތުރަކާ ގުޅޭ ވިސާއެއް ހޯދުމަށް އެދި، އެވިސާއެއް ހޯދައިގެން ދަތުރުކުރުމަށް އިރުޝާދުދޭ ކަމަށެވެ.
އިންޑިއާ އަށް ދިއުމަށް ބޭނުންވާ ޓޫރިސްޓް ވިސާ ފިޔަވައި އެހެން ވިސާތައް ހޯދުމަށް ކުރިން ހޭދަވަނީ ދެ ދުވަސް ނުވަތަ ތިން ދުވަހެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނީ ވިސާހޯދުމަށް ހޭދަވާ މުއްދަތަށް މިއައި ބަދަލަކީ ޓެކްނިކަލް ސަބަބުތަތަކާ ހެދި އައި ބަދަލެއް ކަމަށާއި އެކަމުގައި އެހެން ސަބަބެއް ނެތް ކަމަށެވެ.