އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 16.9 ބިލިއަން ރުފިޔާގެ ބަޖެޓުން އެއް ބިލިއަން ރުފިޔާ އުނިކުރަން ބަޖެޓް ކޮމެޓީއަށް ހުށަހަޅައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބަޖެޓް ކޮމެޓީގެ ބައްދަލުވުމުގައި މެންބަރުން ބަހުސް ކުރެއްވުމަށް ފަހު ޖުމްލަ ނުވަ ދާއިރާއަކުން ބަޖެޓް އުނިކުރެއްވުމަށް ހުށަހެޅުއްވައި ކޮންމެވެސް ވަރެއްގެ އެއްބަސްވުންތަކަކަށް ވަނީ އާދެވިފަ އެވެ.

އެގޮތުން ދަތުރުފަތުރު ކުރުމުގެ ހަރަދުގެ ގޮތުގައި ކަނޑައަޅާފައިވާ 180 މިލިއަން ރުފިޔާގެ ތެރެއިން 50 ޕަސެންޓް އުނިކޮށް 90.3 މިލިއަން ރުފިޔާ އަށް ކުޑަކުރަން ވަނީ ހުށަހަޅައިފަ އެވެ. އަދި މުސާރަ އާއި އުޖޫރައިގެ ބައިން 50 ޕަސެންޓް ކުޑަކޮށް 115 މިލިއަން ރުފިޔާ އަށް ކުޑަކުރަން ވަނީ ހުށަހަޅައިފަ އެވެ. އަދި އޮފީސް ހިންގުމަށް ބޭނުންކުރާ ތަކެތީގެ ހަރަދުން ވެސް 30 ޕަސެންޓް އުނިކޮށް 127 މިލިއަން ރުފިޔާއަށް ކުޑަކުރަން ހުށަހަޅައިފައިވެ އެވެ. އަދި އޮފީސް ހިންގުމަށް ބޭނުންވާ ހިދުމަތުގެ ހަރަދުން ވެސް 35 ޕަސެންޓް އުނިކޮށް 451.71 މިލިއަން ރުފިޔާ އަށް ބަޖެޓް ކުޑަކުރަން ވަނީ ހުށަހަޅައިފަ އެވެ.

އަދި ހިދުމަތް ދިނުމުގެ ހަރަދަށް ބޭނުންވާ ބައިތަކުން 30 ޕަސެންޓް އުނިކޮށް 49.77 މިލިއަން ރުފިޔާ އަށް އެ ހަރަދުތައް ކުޑަކުރަން ވަނީ ހުށަހަޅައިފަ އެވެ. އަދި ތަމްރީނުގެ ހަރަދަށް ބަޖެޓް ކޮށްފައިވާ ފައިސާ އިން 50 ޕަސެންޓް އުނިކޮށް 29.58 މިލިއަން ރުފިޔާއަށް ކުޑަކުރަން ހުށަހަޅާފައިވެ އެވެ. އަދި މަރާމާތު ކުރުމުގެ ހަރަދުތަކުގެ ތެރެއިން 50 ޕަސެންޓް އުނިކޮށް 101.25 މިލިއަން ރުފިޔާ އަށް ހަރަދުތައް ކުޑަކުރަން ވަނީ ހުށަހަޅާފަ އެވެ. އަދިވެސް ހޯދަން ޖެހޭ އެކި އެކި ތަކެތި ހޯދުމުގެ ހަރަދުތައް ވެސް 35 ޕަސެންޓް ކުޑަކޮށް 102.03 މިލިއަން ރުފިޔާއަށް ކުޑަކުރަން ވަނީ ހުށަހަޅައިފަ އެވެ. އެއީ ޖުމްލަ 1.07 ބިލިއަން ރުފިޔާ އެވެ.

ބަޖެޓް ކޮމެޓީގެ މެންބަރަކު ވިދާޅުވީ އެ އަދަދުތައް ކުޑަކުރުމަށް އެމްޑީޕީން ވެސް ޕީޕީއެމްއިން ވެސް އަދި ޑީއާރުޕީން ވެސް އެ އަދަދުތަކަށް އެއްބަސްވާ ކަމަށާއި ނަމަވެސް އެކަން މުޅިން ފައިނަލް ކުރެވޭނީ ބަޖެޓް ކޮމެޓީގައި ވޯޓެއް ނަގައިގެން ކަމަށެވެ. އަދި ވިދާޅުވީ މެންބަރުންގެ ވިސްނުން ހުރީ ބަޖެޓް ކުޑަކުރުމަށް ކަމަށެވެ.

"މެންބަރުން ބޭނުމެއް ނުވޭ، ޓީ ބިލް ނަގައިގެން ކޮމާޝަލް ލޯނުނަގައިގެން ނެތްވަރުން ހަރަދުކުރާކަށް. މެންބަރުން ބޭނުންވަނީ ލިބޭ އެއްޗަކުން ދެކޮޅު ޖައްސަން، އެ ވިސްނުމުގައި ހުރީ. އުސޫލެއްގެ ގޮތުން އަދަދުތަކާ މެދު ވަނީ އެއްބަސްވެފައި،" މެންބަރު ވިދާޅުވި އެވެ.

އެންމެ ފަހުން ބޭއްވި ބަޖެޓް ކޮމެޓީގައި ވެސް މެންބަރުން ވަނީ ބަޖެޓް 14 ބިލިއަން ރުފިޔާ އަށް ކުޑަކުރަން ޖެހޭ ކަމަށް ވިދާޅުވެ އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަންނަ އަހަރުގެ ބަޖެޓްގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީއަކީ 10 ބިލިއަނެއްހާ ރުފިޔާ އެވެ. މިހާރު ލަފާކުރާ އަދަދަށް އާމްދަނީ ނުލިބި ބަޖެޓްގެ ތާށިކަމެއް އައިސްފާނެތީ އެމްއެމްއޭއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.