16 Dec 2012, 13:46
މިދިޔަ އޮކްޓޯބަރު މަހު ބަޔަކު ބަޑިން ހަމަލާދީ ޒަހަމްކޮށްލި ޕާކިސްތާނުގެ އަންހެން ކުއްޖާ މަލާލާ ޔޫސުފްޒާއީގެ ނަމުގައި، އަންހެން ކުދިންގެ ތައުލީމަށް ހަރަދުކުރާނެ ފަންޑެން އުފައްދައިފި އެވެ.
އަންހެން ކުދިންނަށް ތައުލީމު ދިނުމަށް ގޮވާލަމުން ދިޔަ ޕާކިސްތާނުގެ ވާޒީރިސްތާން ސަރަހައްދަށް ނިސްބަތްވާ މަލާލާގެ ނަމުގައި އުފެއްދި "މަލާލާ ފަންޑް ފޯ ގާލްސް އެޑިއުކޭޝަން"އަށް ހަދިޔާ ކުރި ފުރަތަމަ އެހީ މި މަހުގެ 10 ވަނަ ދުވަހު ޕާކިސްތާނު ސަރުކާރުން ވަނީ ދީފަ އެވެ. އެއީ 10 މިލިޔަން ޑޮލަރެވެ.
ދުނިޔޭގެ އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ބޭއްވި ބޮޑު ރަސްމިއްޔާތެއްގައި ފަންޑު ލޯޗް ކުރީ ވެސް އެދުވަހު އެވެ.
"މަލާލާއަށް ޓަކައި ތެދުވޭ، އަންހެން ކުދިންގެ ތައުލީމަކީ ހައްގެއް،" ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުގެ ރައީސް އާސިފު އަލީ ޒަރުދާރީ ވިދާޅުވި އެވެ. އަދި ފަންޑަށް ފުރަތަމަ 10 މިލިޔަން ޑޮލަރު ހަދިޔާކުރާނީ ޕާކިސްތާނުން ކަން އޭނާ އިއުލާން ކުރެއްވި އެވެ.
މަލާލާ ފަންޑް ހުޅުވައި ދެއްވީ ރައީސް އާސިފު އަލީ ޒަރުދާރީ އާއި ޔުނެސްކޯގެ ޑިރެކްޓަރު ޖެނެރަލް އިރްނާ ބޮކޯވާ އެވެ.
މަލާލާގެ ނަމުގައި ޕާކިސްތާނާއި ޔުނެސްކޯ ގުޅިގެން މި ހުޅުވި ފަންޑުގެ މަގުސަދަކީ އަންހެން ކުދިންނަށް ހުރިހާ އަންހެން ކުދިންނަށް ސްކޫލްތަކަށް ވަދެވޭނެ ގޮތް ހެދުމަށް ގޮވާލަމުންދާ ގޮވާލުމަށް އިތުރު ދިރުމެއް ގެނައުން ކަމަށް ޔުނެސްކޯއިން ބުންޏެވެ.
ފަންޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގެން ވާހަކަ ދެއްކެވި އިސް ބޭފުޅުންގެ ތެރޭގައި ފްރާންސްގެ ބޮޑުވަޒީރު ޖީން މާކް އަޔުރޯލްޓްއާއި ޔޫއެން ވޮމެންގެ އެގްޒެކެޓިވް ޑައިރެކްޓަރު މިޝޭލް ބާޝްލެޓާއި ޔޫއެން ސްޕެޝަލް އެންވޯއީ ފޯ ގްލޯބަލް އެޑިއުކޭޝަން އަދި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ގޯޑަން ބްރައުން ހިމެނިވަޑައިގަންނަވަ އެވެ.
އަންހެން ކުދިންނަށް ކުރާ އެންމެހާ އަނިޔާތައް ހުއްޓުވުމަށާއި އެ ކުދިންގެ ތައުލީމަށް އެޅިފައިވާ ހުރިހާ ހުރަސްތަކެއް ނައްތާލުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށް އެއްބަސްވެ ވަޑައިގެން، ރަސްމިއްޔާތުގައި ބައިވެރިވަޑައިގެންނެވި ބޭފުޅުން "ސްޓޭޓްމެންޓް އޮފް ކޮމިޓްމެންޓް" އެއްގައި ސޮއިކުރެއްވި އެވެ.
އަފްޣާނިސްތާނާއި މިސްރާއި ސައުދީ އަރަބިއްޔާ ސްވިޑުންއާއި އަދި ޔޫއޭއީގެ މިނިސްޓަރުންނާއި އިސް މަންދޫބުން އަދި ސްޕެޝަލް ރެޕްރެޒެންޓިވް އޮފް ޔޫއެން ސެކްރެޓަރީ ޖެނެރަލް ފޯ ޗިލްޑްރަން އެންޑް އާމްޑް ކޮންފްލިކްޓް އަދި އިސެސްކޯގެ ޑިރެކްޓަ ޖެނެރަލް ވެސް އެ ސްޓޭޓްމެންޓަށް ތާއީދު ކުރެއްވި އެވެ.
ސްޓޭޓްމެންޓްގައި އެ ބޭފުޅުން ވައުދުވެވަޑައިގެންފައި ވަނީ އިންސާނީ ހައްގެއްގެ ގޮތުގައި އަންހެން ކުދިންނަށް ތައުލީމު ލިބުމުގެ ހައްގު ދިފާއު ކުރެއްވުމަށް މަސައްކައް ކުރެއްވުމަށެވެ. އަދި އެކަމުގެ މުހިއްމު ކަމުގެ މައްޗަށް އެބޭފުޅުން ވާހަކަ ދެއްކެވި އެވެ.
"މާ ގިނަ ގައުމުތަކުގައި، މާގިނަ އަންހެން ކުދިން ހިފަހައްޓާފައި ވަނީ، ހަމަ އެކަނި އެ ކުންދިންނަކީ އަންހެން ކުދިންނަށް ވީތީ،" ޔުނެސްކޯގެ ޑިރެސްޓަރު ޖެނެރަލް އިރްނާ ބޮކޯވާ ވިދާޅުވި އެވެ.
"އެކުދިންނަށް މަޖުބޫރުކޮށްފައި ވަނީ މަސައްކަތް ކުރަން، އެކުދިން ވަނީ ކައިވެނި ކުރުވާފައި، އެކުދިން ވަނީ ސްކޫލްތަކާ ދުރަށް ގެންގޮސްފައި، މިއަދު 32 މިލިޔަން ކުދިން ޕްރައިމަރީ ސްކޫލްތަކުން ބޭރުގައި އެބަތިބި، ހަމަ އެ އަދަދުގެ ކުދިން ސެކަންޑްރީ ސްކޫލްތަކުން ބޭރުގައި ވެސް އެބަ ތިބި،" ބޮކޯވާ ވިދާޅުވި އެވެ.
ގޯޑަން ބްރައުން ވިދާޅުވީ ކުރިއަށް ވުރެ ބޮޑު ސަމާލުކަމެއް (އަންހެން ކުދިންގެ ތައުލީމަށް) މިހާރު މިތިބީ ދީގެން ކަމަށާއި ކޮންމެ އަންހެން ކުއްޖަކާއި ކޮންމެ ފިރިހެން ކުއްޖަކީ ސްކޫލަށް ދެވޭ ކުއްޖަކަށް ހެދުމަށް ކަނޑައަޅާފައިވާ މިލޭނިއަމް ގޯލް 2015 ވަނަ އަހަރު އަންނަންވާއިރަށް ހާސިލު ކުރެވޭނެ ކަމަށެވެ. ( ޔުނެސްކޯ)