ބައްތިރީސް ވަނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޒަން ގައި އިއްޔެ ހަވީރު ކުޅުނު މެޗުން ގުޑީސްގެ މައްޗަށް ކާމިޔާބު ހޯދައި ފައިނަލުގެ ދެ ވަނަ ޖާގަ ޓީ-ރެކްސް އިން ކަށަވަރު ކޮށްފި އެވެ.

ހުކުރު ދުވަހު ހަވީރު ކުޅުނު ފޯރިދަ މެޗުގައި ޓީ-ރެކްސް އަތުން ގުޑީސް ބަލިވީ 45 ޕޮއިންޓު 54 ޕޮއިންޓުން ނެވެ. މިއީ މި މުބާރާތުގައި ގުޑީސް އިން ބަލި ނުވެ ދަމަހަށް ޓަމުން އައި ރެކޯޑުގެ ނިމުން ވެސް އައި މެޗެވެ. އެހެން ނަމަވެސް އެ ޓީމު ވަނީ 10 ޕޮއިންޓާ އެކު ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފަ އެވެ.

އެ މެޗުގައި ޓީ-ރެކްސް އަށް އެންމެ ގިނަ ޕޮއިންޓު ހޯދައި ދިނީ 31 ޕޮއިންޓު އެ ޓީމަށް ހޯދައި ދިން އާމިނަތު ޝިއުރާ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނީ ޝިއުރާ އެވެ. މި މެޗުގައި ގުޑީސް އަށް އެންމެ ގިނަ ޕޮއިންޓު ހޯދައި ދިނީ އެ ޓީމަށް 10 ޕޮއިންޓު ހޯދައި ދިން އާމިނަރު ޝާއިނާ އެވެ.

މި މަހު 18 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ގައުމީ މުބާރާތުގެ ފައިނަލަށް ޓީމުތައް ހޮވީ ބައިވެރިވި ތިން ޓީމުގެ މެދުގައި ދެ ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެވެ. މިގޮތުން ތާވަލުގެ އެއް ވަނައިގައި 10 ޕޮއިންޓާ އެކު އޮތީ ގުޑީސް އެވެ. ދެވަނައިގައި ހަތް ޕޮއިންޓާ އެކު އޮތީ ޓީ-ރެކްސް އެވެ. އަދި ވިކްޓަރީ ސްޕޯޓްސް ކުލަބަށް ލިބިފައިވަނީ އެންމެ ތިން ޕޮއިންޓެވެ.

އަންހެން ޑިވިޒަންގެ ދެވަނަ ބުރުގެ ފަހު މެޗުގައި މިއަދު ހަވީރު ބައްދަލު ކުރާނީ ވިކްޓަރީ ސްޕޯޓްސް ކުލަބާއި ޓީ-ރެކްސް ބާސްކެޓްބޯޅަ ކުލަބެވެ. މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:15 ގަ އެވެ.