16 Dec 2012, 13:12
ރ. އަލިފުށީ ކައުންސިލަށް ޑީއާރުޕީގެ ޓިކެޓްގައި އިންތިހާބުވި ދެ ކައުންސިލް މެންބަރުން ވެސް ޕީޕީއެމްއާ ގުޅިވަޑައިގެންފި އެވެ.
ޕީޕީއެމްގެ ކައުންސިލް މެންބަރު އަހްމަދު ސިއްދީގު މިއަދު ވިދާޅުވީ ރޭ އަލިފުށީގައި ބޭއްވި ޖަލްސާގައި އަލިފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް އަބްދުއްރަހުމާނާއި ކައުންސިލް މެންބަރު ހަބީބާ އިދްރީސް އެ ޕާޓީ އަށް ސޮއި ކުރައްވާފައިވާ ކަމަށެވެ.
އޭގެ އިތުރުން ވެސް ބައެއް އާންމުން ވެސް ރޭގެ ޖަލްސާތެރޭގައި ޕީޕީއެމްއަށް ސޮއި ކޮށްފައިވާ ކަމަށް ސިއްދީގު ވިދާޅުވި އެވެ.
ޑީއާރުޕީ ޓިކެޓްގައި އަލިފުށީ ކައުންސިލަށް އިންތިހާބުވެފައި ވަނީ ތިން މެންބަރުންނެވެ. އޭގެ ތެރެއިން އެއް މެންބަރަކު އަދި ވެސް ޑީއާރުޕީގައި ހުންނެވި އިރު އެ ކައުންސިލުގައި ޕީޕީއެމްގެ ދެ މެންބަރުން ތިއްބަ އެވެ.
ކައުންސިލަރު ކަމަށް އިންތިހާބުވި އިރު އެ މީހަކު ހުރި ޕާޓީ ފިޔަވައި އެހެން ޕާޓީއަކަށް ބަދަލު ނުވެވޭ ގޮތަށް އޮތް އޮތުން ނިންމުމަށް ސުޕްރީމް ކޯޓުން ބަދަލުކުރުމާ ގުޅިގެން ޑީއާރުޕީގެ ގިނަ ކައުންސިލަރުންތަކެއް ވަނީ އެ ޕާޓީން ވަކިވެފަ އެވެ. އަދި އޭގެ ތެރެއިން ގިނަ މެންބަރުންތަކެއް ޕީޕީއެމްއަށް ގެންދަނީ ސޮއި ކުރައްވަމުންނެވެ.
ޑީއާރުޕީން ބުނެފައި ވަނީ އެ ޕާޓީ އަށް ތާއީދުނުކުރާ މެންބަރުން ޕާޓީން ވަކި ވުމަކީ އެ ޕާޓީ އަށް ލިބޭނެ ފައިދާއެއް ކަމަށެވެ.