ކުރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ބޭއްވި 47 ވަނަ ގައުމީ ކްރިކެޓް މުބާރާތުގެ ފައިނަލް މެޗްގެ ތިން ދުވަހުގެ ކުޅުން ނިމުނުއިރު މެޗް ނިމުނީ ދެ ޓީމް އެއްވަރުވެގެން އެވެ. މުބާރާތުގެ ތިން ވަނަ ދުވަސް ނިމުނު އިރު ކުޅެމުން ދަނީ މާލޭ ސްޕޯޓްސް ކްލަބް އެވެ. މާލޭ ސްޕޯޓްސް ކްލަބް މޮޅުވުމަށްޓަކައި ދެ ވަނަ އިނިންގްސްގައި ހަދަން ޖެހުނީ 244 ލަނޑެވެ. ހިރިޔާ މޮޅުވުމަށް ޓަކައި ބޭނުންވަނީ 21 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން 244 ލަނޑުގެ ކުރިން ނުބައިކުރުމެވެ. ދުވަހުގެ ކުޅުން ނިމުނު އިރު މާލޭ ސްޕޯރޓްސް ކްލަބް ވަނީ ތިންް ކުޅުންތެރިން ނުބައިވެގެން 111 ލަނޑުހަދައިފަ އެވެ.

ހިންނަވަރު ހިރިޔާ ފުރަތަމަ އިނިންގްސް 295 ލަނޑު ހެދި އިރު، އެންމެ ރަނގަޅަށް ކުޅުނީ 79 ލަނޑުހެދި މިހުސާން ހާމިދު އެވެ. އަދި އިދިކޮޅު މާލޭ ސްޕޯޓްސް ކްލަބުން އަހްމަދު ނީސާމް 49 ލަނޑަށް ހަތަރު ވިކެޓްނެގި އެވެ.

މާލޭ ސްޕޯރޓްސް ކްލަބުގެ ފުރަތަމަ އިނިންގްސް 259 ލަނޑު ހެދުނު އިރު އެންމެ ރަނގަޅަށް ކުޅުނީ 82 ލަނޑު ހެދި އަސާން އާއި ނުބައިނުވެ 68 ލަނޑުހެދި މުއާވިއަތު އަބްދުލް ޣަނީއެވެ. އަދި ހިރިޔާ ޓީމުން އެންމެ ރަނގަޅަށް އުކީ 54 ލަނޑަށް 3ން ވިކެޓްނެގި މުސްތާގު އަހްމަދު އެވެ.

ހިރިޔާ ދެވަނަ އިނިންގްސް 206 ލަނޑު، އެންމެ ރަނގަޅަށް ކުޅުނީ 49 ލަނޑުހެދި އިބްރާހިމް އަލީ އާއި 69 ލަނޑަށް 5 ވިކެޓް ނެގި މުހަންމަދު މަހަފޫޒެވެ.

މުބާރާތުގެ ފައިނަލް މެޗަށް ފަހު ވަނަ ވަނަ އަށް އާ ފަރާތްތަކަށް ތައްޓާއި މެޑަލް އަދި ހަދާނީ ލިޔުން ދެއްވާފަ އެވެ. އެގޮތުން މުބާރާތުގެ އެންމެ މޮޅު ހޮވުންތެރިޔާ އަށް މާލޭ ސްޕޯޓްސްގެ ހަސަން ހީޒިގް ހޮވުނުއިރު،މުބާރާތުގެ އެންމެ މޮޅު އުކުންތެރިޔަކަށް ހޮވުނީ މާލޭ ސްޕޯޓްސްގެ މުހަންމަދު މަހަފޫޒެވެ. އަދި މުބާރާތުގެ އެންމެ މޮޅު ބެޓްސްމަންގެ މަގާމް ވެސް މާލޭ ސްޕޯޓްސްގެ މުއާވިއަތު އަބްދުލްޣަނީއަށް ލިބުނު އިރު، މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހިރިޔާގެ މިހުސާން ހާމިދެވެ. އަދި 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ދިފާއު ކުރީ އެސް ހެލްޕިންގް ހޭންޑް އެކަޑަމީގެ އިސްމާއިލް އަލީ އެވެ.