16 Dec 2012, 12:55
ޔޫއެން ގްލޯބަލް ކޮންޕެކްޓުގެ ދަށުން މަސައްކަތްކުރުމަށް ދިވެހި 18 ކުންފުންޏަކުން ސޮއިކޮށްފި އެވެ.
މިއަދު ޓްރޭޑާސް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ޔޫއެން ގްލޯބަލް ކޮންޕެކްޓުގައި ސޮއިކޮށްފައިވާ 18 ފަރާތްކުގެ ތެރޭގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަށްކަމަށްވާ ދިރާގާއި ވަތަނިއްޔާ އާއި އެސްޓީއޯގެ އިތުރުން ކުލަބް ވެލެންސިއާ ވެސް ހިމެނެ އެވެ.
އެރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫއެންޑީޕީ ރެސިޑެންޓް ރެޕްރެސެންޓޭޓާ އެންޑުރޫ ކޮކްސް ވިދާޅުވީ ގްލޯބަލް ކޮންޕެކްޓަކީ ކުންފުނިތައް ގުޅިގެން މުޖުތަމައުއަށް ފައިދާކުރުވަނިވި ކަންތަށްތައް ކުރުމަށް މަސައްކަތްކުރުމަށް ހިންގާ ކޮންޕެކްޓެއް ކަމަށެވެ. އެގޮތުން ސޮއިކުރުވި ފަރާތްތަކުން އެކޮންޕެކްޓްގައިވާ 10 ލަޑުދަނޑި ހާސިލްކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ. އޭގެެތެރޭގައި ހިއުމަން ރިސޯސް އާއި ތިމާވެއްޓައި ކޮރަޕްޝަން ނައްތާލުމަށް މަސައްކަތްކުރުން ހިމެނެ އެވެ.
"މި ކޮންޕެކްޓްގައި ހިމެނޭ ވިޔަފާރި ކުރާފަރާތްތަކުގެ މައިގަނޑު ދިހަ ޕްރިންސިޕަލް އަކީ ފައިދާ އިތުރުކުރުމާއި ރަނގަޅު މާކެޓެއް ހޯދުން، ހަރަދު ކުޑަކުރުން، ކެޕިޓަލް އެކްސަސް ކުރުން، ރިސްކުމެނޭޖްކުރުން އަދި ބްރޭންޑް ވެލިއޫ ކުރުމާއި ތަފާތު ގިނަ ކަންތައްތައް ކުރުން." އެންޑުރޫ ކޮކްސް ވިދާޅުވި އެވެ.
އެ ކޮންޕެކްޓުގައި މިއަދު ސޮއިކޮށްފައިވާ ދިރާގުގެ މާކެޓިން އެންޑް ޕީއާރް، އިބްރާހިމް އިމްޖާދް ޖަލީލް ވިދާޅުވީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ދަށުން މިހާރު ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި ތަޖުރިބާނެތް ކުދިނަށް ވަޒީފާގެ ފުރުސަތް ދިނުމަށް ތަފާތު މަސައްކަތްތައް ކުރަމުންދާ އިރު ތިމާވެއްޓާ ރަހުމަތްތެރި ގޮތެއްގައި މަސައްކަތް ކުރުމުންދާ ކަމަށެވެ.
ޔޫއެންޑީޕީން ބުނީ މުޅި ދުނިޔޭގައި 7000 އަށް ވުރެ ގިނަ ފަރާތްތަކުން އެކޮންޕެކްޓުގައި ސޮއިކޮށްފައިވާ އިރު އެކޮންޕެކްޓްގެ ދަށުން ކޮންމެ ގައުމެއްގައި ވެސް ލޯކަލް ނެޓްވޯކެއް ހަދައިގެން ސީއެސްއާރް ހިދުމަތުގެ ތެރެއިން މުޖުތަމައުއަށް ފައިދާކުރުވަނިވި ކަންތައްތައް ކުރުމަށް މަސައްކަތްތަށް ކުރުން ހިމެނޭ ކަމަށެވެ.