16 Dec 2012, 12:20
އަށްވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ރޭ ކުލަބު އީގަލްސްއާ ވާދަކޮށް ތަފާތު ބޮޑުކޮށް ޓީ-ރެކްސް މެޗު ކާމިޔާބު ކޮށް ތާވަލުގެ ދެވަނަ ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ޓީ-ރެކްސް އިން އީގަލްސް ބަލިކުރީ 104 ޕޮއިންޓު 74 ޕޮއިންޓުން ނެވެ. އެ މެޗުގައި ޓީ-ރެކްސް އަށް އެންމެ ގިނަ ޕޮއިންޓު ނަގައި ދިނީ 21 ޕޮއިންޓު ހޯދައިދިން މުހައްމަދު ހުޝާމް އެވެ. އީގަލްސް އަށް އެންމެ ގިނަ ޕޮއިންޓު ހޯދައި ދިނީ 30 ޕޮއިންޓު ޓީމަށް ހޯދަދީ މުޅިމެޗުގެ އެންމެ ގިނަ ޕޮއިންޓު ހޯދި ނިކޮލާ ކޫގާ އެވެ. ރޭގެމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޓީ-ރެކްސް އަށް 12 ޕޮއިންޓު ހޯދައިދީ މެޗުގައި ފާހަގަ ކޮށްލެވޭ މޮޅު ކުޅުމެއް ދެއްކި މުހައްމަދު އަބްދުލް ވައްހާބު އެވެ.
ފުރަތަމަ ބުރު ނިމުނު އިރު ތާވަލުގެ އެންމެ ކުރީގައި 9 ޕޮއިންޓާ އެކު އޮތީ ރެޑްލައިން ކުލަބެވެ. އަދި ދެވަނައިގައި 9 ޕޮއިންޓާ އެކު އޮތީ ޓީ-ރެކްސް ބީސީ އެވެ. 7 ޕޮއިންޓާ އެކު ތާވަލުގެ ތިންވަނަ ލިބެނީ ދިވެހި ސިފައިންގެ ކުލަބަށެވެ. ހަތް ޕޮއިންޓާ އެކު ތާވަލުގެ 4 ވަނަ ހަރިކޭން ބީސީ އަށް ލިބޭ އިރު ޕޮލިސް ކުލަބަށް ހަތް ޕޮއިންޓާ އެކު ލިބުނީ ތާވަލުގެ ފަސް ވަނަ އެވެ. އަދި މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން މޮޅު ނުވެ ކުލަބް އީގަލްސް ދިޔައީ ފަސް ޕޮއިންޓާ އެކު ތާވަލުގެ ފުލަށެވެ.
ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެވަނަ ބުރުގައި ވާދަކުރާނީ ފުރަތަމަ ބުރު ނިމުނު އިރު އެންމެ ކުރީގައި އޮތް ހަތަރު ޓީމެވެ.
ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޓީ-ރެކްސް އާއި ދިވެހި ސިފައިންގެ ކުލަބެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅެން ހަމަޖެހިފައިވާ މި މެޗު ފަށާނީ މިރޭ ނުވައެއް ޖަހާ އިރު އެވެ.