16 Dec 2012, 11:25
ހިތްވަރު ބޯޓު އަޑިއަށް ދިޔަ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށް މެރިން ޕޮލިސްގެ ޓީމެއް މިހާރު އައްޑޫ ސިޓީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
"އެ މައްސަލަ ތަހުގީގު ކުރުމަށް މެރިން ޕޮލިސްގެ ޓީމެއް އައްޑޫ ސިޓީގައި މިހާރު ހަރަކާތްތެރިވަމުން ދަނީ،" މީޑިއާ އޮފިޝަލް ވިދާޅުިވި އެވެ.
ހިތްވަރު ބޯޓުން ދަތުރުކުރި މީހުން ފެނިފައި ވަނީ ގެއްލިގެން ހޯދާތާ 10 ވަރަކަށް ދުވަސް ފަހުން ލަންކާގެ މަސްބޯޓަކަށެވެ. ލަންކާގެ މަސް ބޯޓަށް އެ ބޯޓުން ދަތުރު ކުރި މީހުން ފެނުނީ ގއ. ދާންދޫއާ ދިމާލު އިރުމަތިން ގާތްގަނޑަކަށް 290 މޭލު ބޭރުގައި އޮއްވަ އެވެ. އަދި ކޯސްޓްގާޑުން އެ ސަރަހައްދަށް ގޮސް އެ މީހުން އައްޑޫ ސިޓީއަށް ގެންގޮސްފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ އެވެ.
އެ ބޯޓުން ދަތުރު ކުރި 10 މީހުންގެ ތެރެއިން ބަންގްލަދޭޝްގެ މީހަކާއި ގދ. ރަތަފަންދޫ ސޯސަންވިލާ، ހަސަން ފުތާ، 76، ވަނީ މަރުވެފަ އެވެ. އަދި ސަލާމަތްވެފައި ވަނީ ބަނގްލަދޭޝްގެ ތިން މީހަކާއި 11 އަހަރުގެ ކުއްޖެއް ކަމަށްވާ ސ. ހިތަދޫ ކާފޫރުތޮޅިގޭ އަލީ އަމީޒު އާއި ބޯޓުގެ ކެޕްޓަން ހަމައެގޭ އަބްދުﷲ ނަސްރު، 22، އާއި އެ ރަށު ވައިލެޓްފެހި މުހައްމަދު ޝިހާމް ހަބީބު، 25، އާއި މަންޒިލްގޭ މުހައްމަދު ޝަހީމް، 24، އާއި މަރަދޫފޭދޫ ލަކްޝަނީވިލާ ހަސަން ހަލީލް، 42، އެވެ.
ބަންގްލަދޭޝްގެ މީހާ އާއި ގދ. ރަތަފަންދޫ ސޯސަންވިލާ، ހަސަން ފުތާ މަރުވެފައި ވަނީ ބޯޓު އަޑިއަށް ދާން ފެށުމުން އެންމެން ޑިންގީ އަށް އަރައި ތިއްބައި ކަމަށް ބޯޓުގެ ކެޕްޓަނާ ހަވާލާދީ އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އަދި މަރުވި ދެ މީހުން ކަނޑަށް ދޫކޮށްލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.