16 Dec 2012, 11:15
ޖަޕާނުގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް ފަސޭހަ ނުވިޔަސް ޗެލްސީގެ އުންމީދަކީ މެޗް ކާމިޔާބު ކުރުން ކަމަށް އެޓީމުގެ ކޯޗްކަމާއި ވަގުތީ ގޮތުން ހަވާލުވި ސްޕޭނުގެ ރަފައެލް ބެނިޓޭޒް ބުނެފި އެވެ.
ފައިނަލް މެޗުގައި މިއަދު ރާއްޖެ ގަޑިން 3:00 ޖަހާއިރު ކޯޕާ ސައުތު އެމެރިކާ ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކޮރިންތިއަންސްއާ ދެކޮޅަށް ނިކުތުމުގެ ކުރިން ޔޫރަޕްގެ ޗެމްޕިއަން ޗެލްސީގެ ކޯޗް ބެނިޓޭޒް ބުނީ މިއަދުގެ ފައިނަލް މެޗަކީ ފަސޭހަ ވާނެ މެޗެއް ނޫން ކަމަށާއި އެހެން ނަމަވެސް ޗެލްސީގެ ކުޅުންތެރިންގެ އުންމީދަކީ މެޗުން މޮޅުވުން ކަމަށެވެ.
"މެޗް ފަސޭހަ ނުވިޔަސް ހިތްވަރު ކޮށްފިނަމަ އަހަރުމެންނަށް މޮޅުވެވިދާނެ. މިމެޗަށް ޓީމް އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައި،" ބެނިޓޭޒް ބުންޏެވެ.
ބެނިޓޭޒްގެ އިރުޝާދުގެ ދަށުން ޗެލްސީ މިމުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗް އެއްވަރުވެ ތިންވަނަ މެޗުން އެޓީމު ބަލިވި ނަމަވެސް، އެންމެ ފަހުން ކުޅުނު ތިން މެޗް އެޓީމުން ވަނީ ކާމިޔާބު ކޮށްފަ އެވެ. އަދި ޗެލްސީ މުބާރާތުގެ ފައިނަލުން ޖާގައެއް ކަށަވަރު ކުރީ ވެސް މެކްސިކޯގެ މޮންޓެރޭ އަތުން 3-1 ލަނޑުން މޮޅުވެގެންނެވެ.
ޗެލްސީއާ ދެކޮޅަށް ނިކުންނަ ކޮރިންތިއަންސްއިން ފައިނަލުގެ ޖާގަ ކަށަވަރު ކުރީ މިސްރުގެ އަލް އަހްލީ 1-0 ލަނޑުން ބަލިކުރުމަށް ފަހު އެވެ.