16 Dec 2012, 11:11
ގޯލް ލައިން ޓެކްނޮލޮޖީއާ ދެކޮޅު ބަޔަކު އަދިވެސް އުޅޭކަން ފާހަގަކޮށްލެވޭ ކަމަށް ފީފާގެ ރައީސް ސެޕް ބްލެޓާ ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ފީފާ އެގްޒެކެޓިވް ކޮމެޓީގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ބްލެޓާ ވިދާޅުވީ، ގޯލް ލައިން ޓެކްނޮލޮޖީ ދުނިޔެއަށް ތައާރަފް ކުރުމަށް ފީފާއިން ކުރަމުން އަންނަ މަސައްކަތަށް ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށާއި އެހެން ނަމަވެސް އެކުރިއެރުން ތަކާ ދެކޮޅަށް، ފުޓްބޯޅައަށް ލޯބިކުރާ މަދު ބަޔަކު ދެކޮޅު ހެދި ކަމުގައި ވިޔަސް އޭގެ ފައިދާ ފަހުން ފެންނާނެ ކަމަށް ބްލެޓާ ވިދާޅުވި އެވެ.
"ގޯލް ލައިން ޓެކްނޮލޮޖީ މަސައްކަތް ވަރަށް ހަލުވި ކަމާއެކު ދަނީ ކުރިއަށް. އެކަން ކުރެވޭނެ. އެހެން ކަމުން ރެފްރީނަށް ފަށޭހަވާނެ. ޓެކްނޮލޮޖީގެ ޓެސްޓްތައް މިހާރު ކުރިއަށްދޭ. ގޯލް ލައިން ޓެކްނޮލޮޖީ ތައާރަފް ކުރުމުން ފުޓްބޯޅައިގެ ފޯރިއަށް ބަދަލެއް ނާންނާނެ،" ބްލެޓާ ވިދާޅުވި އެވެ.
ގޯލްލައިންގެ ޓެކްނޮލޮޖީ ތައާރަފް ކުރުމަށް ފީފާގެ ރައީސް ބްލެޓާ ކުރަމުން އަންނަ މަސައްކަތަށް ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު މަރުހަބާ ކިޔަމުން އަންނައިރު، ޔޫއެފާގެ ރައީސް މިޝެލް ޕްލެޓީނީ އަންނަނީ އެކަމާ ދެކޮޅު ހައްދަވަމުންނެވެ. އެ ޓެކްނޮލޮޖީއަކީ ބޭނުން ޓެކްނޮލޮޖީއެއް ނޫންކަމަށް ޕްލެޓިނީ ވަނީ މިދިޔަ މަހުވެސް ބުނެފަ އެވެ.
ގޯލް ލައިން ޓެކްނޮލޮޖީ ތާރަފް ކުރަންޖެހޭ ކަމަށް ގިނަ ބަޔަކު ބުނަންފެށީ އެންމެ ފަހުގެ ވޯލްޑްކަޕްގައި ޖަރުމަނާއި އިނގިރޭސިން ބައްދަލުކުރި މެޗްގައި އިނގިރޭސި މިޑްފީލްޑަރު ފްރޭންކް ލަމްޕާޑް ޖެހި ބޯޅަ ގޯލްގެ ހުރަސް ދަނޑީގައި ޖެހުމަށް ފަހު ގޯލް ލައިން ހުރަސްކޮށް ބޭރަށް ނުކުމެފައިވާކަން ވީޑިއޯ އިން ސާބިތުވުމުން ނެވެ. ލަމްޕާޑްގެ ލަނޑުގެ މައްސަލަ ހޫނުވެ ބަހުސްތައް އަދި ވެސް ނުނިމެ އެވެ.