އިންސްޓިޓިއުޓް އޮފް ގަވާނެންސް އެންޑް ޑިވެލޮޕްމެންޓް އާއި ޑިމޮކްރެސީ ހައުސް ގުޅިގެން ނޮވެމްބަރު މަހު 25 އިން މި މަހު 15 އަށް ބަނޑޮސް އައިލެންޑް ރިސޯޓްގައި ބޭއްވި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ސެޓްފިކެޓްދީފި އެވެ.

ދެ ޖިންސުގެ ޒުވާނުންގެ ތެރެއިން ހޮވާލި 40 ކުދިންނަށް ހިންގި ޕްރޮގްރާމްގައި ރޭ ބަނޑޮސް ރިސޯޓްގައި ސެޓްފިކެޓް ދެއްވީ ޝަރަފުވެރި މެހުމާން ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިބްރާހިމް ދީދީ (މޮޑީ) އެވެ.

ސެޓްފިކެޓް ހަވާލު ކޮށްދިނުމަށް ފަހު ވާހަކަ ދައްކަވަމުން މޮޑީ ވިދާޅުވީ ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުން ކަމަށެވެ. އެހެންކަމުން ގައުމު ހިންގުމުގެ ހުރިހާ ކަމެއްގައި ވެސް ޒުވާނުންގެ އިސްނެގުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކަށް އަމާޒު ކޮށްގެން ޔޫތު ލީޑާޝިޕް ޕްރޮގްރާމް ގަވާއިދުން ހިންގަމުން އަންނަކަމީ އެކަމުގެ ފައިދާ އަޅުގަނޑުމެންގެ ތަރައްގީ އާއި ކުރިއެރުމަށް ކުރާނެ ކަމެއް ކަމަށް ވެސް މޮޑީ ވިދާޅުވި އެވެ.

"ގައުމުގެ ހުރިހާ ކަމެއްގައި ވެސް ޒުވާނުންގެ އިސްނަގަންވާނެ. ޔޫތު ލީޑާޝިޕް ޕްރޮގްރާމް ގަވާއިދުން ހިންގުން މިއީ ވަރަށް ފައިދާ ހުރި ކަމެއް. އެކަމުގެ ފައިދާ ރާއްޖޭގެ ތަރައްގީއަށް ކުރާނެ،" މޮޑީ ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުގެ ލަންޑަނުގައި 2013 ވަނަ އަހަރުގެ މާޗް މަހު އޮންނަ ކޮމަންވެލްތު ޕާލަމަންޓްރީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ކުރީ ދެ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ދެ ބައިވެރިއަކަށް ވަނީ ދީފަ އެވެ. މިފަހަރު އެ ފުރުސަތު ދިނީ ގދ. ތިނަދޫ މަރިޔަމް އަފްނާން ވަހީދު އާއި ފުވައްމުލަކު ތަމްސީލްކުރާ މުހައްމަދު އަނާން އަށެވެ.

ޔޫތު ލީޑާޝިޕް ޕްރޮގްރާމް މެދުނުކެނޑި ބާއްވަމުން އަންނަތާ މިވީ ތިން އަހަރެވެ. އެންމެ ފުރަތަމަ އެ ޕްރޮގްރާމް ބާއްވާފައި ވަނީ 2010 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ދެ ވަނަ ޕްރޮގްރާމް ވެސް ބާއްވާފައި ވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.