މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރަ މި މަސް ނިމެންދެން ކުރިޔަށް ދާނެ ކަމަށް މޫސުމާ ބެހޭ ފޯކާސްޓްތަކުން ދައްކާ ކަމަށް ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީން ބުނެފި އެވެ.


ޑިއުޓީ ފޯކާސްޓާ ހަދީޖާ ނުސްރާ މިއަދު ވިދާޅުވީ ރާއްޖެ އަށް މިވަގުތު ކުރާ ވިއްސާރައިގައި އާދަޔާ ހިލާފު ކަމެއް ނެތް ނަމަވެސް މި ވިއްސާރަ ދިގުލައި މި މަސް ނިމެންދެން ވެސް މުޅި ރާއްޖެ އަށް ވިއްސާރަ ކުރާނެ ކަމަށެވެ.


"މި ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ، އާންމު ގޮތެއްގައި ސެޕްޓެމްބަރު މަހުގެ ވިއްސާރަ ދިގުލައިގެންދާނެ، މިހާރު ކުރަމުން މިދާ ވިއްސާރަ މި މަސް ނިމެންދެން ކުރިޔަށްދާނެ ކަމަށް ފޯކާސްޓްތަކުން ދައްކާ،" ނުސްރާ ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ ވިއްސާރަ ދިގުލައިގެންދާ އިރު ކުރިޔަށް އޮތް ދެ ދުވަހުގެ ތެރޭގައި ރާއްޖޭގެ އުތުރަށާއި މެދު ރާއްޖެތެރެ އަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. މުޅި ރާއްޖެ އަށް ވެސް ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ އިރު މެދު ރާއްޖެތެރެ އަށް ގަޑިއަކު 27 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ވެސް ނުސްރާ ވިދާޅުވި އެވެ.


ނުސްރާ ވިދާޅުވީ މޫސޫމް ގޯސްވެފައިވާތީ ކަނޑު ދަތުރުފަތުރު ކުރުމުގައި ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް މޫސުމަށް ސަމާލުވުމަށް އެ ޑިޕާޓުމަންޓުން އިންޒާރު ކުރާ ކަމަށެވެ.


މޫސުމް ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރަމުންދާތާ މިހާރު ވަނީ ހަފުތާއެއް ވެފަ އެވެ. މި ވިއްސާރައި މިހާތަނަށް އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރިކޯޑު ކުރެވިފައި ވަނީ  މި މަހުގެ 20 ވަނަ ދުވަހު ކަމަށް މީޓިއޮރޮލޮޖީން ވަނީ ބުނެފަ އެވެ.


ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކި ހިސާބުތަކުން ވަރަށް ގިނަ ރަށްރަށުގައި ފެން ބޮޑުވެ ގެއްލުންތައް ލިބިފައިވާ އިރު ކަނޑުމަތީގައި ގިނަ ހާދިސާތަކެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ.