އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސަންޑަލޭންޑާ ދެކޮޅަށް ކުޅުނު މެޗު ތިނެއް އެކަކުން ކާމިޔާބުކޮށް މަންޗެސްޓާ ޔުނައިޓެޑް ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި އެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑު (އޯލްޑް ޓްރަފޮޑް)ގައި ގާތްގަނޑަކަށް 75500 އެއްހާ ބެލުންތެރިންގެ ކުރިމަތީގައި ކުޅުނު ފޯރިގަދަ މެޗުގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ މެޗުގެ 16 ވަނަ މިނިޓުގައި އެ ޓީމުގެ ހުނަރުވެރި ޑަޗް ފޯވަޑް ރޮބިން ވެމްޕާސީ ސަންޑަލޭންޑުގެ ގޯލްގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ނެވެ.

ވެމްޕާސީ ގޯލް ޖެހިތާ މާގިނަ އިރެއް ނުވަނީސް މެޗުގެ 19 ވަނަ މިނިޓުގައި މައިކަލް ކެރިކް އޭރިޔާ ތެރެއަށް ދިން ރީތި ޕާހަކުން މެޗުގެ ނަތީޖާ ދޭއް ސުމަކަށް ބަދަލު ކޮށްލީ ޓޮމް ކްލެވަލީ ސަންޑަލޭންޑްގެ ގޯލްގެ ތިރީ ކަނަށް ބޯޅަ ވައްދާލައިގެން ނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ދޭއް ސުމަކުން ޔުނައިޓެޑް ކުރީގައި އޮވެގެން ނެވެ.

ފޯރިގަދަ މެޗުގެ ދެވަނަ ހާފު ފެށިގެން ސާދަ ވަރަކަށް މިނިޓު ތެރޭގައި މެހެމާނުންގެ ގޯލް ކުރިމައްޗަށް ވެމްޕާސީ ސެޓްކޮށް ދިން ބޯޅަ އަކުން ނަތީޖާ ތިނެއް ސުމަކަށް ބަދަލުކޮށް ދިނީ ޔުނައިޓެޑްގެ ނުރައްކާތެރި ފޯވަޑް ވޭން ރޫނީ އެވެ.


އިންތިހާ އަށް މަސައްކަތް ކުރަމުން ދިޔަ މާޓީން އޮނިއެލްގެ ޓީމަށް ކުޑަ ނަމަވެސް އުއްމީދެއް ގެނެސް ދިނީ ފަހުހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނެރުނު ޔުނައިޓެޑްގެ ކުރީގެ ތަރި ފްރެއިޒާ ކެމްބެލް ބޮލުންޖަހާ ޔުނައިޓެޑްގެ ގޯލަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބު ކޮށްދިން ލަނޑުން ނެވެ.

އެހެން ނަމަވެސް ކެމްބެލްގެ ކާމިޔާބުކޮށްދިން ސަންޑަލޭންޑް އެހާލަތުން މިންޖުކޮށްދެވޭ ފަދަ އެހީއަކަށް ނުވެ މެޗުނިމުނީ، މަރުފަލި ޖަހަމުންދާ ސަންޑަލޭންޑް ދެ ފިޔަވަޅު ރެލިގޭޝަނާ ކައިރިއަށް ފޮނުވާލުމަށް ފަހުތިނެއް އެކަކުން ފާގަސަންގެ ޓީމު މެޗު ކާމިޔާބުކޮށް 42 ޕޮއިންޓާ އެކު ތާވަލުގެ އެންމެ ކުރީގައި ހަމަޖެހި ލައިގެން ނެވެ.

އިނގިރޭސި ލީގުގައި ރޭ ކުޅެވުނު މެޗުތަކުގެ ތެރެއިން ތާވަލުގެ ދެވަނައިގައި އޮތް މަންޗެސްޓާ ސިޓީ ވަނީ ނިއުކާސަލްގެ އަމިއްލަ ދަނޑުގައި އެ ޓީމުގެ މައްޗަށް ތިނެއް އެކަކުން ކުރި ހޯދައި 36 ޕޮއިންޓާ އެކު ތާވަލުގައި އެޓީމު އޮތް ފިޔަވަޅު ސާބިތު ކޮށްފަ އެވެ. އަދި ނޯވިޗް ސިޓީ ވަނީ ދޭއް އެކަކުން ވިގަން ބަލިކޮށް 25 ޕޮއިންޓާ އެކު ތާވަލުގެ ހަތްވަނައަށް ޖެހިލާފަ އެވެ. އަދި ސްޓޯކް ސިޓީ އާއި އެވަޓަން ކުޅުނު މެޗު ނިމުނީ އެކެއް އެކަކުން އެވަރު ވެގެން ނެވެ.

ތާވަލުގެ އެންމެ ފުލުގައި އޮތް ކުއީން ޕާކް ރޭންޖާސް ދޭއް އެކަކުން ފުލަމް ބަލިކޮށް އެއްފިޔަވަޅު ކުރިއަށް ޖެހިލި އިރު ހައިރާން ކުރުވަނިވި ގޮތަކަށް ލިވަޕޫލް ވަނީ އެންފީލްޑް (ލިވަޕޫލްގެ ދަނޑު)ގައި އެސްޓަންވިލާ އަތުން ތިނެއް އެކަކުން ބަލިވެ 22 ޕޮއިންޓާ އެކު ތާވަލުގެ ބާރަ ވަނަ އަށް ވެއްޓިފަ އެވެ.