16 Dec 2012, 10:14
އަންހެން ފުޓްބޯޅަ ޗެމްޕިއަންޝިޕްގައި ބައިވެރިވާ ދިވެހި ސިފައިންގެ ކްލަބުގެ އަންހެން ފުޓްބޯޅަ ޓިމަށް ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.
އެމްއެންޑީއެފް ކަޅުތުއްކަލާ ކޮށީގައި އިއްޔެ ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސިފައިންގެ ފެމެލީ އެސޯސިއޭޝަންގެ ޗެއަރޕާސަން، ޗީފް އޮފް ޑިފެންސް ފޯސްގެ އަނބިކަބަލުން ހަދީޖާ ނަޢީމު އެވެ.
ސިފައިންގެ ޓީމުގެ ކުޅުންތެރިންނަށް ޒާޒީ ހަވާލު ކުރުމުގެ ރަސްމިއްޔާތގައި ވާހަކަފުޅު ދައްކަވަމުން ސިފައިންގެ ކްލަބުގެ ރައީސް ލެފްޓިނަންޓް ކާނަލް އަހުމަދު ފަޔާޒު ވިދާޅުވީ ސިފައިންގެ ކްލަބުގެ އަމާޒަކީ ކުޅިވަރުގެ މައިދާނުގައި ކުޅިވަރުގެ ރޫޙާ އެއްގޮތަށް ކުޅެ ބައިވެރިވާ މުބާރާތައް ކާމިޔާބުކޮށް ދިވެހި ސިފައިންގެ ކްލަބުގެ ނަން ދިރުވާއާލާކުރުން ކަމަށެވެ. އަދި ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ އަންހެން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ސިފައިންގެ ކްލަބުގެ އަންހެން ފުޓްބޯޅަ ޓީމުގެ ކިބައިން ކުޅިވަރުގެ ރޫހާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށާއި ކާމިޔާބު ހޯދުމަށް ގަދައަޅާ މަސައްކަތް ކުރެއްވުމަށް ވެސް ކްލަބުގެ ރައީސް ފަޔާޒު ކުޅުންތެރިންގެ ކިބައިން އެދިލެއްވި އެވެ.
އިއްޔެ ރޭގެ ރަސްމިއްޔާތުގައި ދިވެހި ސިފައިންގެ ކްލަބުގެ އަންހެން ފުޓްބޯޅަ ޓިމުގެ ކެޕްޓަނަނާއި ވައިސް ކެޕްޓަން އިއުލާން ކުރައްވައި އެފަރާތަށް ވަނީ ކެޕްޓަން ބޭންޑް ހަވާލުކުރައްވައިފަ އެވެ. އެގޮތުން ޓީމުގެ ކެޕްޓަނަށް، ކެޕްޓަން ބޭންޑް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަޙްމަދު ޝިޔާމުއެވެ. ސިފައިންގެ ކްލަބުގެ އަންހެން ފުޓް ޓީމުގެ ކެޕްޓަނަކީ ކޯޕްރަލް އައިމިނަތު އަޒީމާ އަދި ޓީމުގެ ވައިސް ކެޕްޓަނަކީ ޕްރައިވެޓް މަރިއަމް ރިފާ އެވެ.
އަންހެން ފުޓްބޯޅަ ޗެމްޕިއަންޝިޕް އިއްޔެ ހަވީރު ހެންވޭރު ފުޓްބޯޅަ ދަނޑުގައި ފެށިއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ބައްދަލުކުރި ދެ ޓީމަކީ ލ. ގަމު ތުނޑީ އަވަށުގެ ސޮސައިޓީ ފޯ ތުނޑީ އެޑްވާންސްމެންޓް އެންޑް ރެކްރިއޭޝަން (ލ. ސްޓާ) އާއި އިސްކަންދަރު ސްކޫލުގެ ބެލެނިވެރިންގެ ޓީމެވެ. އެގޮތުން އިއްޔެގެ މެޗް ނިމުނީ ދެ ޓީމް ކުރެ އެއްޓީމަކަށް ވެސް ލަނޑެއް ނުޖެހި އެވެ.
މުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާ ދެ ޓީމަކީ އެމްބީސީ އާއި ސަން ހޮޓަލްސް އެންޑް ރިސޯޓް ޕްރެވައިޓް ލިމިޓެޑެވެ. އަދި މުބާރާތުގެ ތިން ވަނަ މެޗުގައި އަންނަ އަންގާރަ ދުވަހު ބައްދަލުކުރާ ދެ ޓީމަކީ އެމްއެންޑީއެފް އާއި ސަން ހޮޓަލްސް އެންޑް ރިސޯޓް ޕްރެވައިޓް ލިމިޓެޑެވެ.
ޖުމްލަ ފަސް ޓީމް ވާދަކުރާ މިމުބާރާތުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެންމެ ގިނަ ޕޮއިންޓި ހޯދާ ހަތަރު ޓީމް ސެމީއަށް ދަތުރު ކުރުމަށް ފަހު، ސެމީ ފައިނަލް މެޗް ތަކުން މޮޅުވާ ދެ ޓީމެއް ފައިނަލް ކުޅޭ ގޮތަށެވެ.
ތިރީސް ފަސް މިނެޓުގެ ދެ ހާފް ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:00 ޖަހާއިރު ހެންވޭރު ބޯޅަ ދަނޑުގަ އެވެ.