މެރިޓައިމް ދާއިރާ އިން އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސްރީލަންކާ އާއި އިންޑިއާ އާއި ރާއްޖެ އިން ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށް ސްރީލަންކާ އިން ބުނެފި އެވެ.

އެކަން ހާމަކުރެއްވީ ލަންކާގައި މިހާރު ކުރިއަށްދާ "ގާލޭ ޑައިލޮގް 2012" މެރިޓައިމް ސެކިއުރިޓީ ސެމިނާރުގައި ވާހަކަފުޅު ދައްކަވަމުން ސްރީލަންކާގެ ޑިފެންސް މިނިސްޓަރު ގޮތަބަޔާ ރާޖަޕަކްޝާ ކަމަށާއި އެއްބަސްވުމުގެ ބޭނުމަކީ ކަނޑުގެ ސަރަހައްދު ރަނގަޅަށް ބެލެހެއްޓުމަށް ޓަކައި މައުލޫމާތު ބަދަލުކުރުމާއި ގުޅިގެން ވަސީލަތްތައް ބޭނުން ކުރުން ކަމަށް އިންޑިއާގެ ދަ ހިންދޫ ނޫހުގައިވެ އެވެ.

ގޮތަބަޔާ ރާޖަޕަކްޝާ ވިދާޅުވި ކަމަށް އަދި ވަނީ، ތިން ގައުމުން ސޮއިކުރަން މަސައްކަތްކުރަމުން އަންނަ އެއްބަސްވުމަކީ ކަނޑުފޭރުމާއި ގާނޫނާ ހިލާގު އެހެނިހެން ހަރަކާތްތައް، ކަނޑަށް ކުނިއެޅުން ފަދަ ކަންތައްތައް ހިނގާތޯ ބަލައި ހުއްޓުވުމުގައި ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.

"މިނިސްޓަރުންގެ ފެންވަރުގައި އަދި ޓެކްނިކަލް ފެންވަރުގައި ބައްދަލުވުންތައް މިހާރު ވެސް ވަނީ ބާއްވާފައި، އަޅުގަނޑު އުއްމީދުކުރަނީ ތިން ގައުމު ގުޅިގެން މަސައްކަތް ކުރުމުގެ މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ކައިރި މުއްތަގުބަލެއްގައި ސޮއިކުރެވޭނެ ކަމަށް. މިސަރަހައްދުގެ ކަނޑުގެ ބާރުތަކަށް މިފަދަ އެއްބަސްވުމަކުން ފައިދާކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް، " ގޮތަބަޔާ ރާޖަޕަކްޝާ ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

މުޅި ދުނިޔޭގައި ކޮންޓޭނާ ބޯޓް ފަހަރުގައި އުފުލާ މުދަލުގެ ދެބައިކުޅަ އެއްބަޔަކީ އިންޑިއާ ކަނޑު ހުރައްކޮށް އުފުލާ މުދަލަށްވާ އިރު މިސަރަހައްދުގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި ކުދި ގައުމުތަކާއި ބޮޑެތި ގައުމުތަކުގެ ކަނޑުގެ ސިފައިން ގުޅިގެން މަސައްކަތް ކުރުން މުހިއްމު ކަމަށް ވެސް ރާޖަ ޕަކްޝާ ވިދާޅުވި އެވެ. އަދި މިސަރަހައްދުގެ ބޮޑެތި ގައުމުތަކުގެ މެދުގައި އިތުބާރުނުކުރުން ކޮންމެވެސް ވަރަކަށް އޮތް ކަމަށް އެއްބަސްވެވަޑައިގަންނަވާ ކަމަށް ރާޖަޕަކްޝާ އަދި ވިދާޅުވެފައިވެ އެވެ. އަދި ވިދާޅުވެފައި ވަނީ އެކަމުގެ ސަބަބުން ދެމެހެއްޓެނިވި އަދި ބޭނުންތެރި އެއްބަސްވުމެއް ހާސިލުކުރުމުގެ ފުރުސަތު ކޮންމެވެސް ވަރަކަށް ކުޑަވާ ކަމަށެވެ.

ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އިންޑިއާ އިން ކުރާ މަސައްކަތް ތަކާ ބެހޭ ގޮތުން ސެމިނާރުގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ވައިސް ޗީފް އޮފް ނޭވަލް ސްޓާފް އާރްކޭ ދޮވާން ވިދާޅުވީ ސޯމާލިޔާގެ ކަނޑު ފޭރޭމީހުންނަށް ހަރަކާތްތެރި ނުވެވޭ ގޮތަށް 700 ނޯޓިކަލް މޭލުގެ ސަރަހައްދެއް އިންޑިއާއިން ބަލަހައްޓަމުން އަންނަ ކަމަށެވެ. އަދި ކަނޑުފޭރޭމީހުންގެ 40 ހަމަލާއެއް އެގައުމުން ހުއްޓުވާފައިވާ ކަމަށެވެ.