16 Dec 2012, 09:43
އަހަރެއް ނިމި އާ އަހަރަކާއި ކުރިމަތިލާ އިރު ރާއްޖެއަށް ކުރިމަތިވެފައި ހުރި އިގްތިސޯދީ މައްސަލަތަކަށް ބަދަލެއް ނާދެ އެވެ. ބޭރު ފައިސާގެ މައްސަލަ އާއި ގައުމުގެ ދަރަނި ބޮޑުވުމާއި އިންފްލޭޝަންގެ މައްސަލައަށް ބަދަލެއް ނާދެ އެވެ. އެ ހުރިހާ މައްސަލަތައް ކުރިމަތިވެފައިވާ އިރު އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ވަނީ ބޯމަތިވެފަ އެވެ. ސަރުކާރުން ހުށަހެޅި ބަޖެޓަކީ 16.9 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓަކަށްވާ އިރު ބަޖެޓްގައި ކަންބޮޑުވާން ޖެހޭ ކަންތައްތައް ގިނަ އެވެ. އާމްދަނީ ލިބޭނެ ވަރަށް ނުލިބުމާއި ބަޖެޓް ޑެފިސިޓް އިންތިހާއަށް ބޮޑުވެ، ދައުލަތުގެ ދަރަނި ބޮޑުވުމަކީ މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.
ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތްތައް މަޖިލީހުގެ ބަޖެޓް ކޮމެޓީގައި ކުރިއަށްދާ އިރު އެކި ޕާޓީތަކުގެ މެންބަރުންގެ ވިސްނުންތަފާތެވެ. އެމްޑީޕީ އާއި ޕީޕީއެމްގެ ވިސްނުމުގައި ބަޖެޓް ކުޑަކުރުމުގެ ވިސްނުން ގެންގުޅުއްވަ އެވެ. ނަމަވެސް ޑީއާރުޕީގެ މެންބަރުންގެ ތަފާތު އެހެން ހިޔާލުތަކެއް ގެންގުޅުއްވަ އެވެ. ބަޖެޓުގައި ތަރައްގީ އަށް ހުރި އެއްވެސް މަޝްރޫއެއް އުނިނުކުރުމެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުންގެ ވިސްނުމަކީ ތަރައްގީ އަށް ހުރި ބައެއް މަޝްރޫއުތައް ވެސް އުނިކުރުމެވެ. އަދި މުޅި ބަޖެޓުގެ 15 ޕަސެންޓް ކުޑަކުރުމަކީ ބައެއް މެންބަރުންގެ ވިސްނުމެވެ.
"މުއައްސަސާތަކުގެ ޕްރޮޑަކްޓިވިޓީ އަށް [އުފެއްދުންތެރިކަމަށް ބަލަން އެބަޖެހޭ' އެގޮތަށް ބަލާ އިރު އަޅުގަނޑަކަށް ނުފެނޭ މިނިވަން މުއައްސަސާތަކުގެ ތެރެއިން މީރާ ނޫން ބަޔަކަށް ބަޖެޓް އިތުރުކޮށްދޭކަށް. އަޅުގަނޑަށް އެކަމުގައި ތާއީދެއް ނުދެވޭނެ. އިތުރު ލޯނުތައް ނަގައިގެން ގައުމު ދަރުވާލައިގެން އިތުރު ހަރަދުތަކެއް ކުރާކަށް އަޅުގަނޑަށް ތާއީދެއް ނުކުރެވޭނެ. ކޮންމެހެން ނުފަށާ ނުވާނެ މަޝްރޫއުތައް މަޑުޖައްސާލަންވީ، އިތުރު އިމާރާތްތަކުގެ މަސައްކަތް ވެސް ނުފަށަންވީ. މުޅި ބަޖެޓްގެ 15 ޕަސެންޓް އުނިކުރުމަކީ މީގައި ހައްލެއް،" ބިލަތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ވިދާޅުވި އެވެ.
ކޮންމެ ވިސްނުމެއްގައި މެންބަރުން އެ މޭރުން ވާހަކަ ދެއްކެވިޔަސް ހަގީގަތް އޮތީ އެހެންނެވެ. އެއް ބިލިއަނާ ގާތްކުރާ އަދަދެއްގެ ބަޖެޓެއް މިނިވަން މުއައްސަސާތަކަށް ދިނަސް ހަގީގަތުގައި އެ މުއައްސަސާތަކުގެ މަސައްކަތްތައް ފެންނަނީ ފަނޑުކޮށެވެ. ބަޖެޓް ކޮމެޓީން ލަފާކުރާ ގޮތުގައި އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނީ 10 ބިލިއަން ރުފިޔާ އެވެ. އަލަށް އިތުރުކުރާ ޓެކްސްތަކުން އިތުރު އެއްބިލިއަން ރުފިޔާ ލިބޭނެ ކަމަށް އޮތަސް އެއީ ޔަގީންކަމެއް ނެތް ހިޔާލީ އަދަދެކެވެ. އެއީ މިދިޔަ އަހަރުގެ ބަޖެޓަށް ވެސް ދިމާވީ އެންމެ ބޮޑު ގޮންޖެހުމެވެ. ލިބޭނެ ކަމަށް ލަފާކުރާ އަދަދަށް އާމްދަނީ ނުލިބުމެވެ. އޭގެ ސަބަބުން ދައުލަތް އިތުރަށް ދަރަނިވެރިވުމެވެ.
"ކުރިއަށް މިއޮތީ އިލެކްޝަން އަހަރެއް. ސިޔާސީ މަޝްރަހު ފެންނާނީ ހަލަބޮލިކޮށް. ޖީއެސްޓީއާ ޓޫރިޒަމްގެ ޓެކްސް އިތުރު ކުރުމާއި މިކަންކަމުން މި މަޖިލީހުގެ ތާއީދު ލިބޭނީ ކިހާވަރަކަށް ކަމެއް ނޭނގޭ. އެ ތާއީދު ލިބޭނެ ކަމެއް ވެސް ނޭނގޭ. މި އިސްލާހުތައް ހުށަހަޅުއްވައި އާމްދަނީ ލިބޭނެ ކަމަށް ޖެއްސެވި އިރު އެކަމަށް ދިރާސާ ކުރައްވާފައި ހުރި ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހު ވިދާޅުވި އެވެ.
ސަރުކާރުން ވެސް ބަޖެޓް އެކުލަވާލަނީ ގިނަ ބައެއްގެ މަޝްވަރާއާ ވެސް އެކު އެވެ. އެގޮތުން ސިޔާސީ ޕާޓީތަކާއި ޕޮލިސީ ލެވަލްގެ ބޭފުޅުންހިމެނެ އެވެ. ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ މިފަހަރު ވެސް ބަޖެޓް އެކުލަވާލާފައި ވާނީ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާއި ބައްދަލުކޮށް އެބޭފުޅުން ވެސް ބޭނުންވާ މަޝްރޫއުތައް އޭގެތެރޭގައި ހިމަނައިގެން ކަމަށެވެ. އެވަރުން ވެސް މެންބަރުން ޝަކުވާކުރަނީ އެ ބޭފުޅުންގެ ދާއިރާއަށް މަޝްރޫއުތައް ނެތުމުގެ މައްސަލަ އެވެ.
"އަޅުގަނޑުމެން ދާއިރާގެ ރަށްތަކަށް ރައީސް ވަޑައިގެން ކޮއްދެއްވާނެ ކަމަށް ވިދާޅުވި މަޝްރޫއުތަކެއް ބަޖެޓްގައި ނެތް. އަޅުގަނޑު އެ ފައިސާ ބަޖެޓްގައި ނެތީމާ ކަންބޮޑުވޭ. އެކަންކަމަށް ފައިސާ ނެތީ ކީއްވެތޯ އަޅުގަނޑު ސުވާލުއެފެދޭ. ދާއިރާގެ ރަށްތަކަށް މަޝްރޫއުތައް ކަނޑައަޅަން ޖެހޭނެ،" މަޑުއްވަރީ ދާއިރާގެ މެންބަރު ވިޝާމް އަލީ ވިދާޅުވި އެވެ.
ކޮންމެ އަހަރަކު ވެސް ހުށަހަޅާ ބަޖެޓުން ދެކޮޅު ނުޖެހޭ އިރު މެންބަރުން ވެސް ބޭނުންފުޅުވަނީ ނެތް ފެންވަރު ކަންތައްތަކެއް ކުރާށެވެ. އަލުން މަޖިލީހުގެ ގޮނޑި ދިފާއުކުރުމުގައި ދާއިރާތަކަށް ބަޖެޓުން ކުރާ ހޭދައަކީ ވެސް ޕްލަސް ޕޮއިންޓަކަށް ވާތީ މެންބަރުން އެކަމަށް ވެސް ލޮބީ ކުރެ އެވެ. ދެން އޮތީ ސަރުކާރުގެ މައްސަލަ އެވެ. ރައީސް ވެސް ބޭނުންވަނީ ރައީސްކަމުގެ ގޮނޑި ދިފާއުކުރައްވާށެވެ. އެހެންކަމުން ރަށްރަށަށް ވަޑައިގެން ބޮޑެތި މަޝްރޫއުތައް ފައްޓަވައި ދެއްވާނެ ކަމުގެ ބޮޑެތި ވައުދުތައް ވެވަޑައިގަންނަވަ އެވެ. ނަމަވެސް އެއީ ހަމައެކަނި ބަސްތަކެކެވެ. ހިޔާލީ ވާހަކަތަކެވެ. ގިނަ ފަހަރަށް އެކަންކަމަށް ބަޖެޓްގައި ފައިސާ ހިމެނޭނެ ގޮތެއް ހުދު ރައީސްއަށް ވެސް އެނގިވަޑައިނުގަންނަވަ އެވެ.
ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވީ ރައީސް ދައްކަވާ ވާހަކަތަކާ މެދު އެއްޗެއް ވިދާޅުވުމަށް ނޭނގޭ ކަމަށާއި ބަޖެޓްގައި ފައިސާ ހިމެނޭނެ މަޝްރޫއުތަކަށް ވަނީ ފައިސާ ހިމަނާފައި ކަމަށެވެ. އޭނާ ވިދާޅުވީ ދައުލަތުގެ ދަރަނި މިހާރު ވެސް ވަނީ "ރަތް މިންގަނޑުގައި" ކަމަށާއި މިއަހަރުގެ ބަޖެޓުން މާގިނަ މަޝްރޫއުތަކެއް ހިންގެން ނެތް ކަމަށެވެ. އަދި ހަގީގަތްތައް ގަބޫލުކޮށް ބައެއް ކަންތައްތައް މަޑުޖައްސާލަން ޖެހޭ ކަމަށް ޖިހާދު ވިދާޅުވި އެވެ.
"އަޅުގަނޑު ބައްދަލުކުރިން ޕާޓީތަކުގެ ބޭފުޅުންނާ ވެސް. އެބޭފުޅުން ވިދާޅުވި ބައެއް މަޝްރޫއުތައް ވެސް ހިމަނާފައި ހުންނާނީ. މިހާރަށް މަޝްރޫއުތައް ހިމެނޭނެ ވަރަށް މަޝްރޫއުތައް ހިމަނާފައި އެ ހުރީ. އިތުރަށް މަޝްރޫއުތަކެއް މިއަހަރު ނުހިމެނޭނެ. އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ އަޅުގަނޑުމެންގެ ހާލަތު،" ޖިހާދު ވިދާޅުވި އެވެ.
ބަޖެޓް ކޮމެޓީގައި ސިޔާސީ ފިކުރުތަކުގެ މެދުގައި ބަޖެޓް ފިތިފައިވާ އިރު ހަގީގަތަކީ ބަޖެޓް އިތުރަށް ބޮޑުކުރެވެން ނެތް ކަމެވެ. މެންބަރުން ކިތަންމެ ވަރަށް މަޝްވަރާ ކުރިއަސް ހަގީގަތަކީ ބަޖެޓް އިތުރަށް ބޮޑުކުރާނެ އެންމެ ޖާގައެއް ވެސް މިނިސްޓަރަށް ނެތުމެވެ. މިނިސްޓަރު ވެސް ދެ ފަހަރެއްގެ މަތިން ކޮމެޓީއަށް މިހާތުވެސް ވަޑައިގެންފި އެވެ. އެއްބަޔަކު ބަޖެޓް ބޮޑުކުރަން ހިފާއިރު އަނެއް ބައި މެންބަރުންނަށް ބަޖެޓުން އެންމެ ތަންކޮޅެއް ކުޑަކުރަންވެސް ބޭނުންފުޅެއްނުވެ އެވެ. ހަގީގަތުގައި ބަހަނާއަކީ ދާއިރާތަކަށް ފައިސާ ނެތުމެވެ.
ނޮޅިވަރަމް ދާއިރާގެ މެންބަރު މުހަންމަދު ނަޝީދު (ކާނަލް) ވިދާޅުވާ ގޮތުން ބަޖެޓް މިހާރަށް ވުރެ ކުޑަކުރަން ބައެއް މެންބަރުންގެ އެއްބާރުލުމެއް ނެތެވެ. ބަހަނާއަކަށް ވަނީ ދާއިރާތަކަށް ހުރި ޕްރޮޖެކްޓްތައް މަދުވެދާނެ ކަމުގެ ބިރުކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ނަޝީދު ވެސް ވިދާޅުވަނީ ޓީ-ބިލް ވިއްކައިގެން ބޮޑެތި އަދަދުތަކުން ކޮމާޝަލް ލޯނު ނަގައިގެން ދައުލަތުގެ ހަރަދުތައް ފޫބެއްދުމަކީ ވާނޭ ކަމެއް ނޫން ކަމަށެވެ. އަދި އެކަން މެންބަރުން ވެސް ވިސްނާވަޑައިގަންނަވަން ޖެހެ އެވެ.
"ޕްރައިވެޓް ކުންފުނިތަކާއި މިތަންތަނަށް ޓީބިލް ވިއްކައިގެން ބަޖެޓް ފޫބައްދަން ޖެހެނީ. އަނެއްކާ ބޮޑެތި ކޮމާޝަލް ލޯނުތައް ނަގައިގެން ރިކަރަންޓް ހަރަދުތައް ހަމަޖައްސަން ޖެހޭ. މިވަރުން ކިހިނެތްތޯ އަޅުގަނޑުމެން މި ސަސްޓެއިން ކުރާނީ. ނަމަވެސް އެއްބަޔަކު ބޭނުމެއް ނުވޭ ދާއިރާތަކަށް ހުރި އެއްޗިހި މަދުވެދާނެތީ ކަމެއް ކުރާކަށް. އެއްޗިހި ކަނޑަން އެއްބަޔަކު ބޭނުންވޭ، އެކަމަކު ޕްލޭނެއް ނޯވޭ،" ކާނަލް ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް މިވަރު ބޮޑު ބަޖެޓެއް ދޫކޮށްލާކަން ދުލެއް ނުކުރެވޭނެ. ބަޖެޓް މިޖެހެނީ ކޮންމެވެސް ވަރަކަށް ކުޑަކޮށް ސަސްޓެއިން ކުރަން،"
ކިތަންމެ ބޮޑު ބަޖެޓެއް ވެސް ހުށަހެޅިދާނެ އެވެ. ބަޖެޓަކީ ޖެހޭ ހިސާބުއަދަދުތަކެވެ. އެ އަދަދުތައް ވާންޖެހެނީ ހަގީގީ އަދަދުތަކަކަށެވެ. ރައްޔިތުންނަށް އޮޅުވާލުމާއި މަކަރު ހެދުމާއި އަމިއްލަ ގޮނޑި ދިފާއުކުރުމުގެ އަދަދުތަކަށް ބަޖެޓް ފަރުމާކުރެވޭ ނަމަ ގައުމުގެ އިގްތިސޯދީ މައްސަލަތަކަށް އެޅޭނީ އިތުރުހުރަހެވެ. ގައުމު އިތުރަށް ވެއްޓޭނީ އަދަވަޅަކަށެވެ. ހަރަދާއި އާމްދަނީ އެއްވަރު ނުކުރެވިއްޖެ ނަމަ ބަޖެޓައިގެން ސަރުކާރަށް ކޮޅަށް ނުތެދުވެވޭނެ އެވެ. ލޯނުތަކުގެ ސަބަބުން ސަރުކާރު އިތުރަށް ދަރަނިވެރިވެ ނިކުންނާނީ ބޮޑެތި މައްސަލަތަކެވެ. ހަގީގީ އަދަދުތަކަކާއި ކުރިމަތިލައި ހަގީގީ ބަޖެޓެއް އެކުލަވާލުމަށް ވިސްނުން ގެންގުޅެންޖެހެ އެވެ. ނޫން ނަމަ ދެކޮޅު ނުޖެހޭ ބަޖެޓަކަށް ބަޖެޓް ވެގެންދާނެ އެވެ.