15 Dec 2012, 23:06
ދެން ރާއްޖެ އަށް ވަޑައިގެންނަވާނީ ޑިމޮކުރެޓިކް ވެރިކަމެއް ރާއްޖޭގައި ގާއިމް ކުރެވުނު ދުވަހަކުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސުޕެޝަލް އެންވޯއީކަން ކުރައްވާފައިވާ އިބްރާހިމް ހުސެއިން ޒަކީ ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިނުން ގުޅުމުން ޒަކީ ފޯނަށް ޖަވާބުނުދެއްވާ އިރު ރާއްޖެ ޓީވީގެ އަށެއްގެ ހަބަރަށް މި ރޭ ދެއްވި ހާއްސަ އިންޓަވިއުއްގައި ޒަކީ ވިދާޅުވީ މިއަދު ރާއްޖޭގައި ހިނގަމުންދަނީ ހުދުމުހުތާރު ވެރިކަމެއް ކަމަށާއި ދެން ރާއްޖެ ވަޑައިގެންނަ ވާނީ މިނިވަން އިންތިހާބެއް ރާއްޖޭގައި ބޭއްވި ރައީސްއެއް އިންތިހާބު ކުރުމުން ކަމަށެވެ.
"އަޅުގަނޑު ދިވެހި ރާއްޖެ އަށް ދާނީ މިނިވަން އިންތިހާބެއް ބާއްވައި އާރައީސްއެއް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އަޅުގަނޑު އިރާދަކުރެއްވިއްޔާ ދާނަން،" ޒަކީ ވިދާޅުވި އެވެ.
އަދި ވިދާޅުވީ މިއަދުގެ ވެރިކަމަކީ ރައްޔިތުންގެ އެއްވެސް ހައްގަކަށް އިހުތިރާމް ނުކުރައްވާ ހުދުމުހުތާރު ވެރިކަމެއް ކަމަށާއި މިއަދުގެ ސަރުކާރު ބަދަލުކުރާނެ ކަމަށެވެ. އަދި އެކަމަށް ކޮންމެ ކަހަލަ ގުރުބާނެއް ވެސް ވާން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި އެވެ. ބަނގުރާ ބޮއެ މަސްތުވެގެން ތިބި ކަމުގެ ތުހުމަތުގައި ހދ. ހޮނޑައިދޫން ހައްޔަރުކުރުމާ ގުޅޭ ގޮތުން ޒަކީ ވިދާޅުވީ އެބޭފުޅާއަކީ ކުށެއްކުރައްވައިގެން ހުރި ފަރާތެއް ނޫން ކަމަށާއި އެއީ ފުލުހުން ހިންގި ޒަރީމާއެއް ކަމަށެވެ.
ޒަކީ އެމޭރުމުން ވާހަކަފުޅު ދައްކަވާފައިވައިރު ޒަކީ މިހާރު ހުންނެވީ އިންޑިއާގަ އެވެ. އަދި ޒަކީ އިންޑިއާ އަށް ވަޑައިގެންފައި ވަނީ ރައްޔިތުން މަޖިލީހުގެ ދެ މެންބަރުންނާއި އިތުރު ބަޔަކާ އެކު މިދިޔަ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހު ބަނގުރާ ބޯންތިބިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަމުންދަނިކޮށް ބޭސް ފަރުވާއަކަށްކަމަށް ވިދާޅުވެ އެވެ.