15 Dec 2012, 22:32
ގއ. ގެމަނަފުށީގައި ބިދޭސީ އަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެމަނަފުށީ ކައުންސިލްގެ ޑިރެކްޓަރު މުހައްމަދު ޝިޔާމް މިރޭ ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނީ އެރަށުގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ހަސަން އީމާން ކަމަށެވެ. އަދި އޭނާ އެންމެ ފަހުން ފެނިފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 9:00 ޖަހާ އެހާކަންހާއިރު ކަމަަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ އެ ބިދޭސީ މީހާ ނިދަން ގެއަށް ގޮސްފައި ނުވާ ކަމަށާއި އަދި އެކަމާ ގުޅިގެން އެރޭ އޭނާއަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭ ކަމަށް އޭނައާ އެކު އުޅޭ ބަންގްލަދޭޝްގެ މީހުން ބުނާކަމަށެވެ.
ބިދޭސީ މީހާ ގެއްލިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއެކު ފުލުހުންނާއި ރައްޔިތުންނާއި ކައުންސިލް ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި ނަމަވެސް އަދި މިހާތަނަށް އޭނާ ފެނިފައި ނުވާކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
އެމީހާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތަފްސީލުތައް ދެއްވަމުން ޝިޔާމް ވިދާޅުވީ އެރަށާއި އެރަށް ކައިރީގައި ހުރި ފަޅުރަށް ތައް ވެސް ޗެކްކޮށްފައިވާކަމަށެވެ. އަދި އެ ރަށް ކައިރީގައި ހުރި މީހުން ދިރިއުޅޭ ރަށްރަށުގައި އެމީހާ ހުރިތޯ ބެލުމަށް އެރަށު ޕޮލިސް ސްޓޭޝަންގެ ފަރާތުން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާއިރު އެއްވެސް ރަށެއްގައި އެމީހާ ހުރިކަން އެނގެން ނެތްކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ދުވަހު އެއްވެސް އުޅަނދަކުން އޭނާ ފުރައިގެން ގޮސްފައި ނުވާކަން ބެލިބެލުމުން ކަށަވަރުވެފައިވާކަމަށެވެ. އަދި އެމީހާ އަކީ އެރަށުގައި ވަރަށް މިނިވަންކަމާ އެކު އުޅޭ މީހަކަށް ވާތީ އޭނާ ފިލައިގެން ދާންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
އެހެން ބިދޭސީންތަކެއް އޭނާއަށްދޭންޖެހޭ ފައިސާތަކެއް ދީފައި ނުވާކަމަށާއި އަދި އޭނާގެ އަތުގައި 10،000ރ. އާއި 200 ޑޮލަރު ހުރި ކަމުގެ މައުލޫމާތު ކައުންސިލަށް ލިބިފައިވާ ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.
މިކަމާ ބެހޭގޮތުން ގުޅާލުމުން ފުލުހުންގެ ތަރުޖަމާން ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފް ވިދާޅުވީ ގެމަނަފުށީ ކައުންސިލާއި ފުލުހުން ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.