ހުޅުލޭ އެއަޕޯޓަކީ ދިވެހިންގެ ލެޔާ ގުޅިފައި އޮތް އެއަޕޯޓެއް ކަމަށާއި އެއަޕޯޓް ބޭރުބައެއްގެ އަތްމައްޗަށް ދޫކޮށްލާފައި ވަނީ، އެންމެ ގޯސްކޮށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހުވަދުއަތޮޅު އުތުރުބުރީ ދާންދު އަށް ވަޑައިގެން، ދާންދޫ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. އެއަޕޯޓް ހެދިފައި ވަނީ، ދިވެހިންގެ އެތައް ބަޔަކު ޤުރްބާންތަކެއް ވެގެން ކަމަށް ވިދާޅުވެ، އެއަރޕޯޓް ހެދުމުގެ މަސައްކަތުގައި ޢަމަލީ ގޮތުން ދިވެހިންގެ އެތައް ބަޔަކު ބައިވެރިވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.

ދިވެހި ރާއްޖެއަކީ ފަތުރުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ގައުމަކަށްވާ އިރު އަދި ފަތުރުވެރިން ވަންނަން އޮތް މައި ދޮރާށްޓަކީ ހުޅުލޭ އެއަރޕޯޓް ކަމަށްވާއިރު، އެތަން ބޭރުބަޔަކަށް ދޫކޮށްލާފައި ވަނީ، ރާއްޖެ އަށް އެންމެ ކުޑަކޮށް އެތަނުން އެއްޗެއް ލިބޭގޮތަށް އަދި އެމީހުންނަށް އެންމެބޮޑު ފައިދާ ލިބޭގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ހުޅުލޭގެ ބިން ވެސް އޮތީ ވަރަށްދިގު މުއްދަތަކަށް ދޫކޮށްލާފައި ކަމަށާއި މިކަން ކޮށްފައި ވަނީ، ރާއްޖޭގެ އިގްތިޞާދަށް ވަރަށްބޮޑު ހީނަރުކަމެއް ލިބޭގޮތަށް ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މިރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މިވަރުގެ ބޮޑު ޖަރީމާއެއް ހިންގި ބަޔަކު، މިއަދު ވެސް މަގުމައްޗަށް ނުކުމެފައި، ޖީއެމްއާރު އަނބުރާ ގެންނަން އެބަ ގޮވާލާ ކަމުގައި ވިދާޅުވި އެވެ. އަދި އަޅުގަނޑުމެންގެ ތެރެއިން ބައެއް ރައްޔިތުން، އެ ވާހަކަ ވެސް އަޑުއަހަން އެބަތިބޭ ކަމަށާއި އެގޮތަށް ގޮވާލާ ބައެއްގެ ފަހަތުން ނުކުންނަ މަދު ބަޔަކު ވެސް އެބައުޅޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.