15 Dec 2012, 21:45
ޑޮކްޓަރު އަފްރާޝީމް ޢަލީ އަވަހާރަކޮށްލުން ފަދަ ބޮޑެތި ޖަރީމާތައް މިރާއްޖޭގައި އިތުރަށް ހިންގާކަށް އެއްވެސް ފުރްޞަތެއް ނުދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙަންމަދު ވަޙީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު ގއ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލް ކަމަށްވާ ދާންދުއަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ހުންނެވި އެންމެ ފުންނާބު އުސް އެއް ޢިލްމުވެރިޔާ އަވަހާރަކޮށްލުމުގެ ފަހަތުގައި ވަނީ، ސިޔާސީ ސަބަބުތަކެއް ކަމަށާއި އެކަން ކުރީ ބަޔަކު ރާވައިގެން، އެކަމުގެ ފަހަތުގައި ބަޔަކު ތިބެގެން ކަމަށެވެ. އަދި ބަޔަކު އަޑީގައި ތިބެގެން، އެހެން ބަޔަކަށް ލާރިދީގެން ގޮސް، މީހަކު މަރާލައި އެ ވަރުގެ ބޮޑު ޖަރީމާއެއް ރާއްޖޭގެ ތާރީޚުގައި ވެސް ބަޔަކު އަދި ހިންގާފައި ނެތް ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެކަން މިވަނީ ސިޔާސީ ކަމަކަށްވެފައި ކަމަށާއި އަދި އެކަމުގެ ހަގީގަތް ވަރަށް އަވަހަށް ރައްޔިތުންނަށް ސާފުވާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އެ ރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ފިކުރުގެ ސަބަބުން މިއީ ކުރަންވާވަރު ކަންތައްތަކެއްތޯ އާއި މިވަރުގެ ކަމެއް ކުރީމާ ވެސް، ރައްޔިތުން މަޑުމަޑުން ތިބެންވީތޯ ރައީސުލްޖުމްހޫރިއްޔާ ސުވާލު ކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ، މިއީ އެއްގޮތަކަށް ވެސް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ވަރަށް ކެތްތެރިކަމާ އެކީގައި ކަމަށާއި މިކަމުގެ ހަގީގަތް ސާފުކުރައްވަމުން ގެންދަވަނީ، ދުނިޔޭގެ އެކި ދިމަދިމާ އިން އެހީތެރިކަން ހޯއްދަވައިގެން ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެފަދަ ހާދިސާއެއް ހިނގާކަމީ ވަރަށް ހިތާމަހުރި ކަމެއް ކަމަށާއި މިއީ ދިވެހިންނަށް ދިމާވެފައި އޮތް ވަރަށްބޮޑު މުޞީބާތެއް ކަމުގައި ވިދާޅުވި އެވެ. އެކަމުން ސަލާމަތްވުމަށް ޓަކައި އަޅުގަނޑުމެން އެންމެން މާތްﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަން އެބަޖެހޭ ކަމަށާއި މިއީ ކުޑަކުޑަ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ދިވެހިރާއްޖެ އިތުރަށް ގޯސްވެގެން ހިނގައްޖެ ނަމަ، އަޅުގަނޑުމެންނަކަށް މާބޮޑު އުންމީދެއް ނޯންނާނެ އެވެ. އަޅުގަނޑުމެން މިއުޅޭ ހިތްހަމަޖެހޭ، ހިތްފަސޭހަ މާޙައުލުގައި އަޅުގަނޑުމެންނަކަށް ނޫޅެވޭނެ އެވެ. ދިވެހި ރާއްޖެއަކީ ވަރަށްބޮޑު ހަމަނުޖެހުމުގެ އަނދަވަޅެއްގެ ތެރޭގައި އޮތް ޤައުމަކަށްވެގެން ހިނގައިދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެން އެންމެން ސަމާލުވެ، އަޅަން ޖެހޭ ފިޔަވަޅުތައް އެބަ އަޅަން ޖެހޭ ކަމަށް ވިދާޅުވެ، މިކަންކަން ސަރުކާރުން ވެސް މިގެންދަވަނީ ވަރަށް ގާތުން ބައްލަވަމުންކަން ހާމަކުރެއްވި އެވެ.
ރާއްޖެ ދާޚިލީ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް، ބޮޑު އަނދަވަޅެއްގެ ތެރެއަށް ވައްޓާލާކަށް ޖާގައެއް ނުދެއްވާނެ ކަމަށާއި ޤާނޫނީ ގޮތުންނާއި އެހެނިހެން ވެސް ގޮތްގޮތުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ރާއްޖޭގެ ރައްޔިތުން ސަލާމަތް ކުރެއްވުމަށް ޓަކައި ކުރައްވަން ޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ކަމުގެ ޔަޤީންކަން ވެސް ރައީސުލްޖުމްހޫރިއްޔާ، ރާއްޖޭގެ ރައްޔިތުންނަށް ދެއްވި އެވެ.