25 Sep 2010, 08:46
ނީލަމުގައި ހުޅަނގު ހާބަރުން ބިން ވިއްކަމުންދާދިއުން ވަގުތީ ގޮތުން ހުއްޓައިލުމަށް މަދަނީ ކޯޓުން ނެރެފައިވާ ހުކުމަށް ބޯލަނބާނެ ކަމަށް މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެ އެވެ.
އާދަމް މަނިކު މިއަދު ވިދާޅުވީ މަދަނީ ކޯޓުން ވަގުތީ އަމުރު ނެރުއްވި އިރު އޭނާ ހުންނެވީ ރާއްޖެ އިން ބޭރުގައި ކަމަށާއި ކޯޓުގެ އެ އަމުރު އަދި ނުވެސް ބައްލަވާ ކަމަށެވެ. ނަމަވެސް ވިދާޅުވީ "ކޯޓު އަމުރަކީ 100 ޕަސެންޓް، އެއަށް މުނިސިޕަލްޓީން ތަބާވާނެ އަމުރެއް" ކަމަށެވެ.
އެހެންނަމަވެސް ވިދާޅުވީ އެ އަމުރަކީ ސަރުކާރުން ނިންމަވާފައިވާ ބިން ވިއްކުމުގެ ސިޔާސަތު ތަންފީޒު ނުކުރެވުން ނޫން ކަމަށާއި އެ ހުކުމް ބަދަލު ކުރުމަށް ޝަރުއީ ދާއިރާގެ ދެން ހުރި މަތީ މަރުހަލާތަކަށް ވަޑައިގަންނަވާނެ ކަމަށެވެ.
"މިކަމަކީ މުޅިއަކުން މުނިސިޕަލްޓީގެ ކަމެއް ނޫން. ސަރުކާރުގެ ސިޔާސަތެއް މުނިސިޕަލްޓީން ތަންފީޒު ކުރަނީ. އެކަމަކު ކޯޓު އަމުރެއް އައުމުން އަޅުގަނޑުމެން ޖެހޭ އެ އަމުރާ އެއްގޮތަށް އަމަލު ކުރަން. އެހެންނަމަވެސް ޝަރުއީ ގޮތުން މި ކަމުގައި ދެންހުރި މަރުހަލާތަކަށް އަޅުގަނޑުމެން ދާނަން،" އާދަމް މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވަގުތީ އަމުރުގެ ހުކުމާ ގުޅިގެން މިހާރު ވެސް ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދާ ވާހަކަފުޅު ދައްކަވާފައިވާނެ ކަމަށާއި ޝަރުއީ އެހެން މަރުހަލާތަކުގައި އެ ހުކުމް ބަދަލު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބަ އޮތް ކަމަށް ބަންޑާރަ ނައިބު ވިދާޅުވެފައިވާ ކަމަށެވެ.
"މާދަމާ ވެސް އަޅުގަނޑު ބަންޑާރަ ނައިބާ ވާހަކަ ދައްކާނަން މިކަމުގައި. އެކަމަކު އަޅުގަނޑުމެން ކޯޓުގެ ހުކުމަށް ތަބާވާނަން،"
ކޯޓުހުކުމާ ގުޅިގެން ކުރިން ވިއްކާފައިވާ ބިންތަކަށް އަންނާނީ ކޮން ބަދަލެއްތޯ ދެންނެވުމުން މުނިސިޕަލްޓީގެ ރައީސް ވިދާޅުވީ ކޯޓް ހުކުމްގައި އެކަމާ ބެހޭ ގޮތުން އެއްޗެއް ބުނެފައި ނުވާ ނަމަ "އޭގައި އިޝޫއެއް އޮންނާނެ ކަމަށް ގަބޫލު ނުކުރަން" ކަމަށެވެ. ނަމަވެސް ކޯޓުހުކުމާ އެއްގޮތަށް އަމަލުކުރައްވާނެ ކަމަށެވެ.
މުނިސިޕަލްޓީން ހާބަރު ސަރަހައްދުން 2000 އަކަފޫޓުގެ ފަސް ބިމާއި 5000 އަކަފޫޓުގެ ތިން ބިމާއި7500 އަކަފޫޓުގެ ދެ ބިމާއި 10000 އަކަފޫޓުގެ ބިމެއް ނީލަމުގައި ވިއްކާތީ ސަރުކާރާ ދެކޮޅަށް ދައުވާ ކުރީ ޑީއާރްޕީ އާއި ޕީއޭ އާއި ޖުމްހޫރީ ޕާޓީ، އަދި ގައުމީ ޕާޓީ ގުޅިގެން އުފައްދާފައިވާ އިދިކޮޅު އިއްތިހާދުންނެވެ. ބިން ވިއްކުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި އެ ފަރާތްތަކުން ދައުވާ ކުރީ އޯގަސްޓް26، 2010 ގަ އެވެ. އެ ދައުވާގައި ޝަރީއަތުން ވަކި ގޮތަކަށް މައްސަލަ ނިމެންދެން ބިން ވިއްކުން ހުއްޓުވައިދިނުމުގެ އަމުރަކަށް ވެސް އެދުނެވެ.
ޝަރުއީ މަރުހަލާގައި ދެކެވުނު ވާހަކަތަކަށް ރިޔާއަތްކޮށް މަދަނީ ކޯޓުން ނެރުނު އަމުރުގައި ބުނަނީ "މާލޭ ހުޅަނގު ދެކުނު ހާބަރުން ބިން ވިއްކުމަށް ނިންމާފައިވާ ނިންމުމާއި، އެ ނިންމުމުގެ މައްޗަށް ކުރެވޭ ކަންކަމުގެ ސައްހަ ކަމާ މެދު ގޮތެއް ކަނޑައެޅުމަށް ކުރެވިފައިވާ ދައުވާއަކަށް ވާތީ، ޝަރީއަތް ކުރިއަށްގެންދަނިކޮށް މި މުއާމަލާތާ ގުޅޭ ގޮތުން، ޝަރީއަތުން ވަކި ގޮތެއް ކަނޑަނާޅަނީސް، އެ މުއާމަލާތް (ބިން ވިއްކުމުގެ) ފުރުސަތު ދެވިފައި އޮތުމަކީ އެންމެ އަދުލުވެރިކަން ގާތް ގޮތް ކަމުގައި ނުވާތީ، އެ ފުރުސަތު ދީފި ނަމަ އިއާދަނުކުރެވޭނެ ގެއްލުންވެދާނެ ކަމަށް ޝަރީއަތަށް ފެންނާތީ، ހުޅަނގު ދެކުނު ހާބަރުން މުނިސިޕަލްޓީއާ ހަވާލުކޮށްގެން ބިން ވިއްކުމުގެ މުއަމަލާތްތައް މި ވަގުތަށް ނުކުރުމަށް ދިވެހި ދައުލަތުގެ މައްޗަށް އަމުރުކޮށްފިން" ކަމަށެވެ.
ނީލަމަށްލައިގެން އާ ހާބަރުން 11 ބިމެއް ވިއްކާލަން ނިންމާފައިވާ ކަމަށް މާލޭ މުނިސިޕަލްޓީން އިއުލާނު ކުރީ އޯގަސްޓް1، 2010 ގަ އެވެ. އަކަފޫޓެއް 4000ރ. ރޭޓުން ވިއްކަން ހަމަޖައްސާފައިވާ 11 ބިމުގެ ތެރެއިން ފުރަތަމަ ބުރުގައި ވިއްކާ ހަތަރު ބިން ބީލަމަށް ލެއްވީ އޯގަސްޓް އަށެއް ގަ އެވެ. ނީލަމުގައި ބިންތައް ވިކެމުން ގޮސް އެންމެ ފަހުން އޮތް ބިން ވިކުނީ ސެޕްޓެމްބަރު ހަ އެއްގަ އެވެ. އޭގެ ފަހުން ދެ ވަނަ ބުރެއްގައި އިތުރު ފަސް ބިން ނީލަމަށް ލުމުން މިހާރު ވަނީ ބައެއް ބިންތަކުގެ އަކަފޫޓަކަށް 5000ރ. އިން މައްޗަށް އަރާފަ އެވެ.