15 Dec 2012, 21:42
ސްޕެއިންގެ ބާސެލޯނާއަށް ކުޅޭ އާޖެންޓީނާގެ މަޝްހޫރު ފުޓްބޯޅަ ތަރި ލިއޮނަލް މެސީ 2012 ވަނަ އަހަރު ކާމިޔާބު ކުރި 86 ވަނަ ގޯލާ އެކު ޖަރުމަނުގެ މަޝްހޫރު ފުޓްބޯޅަ ތަރި ގާޑް މުލާގެ 85 ލަނޑުގެ ރެކޯޑް މުގުރާލި ވާހަކަ މީޑިޔާގައި ހުސްވި ހަފުތާގައި ވަރަށް ބޮޑަށް ފެތުރިގެން ދިޔަ އެވެ.
އަނެއްކާ މިހަފުތާގައި އެވާހަކަ އެހެން ގޮތަކަށް ބަދަލުވެގެން ދިޔައީ އެފްރިކާގެ ގައުމެއް ކަމަށްވާ ޒަންބިއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެއް އަހަރު ތެރޭގައި އެންމެ ގިނަ ގޯލް ކާމިޔާބު ކުޅުންތެރިޔާގެ ރެކޯޑް އޮތީ އެގައުމުގެ ކުރީގެ ފުޓްބޯޅަ ތަރި ގޮޑްފުރޭ ޗިތާލޫ އަތުގައި ކަމަށް ބުނުމުން ނެވެ. އަދި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ އިން ބުނަނީ އެ ރެކޯޑަކީ ފީފާ އިން ގަބޫލު ކުރާ ރެކޯޑެއް ނޫން ކަމަށެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް ޒަމްބިއާ (އެފްއޭޒެޑް) އިން ބުނީ ޗިތާލޫ ވަނީ 1972 ވަނަ އަހަރު ގައުމީ ޓީމަށާއި ކުލަބަށް 107 ލަނޑު ކާމިޔާބު ކޮށްދީފައި ކަމަށެވެ. އަދި އެ ރެކޯޑުގެ އިތުރު މައުލޫމާތުތަކާ އެކު އެމައްސަލަ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އަށް ވެސް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް ފީފާ އިން ބުނީ އެ ޖަމިއްޔާ އިން މިކަމުގެ ތެރެ އަށް ވަންނަން ބޭނުން ނޫން ކަމަށާއި އެތަނުގައި މިފަދަ ކަމެއް ސާބިތު ކުރެވޭވަރަށް މައުލޫމާތު ވެސް ނެތް ކަމަށެވެ.
ބީބީސީ ސްޕޯޓްސް އަށް ދިން އިންޓަވިއު އެއްގައި ފީފާގެ ތަރުޖަމާން އެލެކްސް ސްޓޯން ބުނީ ފީފާއިން ދުނިޔޭގެ ހުރިހާ ތަނެއްގައި ކުޅޭ މުބާރާތްތަކުގެ މައުލޫމާތުތަށް ނުބަލަހަށްޓާ ކަމަށެވެ. "ތިޔައީ ފީފާގެ ރަސްމީ ރެކޯޑްތަކެއް ނޫން" ސްޓޯން ބުންޏެވެ. އަދި ފީފާއިން ބަލަހަށްޓަނީ އެތަނުން ރާވާ ހިންގާ މުބާރާތްތަކާ ގުޅޭ މައުލޫމާތު ތައްކަމަށްވެސް އޭނާ ބުންޏެވެ.
"އަހަރެމެން އަތަކު ނުހުރޭ ހުރިހާ ގައުމެއްގެ ޓީމުތައް އުފެދުނީއްސުރެން އެމީހުން ކުޅުނު ހުރިހާ މެޗުތަކެއްގެ ތަފުސީލީ މައުލޫމާތެއް ރައްކާ ކުރެވިފައި ހުރި ޑާޓާބޭސް އެއް" ސްޓޯން ބުންޏެވެ. "އަހަރެމެން ބަލަހައްޓާ މުބާރާތެއްގެ މައުލޫމާތު ޔަގީން ކުރަން ބޭނުން ނަމަ އެކަން ކޮށްދޭން ތައްޔާރަށް މިތިބީ" އޭނާ އިތުރަށް ބުންޏެވެ.
ފީފާގެ ތަރުޖަމާނު ބުނީ މެސީގެ ގޯލް ރެކޯޑަކީ ފީފާއިން ފާހަގަ ކޮށްފައިވާ ރެކޯޑެއް ނޫންކަމަ ށެވެ. އެއީ ފުޓްބޯޅައިގެ ފޭނުންނާއި މީޑިޔާ އިން ބޭނުން ވެގެން ބަލާފައިވާ ރެކޯޑެއް ކަމަށެވެ. އަދި އެ ރެކޯޑަކީ ކޮންމެވެސް މީޑިޔާ އަކުން އެއްކޮށްގެން އާންމު ކޮށްފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެބަޔަކު ފަތުރާފައިވާ ވާހަކަތަކެއް ކަމަށެވެ.
ޗިތާލޫ ޒެމްބިއާގެ ޓީމަށް ކޯޗުކަން ކޮށްދިން އިރު އެ ޓީމަށް ކުޅުނު މިހާރު އެފްއޭޒެޑްގެ ރައީސް ކަލޫޝާ ބްވަލްޔާ ބުނީ ޗިތާލޫ އަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާގެ ކާމިޔާބީތައް ވެސް ފާހަގަ ކުރަން ޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް އޭގެ މާނައަކީ މެސީ އަށް ލިބިފައިވާ އެއްޗެއް އޭނާގެ އަތުން އަތުލުން ނޫންކަމަށް ވެސް އޭނާ ބުންޏެވެ.
"މެސީ އެކުރީ އާދަޔާ ހިލާފު ކަމެއް" ކަލޫޝާ ބުންޏެވެ. "އަހަރެމެން ދެކެފިން ޕެލޭ، ޕްލެޓީނީ، މަރަޑޯނާ، ވެމްބަސްޓަން ފަދަ ކުރީގެ މަޝްހޫރު ކުޅުންތެރިން. މިޒަމާނުގައި ސީޒަނެއްގައި ވިއްސަކަށް ލަނޑު ޖަހާލުމަކީ ވެސް ވަރަށް އުނދަގޫ ކަމެއް. އެހެން ވީމާ މެސީއަށް ލިބުނު އެއްޗެއް އަތުލައިގެން ނުވާނެ" ކަމަށެވެ. އަދި ކަލޫޝާ ބުނީ "މެސީ އަކީ ދުނިޔޭގައި އެފަދަ ދެވަނައެއް ނެތްފަދަ މޮޅު ކުޅުންތެރިއެއް" ކަމަށެވެ.