15 Dec 2012, 21:13
ޑިފެންސް މިނިސްޓަރު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޗައިނާއިން ދޭ އަސްކަރީ އެހީއާބެހޭ އެގްރީމެންޓެއްގައި ސޮއިކުރައްވައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު ޗައިނާގެ މިނިސްޓަރު އޮފް ނޭޝަނަލް ޑިފެންސް ޖެނަރަލް ލިއޭން ގުއަންގްލީ އާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ކަމަށެވެ. ދެ ގައުމުގެ އަސްކަރިއްޔާގެ ދެމެދުގައި ވެވުނު އެއެއްބަސްވުމުގެ ދަށުން ރާއްޖެ އާއި ޗައިނާއާ ދެމެދު އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާއި އެމްއެންޑީއެފްއަށް ޗައިނާގެ ސަރުކާރުން ދޭ ހިލޭ އެހީ ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފަ އެވެ.
އެ ބައްދަލުކުރެއްވުމުގެ އިތުރުން ޑިފެންސް މިނިސްޓަރު ޗައިނާގެ ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ ވައިސް ޗެއާމަން ޖެނަރަލް ޒޫ ގިލިއޭންގްއާ ބައްދަލުކުރައްވާ ދެ ގައުމުގެ މެދުގައި ދިފާއީ އަދި އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ. އަދި ޗައިނާގެ ނެޝަނަލް ޑިފެންސް ޔުނިވާސިޓީއަށް ޒިޔާރަތްކުރައްވައި ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ދިވެހިރާއްޖެއަށް ހޯއްދެވުމާބެހޭ ގޮތުންވެސް ނާޒިމް ވަނީ މަޝްވަރާކުރައްވައިފަ އެވެ. އަދި ޕީއެލްއޭ ނޭވީ ސަބްމެރިން އެކަޑަމީއަށް ނާޒިމް ޒިޔާރަތްކުރައްވައި އެތަނުގައި ތަމްރީނު ހަދަމުންދާ އެމްއެންޑީއެފް ކޯސްޓްގާޑްގެ ބޭފުޅުންނާ ބައްދަލުކުރައްވާފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.
ޑިފެންސް މިނިސްޓަރު ނާޒިމް ޗައިނާއަށް ކުރެއްވި އެދަތުރުފުޅަކީ ޗައިނާގެ ޑިފެންސްގެ ދައުވަތަކަށް މި މަހުގެ 10 އިން މިއަދުގެ ނިޔަލަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.