15 Dec 2012, 18:30
ލޮނުޒިޔާރަތް މަގުގައި ހުންނަ ގ. މިޒަމާންގޭގައި މަރުވެފައި އޮއްވައި ފެނުނު ބިދޭސީ މީހާގެ މަރުގެ ހަގީގަތް އެންމެ ފުރިހަމަ ގޮތުގައި އެނގިގެންދާނީ ޕޯސްޓްމޯޓަމް ހަދައިގެން ކަމަށް އޭނާ ބެލި ޑޮކްޓަރާ ހަވާލާދީ ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ އޭނާ ފެނިފައި ވަނީ މަރުވެފައި އޮންނަތާ ދެ ތިން ދުވަސް ފަހުން ކަމަށް ލަފާކުރެވޭ ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ. އަދި އޭނާގެ މަސްގަނޑު ވަރަށް ބޮޑަށް ހަލާކުވެފައި ވާތީ ބޭރުފުށުން ފެންނަ ފެނުމުން އޭނާގެ މަރުގެ ހަގީގަތް ސާބިތުކުރަން ދަތިވާ ކަމަށް ވެސް ޑޮކްޓަރާއި ހަވާލާދީ ފުލުހުން ބުންޏެވެ.
މަރުވެފައި އޮއްވައި ފެނިފައިވާ މީހަކީ ކޮން ގައުމެއްގެ ކާކުކަން އަދި މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވާ ކަމަށާއި ނަމަވެސް އޭނާގެ ޖީބުގައިވާ ލިޔުމެއްގައިވާ މައުލޫމާތަށް ބަލާ އިރު އެއީ ސްރީލަންކާގެ ރައްޔިތެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ މަރުވެފައި ވަނީ ގުދުރަތީ މަރަކުންކަން ނުވަތަ ލިބުނު އަނިޔާއަކުންކަން މިހާތަނަށް ހޯދި ހޯދުންތަކުން އެނގިފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އިއްޔެ އިރު އޮއްސުނު އިރު ލިބުނު މައުލޫމާތަކާ ގުޅިގެން ގ. މިޒަމާންގެ އަށް ފުލުހުން ގޮސްބެލި އިރު އެގޭގެ ކޮޓަރިއެއްގެ ތެރޭގައި މަރުވެފާ އޮއްވައި ފެނިފައި ވަނީ ފިރިހެނެއް ކަމަށާއި އޭނާގެ މަރުގެ ހަގީގަތް ހޯދުމަށް ފުލުހުންގެ ތަހުގީގު ޓީމުން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަރުވެ ކުނިވެފައި އޮއްވައި ރޭ ފެނުނު އެ ބިދޭސީ މީހާގެ ހަށިގަނޑު މިހާރު ވަނީ މޯޗަރީ އަށް ލައިފަ އެވެ.