ލާމަރުކަޒީ ގާނޫނުގެ ދަށުން ފަޅު ރަށްރަށުންނާއި ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިވާ ތަންތަނުން ކައުންސިލްތަކަށް ލިބޭ ހުރިހާ އާމްދަނީއެއް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ޖަމާކުރުމަށް ފިނޭންސް މިނިސްޓްރީން ކައުންސިލްތަކަށް އަންގައިފި އެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ސޮއި ކުރައްވާ މި ދިޔަ މަހުގެ އަށް ވަނަ ދުވަހު ކައުންސިލްތަކުން ބަލައި ގަންނަ އެކި ބާވަތުގެ ފީތަކާއި ކުލި ތަކަކީ ވަކި ގާނޫނުގެ ދަށުން ލިބުމަށް ކަނޑައަޅާފައިވާ ދައުލަތުގެ އާމްދަނީ ކަމަށާއި އެހެން ކަމުން ލާމަރުކަޒީ ގާނޫނުގެ 78 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް ގާނޫނުތަކާއި ހިލާފަށް އެ މާއްދާގެ ދަށުން އެ ފައިސާއާ މެދު އަމަލުކުރެވޭނެ ޖާގަނެތުމުން ކަމަށެވެ.

"މި މިނިސްޓްރީގެ ނަމްބަރު 10/2011 [21 ޖުލައި 2012] މާލިއްޔަތާއި ބެހޭ ސާކިއުލާގެ 1.1.1 (ހ) ރިކަރަންޓް އާމްދަނީ ދިވެހިރާއްޖޭގެ ދާއިރާތައް ހިންގުމުގެ ގާނޫނުގެ 78 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކުން ނަގާ ފީ އާއި ކުލި ބާތިލު އަކުރެއް ކަމުގައި ހަމަޖައްސައިފީމުއެވެ،" ސާކިއުލާގައިވެ އެވެ.

އެގޮތުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ކެޓުގައިދުއްވާ އެއްޗިހިން ފައިސާ ނެގުމުގެ ގާނޫނާއި ފަޅުރަށްރަށާއި ބެހޭ ގާނޫނާއި ބަދަރުކުލި ނެގުމުގެ ގާނޫނާއި އަދި ޕާޓްނަޝިޕްގެ ގާނޫނުގެ ދަށުން ނެގޭ ފީތަކާއި އެހެނިހެންވެސް ގާނޫނެއްގެ ދަށުން ނަގާ ފީތައް ޖަމާކުރަން ޖެހޭނީ ސީދާ މީރާއަށް ކަމަށްވެސް ފިނޭންސްގެ ސާކިއުލާގައިވެ އެވެ.

"މޭ 31، 2010 ގައި މާލިއްޔަތާއި ބެހޭ ސާކިއުލާގައިވާގޮތުގެ މަތިން ގަވާއިދުން މީރާއަށް އެ ފައިސާ ފޮނުވަމުން ގެންދިއުމަށް ދަންނަވަމެވެ. އަދި ކައުންސިލްތަކުން ބަލައިގަނެ މީރާއަށް ނުފޮނުވާހުރި މިފަދަ ފައިސާ 29 ނޮވެމްބަރު 2012 ގެ ކުރިން މީރާއަށް ފޮނުވުމަށް ދަންވަމެވެ،" ސާކިއުލާގައިވެ އެވެ.

އެ ސާކިއުލާއާ ގުޅިގެން ބަޖެޓް ކޮމެޓީގައި ވާހަކަ ދައްކަވަމުން ސިޓީ ކައުންސިލްތަކުގެ ބޭފުޅުން ވަނީ އެ ސާކިއުލާއާ ގުޅިގެން އެ ކައުންސިލަށް ލިބޭ އާމްދަނީއާ މެދު ކަންބޮޑުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ސަރުކާރާއި އިދިކޮޅު މަޖިލީހުގެ މެންބަރުން އެކަން ސިފަކުރެއްވީ ލޯކަލް ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލުމަށް ސަރުކާރުން ކުރާ ކަމެއްގެ ގޮތުގަ އެވެ.