15 Dec 2012, 16:04
ކުދިކުދި އާބާދީ ދިރިއުޅޭ ރަށްރަށަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ދޭތެރޭގައި ގައުމީ ފެންވަރެއްގައި ވިސްނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ގއ. ކޮނޑޭއަށް މިއަދު ހެނދުނު ވަޑައިގެން އެރަށު ރައްޔިތުން ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ. ކުދިކުދި އާބާދީ ދިރިއުޅޭ ކިތަންމެ ރަށެއް، ރާއްޖޭގައި އެބައޮތްކަން ފާހަގަކުރައްވަމުން، އެރަށްރަށަށް ދޭންޖެހޭ އަސާސީ ހިދްމަތްތަކާ ދޭތެރޭގައިވެސް ވިސްނަންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ތަރައްގީވުމަކީ ހަމައެކަނި އާބާދީ ބޮޑުވުމުމާއި ޒަމާނީ ވަސީލަތްތައް ލިބުން ނޫން ކަމަށެވެ. މީގެއިތުރުން ތަރައްގީވުމަކީ އުފަލުގައި ދިރިއުޅެވޭނެ ގޮތްތައް ވެސް މެދުވެރިވުމާއި ޒަމާނީ ފަސޭހަގޮތްތަކާއި، ލުއިފަސޭހަކަމާއި، ހިތްފަސޭހަކަމާ އެކު އުޅެވޭނެ މާހައުލެއް އުފެއްދުމަކީ ވެސް ތަރައްގީއަށްށްޓަކައި ކުރަންޖެހޭ ކަމެއް ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ޅަދަރިންނަށް ތައުލީމާއި ސިއްހަތު ފުރިހަމައަށް ލިބިދިނުމަކީ އަދި އެކުދިން ބޮޑެތިވަމުން އަންނައިރު އިތުރު އެހެން ފުރުސަތުތައް އެކުދިންނަށް ހޯދައިދިނުމަކީ އަޅަންޖެހޭ ބިންގަލެއްކަން ފާހަގަކުރެއްވި އެވެ.
ފުރިހަމަ ސިއްހަތެއްގައި ޅަދަރިން ބޮޑެތިކުރުމަކީ އަދި އެކުދިންނަށް ރަނގަޅު ތައުލީމެއްގެ ބިންގާ އަޅައިދިނުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށާއި ޅަފަތުގައި ކުދިންނަށް ދޭންޖެހޭ ސިއްހީ ފަރުވާ ރަނގަޅަށް ނުލިބުމުގެ ސަބަބުން އެކިބާވަތުގެ ބޮޑެތި ބަލިތައް ކުދިންނަށް ޖެހޭ ގޮތް މެދުވެރިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ރަނގަޅު ސިއްހީ ބިންގަލެއް އެޅުމަކީވެސް މުހިންމު ކަމެއް ކަމުގައި ރައީސް ވިދާޅުވި އެވެ.
ތައުލީމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވަމުން އެކި ޖަމާއަތްތަކުގައި ދެވޭ ތައުލީމަކީ އެއީ ރަނގަޅު ފެންވަރެއްގައި ދެވޭ ތައުލީމަކަށްވާން އެބަޖެހޭ ކަމަށާއި އެކަމާ ދޭތެރޭގައި ސަރުކާރުން ވިސްނަމުން ގެންދާކަން ރައީސް ފާހަގަކުރެއްވި އެވެ.
ތައުލީމުގެ ސިޔާސަތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާއްސަ މަޝްރޫއެއް ރާއްވަވައިގެން ބަލަމުން ކުރިއަށް ގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކޮންމެ ރަށެއްގައިވެސް ގްރޭޑް 10 އާ ހަމައަށް ކިޔަވައިދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި ގްރޭޑް 10އާ ހަމައަށް ކިޔަވައިދިނުމަށްޓަކައި އެކަން ކުރެވެން އޮތް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ވެސް ބަލަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
ކޮނޑޭގައި އަންނަ އަހަރު ގްރޭޑް 8 އުފެއްދުމަށް ރައްޔިތުން އެދެމުންދާތީ، އެކަމާ ދޭތެރޭގައި ވެސް ވިސްނާވަޑައިގަންނަވާނެ ކަމަށާއި ގްރޭޑް 8 އުފައްދައި، ކިޔަވައިދެވޭނެ ގޮތެއް އޮތްތޯ ބައްލަވައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.