15 Dec 2012, 14:24
ބަނޑޮސް ކައިރިއަށް ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ވީނުވީއެއް ނޭނގި ގެއްލުނު ޗައިނާގެ އަންހެން މީހާ ގެއްލުނު މައްސަލައާ ގުޅިގެން ކޯޓުން ފުރުން މަނާކޮށްފައިވާ ޗައިނާގެ ފިރިހެނަކު ފުރުވާލި މައްސަލަ ބަލަމުން ގެންދާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަންގެ ކޮންޓްރޯލާ ޑރ. މުހައްމަދު އަލީ ސަން އަށް މިއަދު ދެއްވި އިންޓަވިިއުއެއްގައި ވިދާޅުވީ ޗައިނާގެ އެމީހާ ފުރާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށާއި ކޯޓު އަމުރެއް އިމިގްރޭޝަނަށް ލިބިފައި ވަނީ އެ ދުވަހުގެ ރަސްމީ ގަޑި ނިމުނު ފަހުން ކަމަށެވެ. އަދި އެމީހާ ފުރީ އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވަނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެކޯޓު އަމުރުގައި އެމީހާ ފުރުން މަނާކޮށްފައިވާ ވަކި ސަބަބެއް ބަޔާންކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޯޓު އަމުރު އައިސްފައި އޮތީ 4:30 ގައި. އެކަން ހިނގީ މިކޮޅަށް ކޯޓު އަމުރެއް އޮތް ކަން ނޭނގިއެކޭ ނުބުނެވޭނެ. ނަމަވެސް ކޯޓު އަމުރުގައި ވަކިއެއްޗެއް ބުނެފައެއް ނެތް. ފުރުން ހިފަހައްޓާށޭ ބުނެފައި އޮތީ އެހެންވެ އެ އަމުރަށް އިމިގްރޭޝަނުން ތަބާވާނެ. އެކަމަކު އެޕްރޮސެސްގެ ކަންތައްތައް ދިމާވި ގޮތުން އެކަންތައްތައް ކޮންމެވެސް ގޮތަކުން ސްލިޕް ވެގެން އެމީހާ އަށް ދެވިފައި ވަނީ. އެކަންތައް ބަލަމުން މިގެންދަނީ،" ކޮންޓްރޯލާ އޮފް އިމިގްރޭޝަން ވިދާޅުވި އެވެ.
މުހައްމަދު އަލީ ވިދާޅުވީ ކޯޓުގެ އަމުރެއް ނެރެފައި ވާތީ އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވަނިކޮށް އެމީހާ ފުރުވާލި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލާނެ ކަމަށާއި އެކަމުގައި އިހުމާލުވާ ފަރާތަކާ މެދު ހަރުކަށި ފިޔަވަޅު ވެސް އަޅާނެ ކަަމަށެވެ.
ކޮންޓްރޯލާ ވިދާޅުވީ އެކަންތައް ފުރަތަމަ އެލާޓަށް ގެނައި އެ އަންހެން މީހާގެ ފިރިމީހާގެ ލޯޔަރުން ކަމަށާއި އެ އެލާޓާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ކަންތައްތައް ދިމާވަނީ އިމިގްރޭޝަންގެ ސިސްޓަމްތަކުގައި ހުރި މައްސަލަތަކެެއްގެ ސަބަބުން ކަމަށެވެ.
"ކޯޓުގެ ފެކްސްގެ ކުރިން އެކަން އެލާޓަށް ގެނައި ލޯޔަރުން. އެހެންވެ ސަމާލުވެގެން ތިބީ. އެހެންވެ ފެކްސް އައިކަން ވެސް އެނގުނީ. ލޯޔަރުން ބުނީ އެފަދަ އަމުރެއް އެބަ ނެރެއޭ. އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ހުންނާނީ އަޅައިފައި. ނަމަވެސް އެ މައުލޫމާތު ހުރީ ސިސްޓަމްތަކަށް ނާޅާ. ކޮންމެ ފަދަ އަމުރެއް ކޯޓަކުން ނޫނީ ފުލުހުން ވެސް ނެރެދާނެ. ދަންވަރުގެ ވަގުތެއްގައި ވެސް އަމުރެއް ނެރެދާނެ. ފެކްސްއެއް ފޮނުވައިގެން އެއަށް އެލާޓް ނުވެއްޖިއްޔާ ވެސް އެފަދަ ކަންތައްތަކެއް ދިމާވެދާނެ. މިތަނުގެ ސިސްޓަމްސްތަކުގައި ވަރަށް ބޮޑެތި މައްސަލަތަކެއް އެބަހުރި،" ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ބަންޑޮސް އައިލެންޑް ރިސޯޓުގައި ޗުއްޓީއެއް ހާދަކުރަމުން ދިޔަ ޗައިނާގެ އެ އަންހެން މީހަކީ ޗައިނާގެ މުއްސަންދި މަހުޖަނެކެވެ. އެ އަންހެން މީހާ ސްނޯކްލީނަށް ގޮސްއުޅުނީ އޭނާއާ އެކު ބޭރު ގައުމެއްގައި އޮތް ކޮންފަރެންސްއަކަށް ދިޔަ ބަޔަކާ އެކުގަ އެވެ. އޭނާ ވަނީ އެމީހުންނާ އެކު މީގެކުރިން ވެސް އެފަދަ އެތައް ކޮންފަރެންސަކަށް ގޮސްފަ އެވެ.
ޗައިނާގެ މީހާ ފުރުން ކޯޓުން މަނާކޮށްފައި ވަނީ އެ އަންހެން މީހާ މަރާލާފައިވާ ކަމަށް އޭނާގެ ފިރިމީހާ ކުރާ ތުހުމަތަކާ ގުޅިގެންނެވެ.
ނަމަވެސް އެ ކަމާ ގުޅިގެން ފުލުހުންގެ ކޮމެންޓެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ޗައިނާގެ އަންހެން މީހާ ގެއްލުނީ ބޭރު ބަޔަކާ އެކު ސްނޯކްލީނަށް ގޮސްއުޅެނިކޮށެވެ. ނަމަވެސް އެ ކަމާ ގުޅިގެން ފުލުހުންގެ ކޮމެންޓެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ޗައިނާގެ އަންހެން މީހާ ޗުއްޓީ ހޭދަކޮށްލުމަށް އައިސް އުޅެނިކޮށް ގެއްލިފައި ވަނީ މިމަހުގެ 6 ވަނަ ދުވަހު ބަނޑޮސް ކައިރިއަށް ސްނޯކްލިންއަށް ގޮސް އުޅެނިކޮށެވެ. ނަމަވެސް އޭނާ ސްނޯކްލިންއަށް ދިޔައީ އެކަނި ކަމެއް އަދި އެއަންހެން މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ވެސް މިހާތަނަށް ލިބިފައެއް ނުވެ އެވެ.