ޕްރޮގްރޮސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އިސް މަގާމުތަކަށް އިންތިހާބު ކުރުމަށް އަންނަ މަހު ބާއްވާ ކޮންގެރެސްގައި އެ ޕާޓީގެ ޒުވާނުން ގޮފީގެ ރައީސް ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ސްޕޯކްސް ޕާސަން އިބްރާހިމް މުއާޒް ( ޓީވީ މުއާ)ކުރިމަތިލައްވާނެ ކަން އިއުލާން ކުރައްވައިފި އެވެ.

މިއަދު ހެނދުނު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާ ވިދާޅުވީ އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް ކަމަށް ކުރިމަތި ލެއްވުމަށް ނިންމެވީ ގިނަ މެންބަރުންތަކެއް އެކަށް އެދެމުންދާތީ އާއި އޭނާ އަކީ ޒުވާނުން ގޮވައިގެން އުޅެވޭނެ މީހެއް ކަމަށް އަމިއްލައަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

ޕީޕީއެމްގެ ފުރަތަމަ ކޮންގްސްއާ ބެހޭ ގޮތުން އޭނާ ވިދާޅުވީ އެ އިންތިހާބު މިނިވަންކޮށް ބޭއްވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އަދި އެކަމަށް ގޮވާލާ ކަމަށެވެ.

"ޕީޕީއެމްގެ އެންމެ މަތީ ލީޑަޝިޕަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ ތިޔަ ބޭފުޅުން މި އިންތިހާބުގައި ވަކި ބޭފުޅުނަށް ތާއީދު ކުރެއްވި ނަމަވެސް އެއީ ތިޔަ ބޭފުޅުންގެ އަމިއްލަފުޅު ނިންމެވުމެކޭ. އެހެން ނަމަވެސް ޕާޓީގެ މަސްލަހަތު މީގެ ތެރެއިން އެއްވެސް ވަރަކަށް ގެއްލިގެން ނުދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަން ވާނެ،" މުއާ ވިދާޅުވި އެވެ.

މީގެ އިތުރުން ޒުވާނުންގެ ގޮފީގެ ނައިބު ރައީސް ކަމަށް މުހައްމަދު ޝަހުނީމް (ނީމް) ވެސް ކުރިމަތި ލައްވާނެ ކަން ެއިއުލާންކުރައްވައި އޭނާގެ ކެމްޕޭން ހަރަކާތްތައް ފަށައިފަ އެވެ.

ޕީޕީއެމްގެ ރައީސް ކަމަށް މިހާރު އެ ޕާޓީގެ އިންތިގާލީ ރައީސްގެ މަގާމުގައި ހުންނެވި މައުމޫނު ކުރިމަތިލައްވާނެ ކަމަށް އިއުލާން ކުރައްވާފައިވާ އިރު ނައިބު ރައީސް ކުރިމަތިލައްވާނެ ކަމަށް ތިން ބޭފުޅަކު މިހާރު ވަނީ އިއުލާން ކުރައްވާފަ އެވެ.