15 Dec 2012, 13:41
ނ. ކުޑަފަރީ އަމިއްލަ ޖަމްއިއްޔާ އެއްކަމަށްވާ ކުޑަފަރީ ޔޫތު މޫވްމަންޓްގެ ފަރާތުން ނ. އަތޮޅަށް ހާއްސަ ކޮށްގެން ބާއްވާ ސިކްސް އަ ސައިޑް ފުޓްބޯޅަ މުބާރާތް، ސަން ޓްރަވަލްސް ކޭވައިއެމް ޗެލެންޖް ކަޕް ފަށައިފި އެވެ.
ކުލަގަދަ ރަސްމިއްޔާތަކާ އެކު ހުސްވި ހަފްތާގެ ބުދަ ދުވަހު ކުޑަފަރީ ރަސްމީ ފުޓްބޯޅަ ދަނޑުގައި ފެށި މިމުބާރާތުގައި ތިން އުމުރު ފުރައިން ޖުމްލަ 14 ޓީމް ވަނީ ބައިވެރިވެފަ އެވެ. މުބާރާތުގައި ބައިވެރިވެފައިވާ އުމުރު ފުރާތަކަކީ 19 އަހަރުން މަތި، 19 އަހަރުން ދަށް އަދި 14 އަހަރުން ދަށުގެ އުމުރު ފުރަ އެވެ.
މުބާރާތުގެ 19 އަހަރުން މަތީ އުމުރުފުރާ ގައި ބައިވެރިވެފައިވަނީ ޗެމްޕިއަން ނ. ކުޑަފަރި އެފްސީ މެރިޓް އާއި ނ. ކުޑަފަރީ އީސްޓާން މެޑްރިޑް އާއި ނ. ކުޑަފަރީ ކުރެދި އެފް ސީ އާއި ނ. މާފަރުގެ ގިނަ އަދަދެއްގެ ކުޅުންތެރިން ތަކެއް ހިމެނޭ ނ. ކުޑަފަރީ ވަންޓަޗް އެފް ސީ އާއި ނ. މަނަދޫގެ ޓީމެއްގެ އިތުރުން ނ. އަތޮޅުގެ ރިސޯޓެއްކަމަށްވާ ޒިޓާލީ ކުޑަފުނަފަރު ރިސޯޓްގެ ޒިޓާލީ އެވެ. އަދި 19 އަހަރުން ދަށު އުމުރުފުރާގައި ބައިވެރިވެފައި ވަނީ ނ. ކުޑަފަރީ އެފް ސީ ކާލި އާއި ނ. ކުޑަފަރީ އީސްޓާން އެފް ސީ އާއި، 2011 ވަނަ އަހަރުވެސް މި އުމުރުފުރާގައި ވާދަ ކޮށްފައިވާ ނ.މަނަދޫ ތަގްސް އާއި، ނ. މާޅެންދޫ ޔަންގް ބޯއިސްގެ އިތުރުން ނ. ކުޑަފަރީ ކާވިޔާ އެވެ.
މުބާރާތުގެ 14 އަހަރުންދަށު އުމުރުފުރާގައި ބައިވެރިވެފައި ވަނީ ނ. ކުޑަފަރިއަށް ނިސްބަތްވާ ތިން ޓީމް ކަމަށްވާ 2011 ވަނަ އަހަރުގެ މި އުމުރުފުރާފެ ޗެމްޕިއަން ޔަންގް ކަރޭޖަސް އާއި، 2011 ވަނަ އަހަރުގެ ރަނަރަފް ކާނު ސިޓީ ނިއު ޖެނެރޭސަންގެ އިތުރުން ޖަސްޓް ވިން އެވެ.
މުބާރާތުގެ 19 އަހަރުން މަތި އަދި 19 އަހަރުން ދަށުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަފް ޓީމްތަކަށް 2500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި 14 އަހަރުން ދަށުގެ ޗެމްޕިއަން ޓީމަށް 2500 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ އިރު ރަނަރަފް ޓީމަށް 1500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލު ކުރީ 19 އަހަރުންދަށުގެ ދެ ޓީމް ކަމަށްވާ ކުޑަފަރީ އީސްޓާން އެފް ސީ އާއި އެފް ސީ ކާލި އެވެ. ދެޓީމް ފަރާތުން ހަމަ ހަމަ ކުޅުމެއް ފެނުނު މި މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
މުބާރާތް ފެށުމުގެ ރަސްމިއްޔާތު ސަރަފްވެރިކޮށްދެއްވީ މުބާރާތުގެ މެއިން ސްޕޮންސާ ސަން ޓްރަވަލްސް އެންޑް ޓްއާސްގެ ޕާޗޭސިން ލޮޖިސްޓިކް އެންޑް ޓްރާންސްޕޯޓް ޑައިރެކްޓާ އަލީ މައުރޫފް އެވެ. އަދި މީގެ އިތުރުން މިރަސްމިއްޔާތުގައި ސަންޓްރަވަލްސްގެ އޮޕޮރޭސަން ޑައިރެކްޓާ ހުސެން ސާލިމް އާއި ކުޑަފަރީ ކައުންސިލް އިދާރާގެ އިސްވެރިންނާއި ކުޑަފަރީގެ ފުޓްބޯޅަ އަށް ލޯބި ކުރާ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ.