ޗައިނާގެ ހުނާން ޕްރޮވިންސްގެ ޕްރީ ސްކޫލެއްގެ ބޭރުގައި މީހަކު ވަޅިން ދިން ހަމަލާތަކެއްގައި 22 ކުދިން ޒަހަމްކޮށްލައިފި އެވެ.

ޗައިނާގެ އޮފިޝަލަކާ ހަވާލާދީ އަލްޖަޒީރާ ބުނީ ހުނާން ޕްރޮވިންސްގެ ޗެންޕިން އަވަށުގައި އިއްޔެ އެ ހާދިސާ ހިނގީ ހެނދުނު އަށެއް ޖެހުމުގެ ކުޑަ އިރުކޮޅެއް ކުރިން، ދަރިވަރުން ކްލާސްތަކަށް ދިޔަ ވަގުތު ކަމަށެވެ.
ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ އުމުރުން 36 އަހަރުގެ މިން ޔިން ގުން މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް އޮފިޝަލާ ހަވާލާދީ އަލްޖަޒީރާ ބުންޏެވެ.

ކުދިންނަށް ފަރުވާ ދިން ހޮސްޕިޓަލުގެ ވެރިއަކާ ހަވާލާދީ އަލްޖަޒީރާ ބުނީ މިން ފުރަތަމަ ހަމަލާ ދިނީ އުމުރުން ދުވަސްވީ އަންހެނަކަށް ކަމަށާއި އެއަށް ފަހު ކުދިންނަށް ހަމަލާ ދެމުން ދަނިކޮށް ހުއްޓުވީ ސްކޫލްގެ ސެކިއުރިޓީ ގާޑުން ކަމަށެވެ. އަދި ބުނީ ދެކުއްޖަކަށް އިތުރަށް ފަރުވާ ދިނުމަށް އަވަށުން ބޭރުގައިވާ ރަނގަޅު ހޮސްޕިޓަލަކަށް ގެންގޮސްފައިވާ ކަމަށެވެ.

ޗައިނާގައި 2010 ވަނަ އަހަރުގެ މާޗް މަހު ހިނގި މިފަދަ ހާދިސާއެއްގައި، ޒެން މިން ޝެން ނަމަކަށް ކިޔާ އުމުރުން 41 އަހަރުގެ މީހަކު ވަޅިން ހަމަލާދީ އަށް ކުދިން މަރާލި އެވެ. އަދި އޭގެ އެއްމަސްފަހުން ޗައިނާ ސަރުކާރުން އޭނާ އަށް މަރުގެ އަދަބު ދިނެވެ.

ޒެންއަށް މަރުގެ އަދަބު ދިން ދުވަހު ޗެން ކަން ބިން ނަމަކަށް ކިޔާ އުމުރުން 33 އަހަރުގެ މީހަކު، ގުއާންޑޮން ޕްރޮވިންސްގެ ލެއިޒޫ އަވަށުގައި ހުންނަ ހޮންފޫ ޕްރައިމަރީ ސްކޫލްގެ 16 ދަރިވަރަކާއި ޓީޗަރަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި އެވެ.

އަދި ހަމަ 2010 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 29 ވަނަ ދުވަހު ޓައިކްސިން ޖައިންސޫ ނަމަކަށް ކިޔާ ރަށުގައި 28 ދަރިވަރަކާއި ޓީޗަރުންނާއި ގާޑުންނަށް ހަމަލާދީ ޒަހަމްކޮށްލާފައިވެ އެވެ.
ޗައިނާގައި އޭގެ ފަހުން ހިނގި އެކި ހާދިސާތަކުގައި 11 ކުދިންނާއި ބޮޑުމީހަކު މަރާލާފައިވެ އެވެ.