25 Sep 2010, 05:15
"މިތަނަށް މަޑުނުކުރާތި. ސައިކަލް ވަގަށް ނަގާނެ،" ދެވެރިން ގޮސް ކޮފީ ބޯންވެގެން ތަނަކަށް މަޑުކޮށްލަން އުޅެނިކޮށް މަނިކު ބުނެލި އެވެ. "ތަނެއްގައި ސައިކަލެއް ބަހައްޓާލެވޭކަށްނޯވޭ ވަގަށް ނަގާވަރުން. ކިހާ ދެރަ ކަމެއް މިއީ؟"
މަނިކުބެ އަކީ ވަރަށް ކުޑައިރު ބޮލުގައި ކާއްޓަކުން ޖެހުމުގެ ސަބަބުން، ބޮލުގެ މައްސަލަތަކެއް ހުންނަ މީހެއް ކަމަށް އޭނާގެ އެންމެ ގާތް ރައްޓެހިން ބުންޏަސް، މިއަދު އޭނާ އެ ދައްކާ ވާހަކައިގައި އޮއްޓަރެއް ހުރި ކަމަށް ބެލެވެ އެވެ. އެހެންވެ އޭނާ ބުނި ގޮތަށް ތަންކޮޅެއް ދުރުގައި، އޭނާ ބުނި ތަނުގައި، ސައިކަލް ބަހައްޓައިފީމެވެ.
ދެން ވެސް މަނިކުބެ ދެއްކީ އެ ވާހަކަ އެވެ. ސައިކަލްތައް ޕާކުކުރާނެ ތަންތަން މާލޭގައި ނުހުންނަ ވާހަކަ އާއި ސައިކަލްތައް ވަގަށް ނަގާ ވާހަކަ އެވެ؛ ސައިކަލްތަކަށް މާލޭ މަގުމަތީގައި އެއްވެސް ރައްކާތެރިކަމެއް ނެތް ވާހަކަ އެވެ.
ތެދެކެވެ. ވަގުންގެ އަދަދު މަދެއް ނުވެ އެވެ. އުފެދެމުން އަންނަ ޒުވާން ވަގުން ގިނަވާއިރު، އެކިއެކި ކުށްކުށުގައި ޖަލުގައި، ހުކުމް ތަންފީޒުކުރަމުންދާ ވަގުން ވެސް ވަގުވަގަށް ރަށުތެރެއަށް ދޫވަނީ އެވެ. އެހެންކަމުން އެކި ކަހަލަ ވައްކަންތައް ވަނީ އިންތިހާ އަށް އިތުރުވެފަ އެވެ.
ސައިކަލްތައް ވަގަށް ނެގުމަކީ ވަރަށް ފަސޭހަ ކަމަށެވެ. އޮފީސްތަކުގައި، ރައްކާކޮށްފައި ހުންނަ ބޮޑެތި ތިޖޫރީތައް ވަގަށް ނަގައި، ފަޅާލާ ބަޔަކަށް، މަގުމަތީގައި ހުންނަ ސައިކަލެއް އެކައްޗަކަށް ވެސް ނުވާނެ އެވެ. އެކަމަކު ވަގަށް ނަގާފާނެތީއޭ ކިޔައިފައި ސައިކަލް ކިހިލި ޖަހައިގެން ވެސް އުޅެވޭކަށް ނެތެވެ. ޕާކުކުރަންޖެހޭނީ ހަމަ މަގުމަތީގަ އެވެ. ނިދާލާނެ ކޮޓަރިއެއް ނުލިބިގެން ގިނަ ބަޔަކު އުޅޭއިރު، ސައިކަލް ޕާކުކޮށްލަން ލިބޭނީ ވަކި ކޮންތަނެއް ހެއްޔެވެ؟
ތިރީސް ނުވަތަ ސާޅީސް ހާސް ރުފިޔާގެ އަގުބޮޑު ސައިކަލް ވަގަށް ނެގުމުން، ކޮންމެ މީހަކު ވެސް ފުރަތަމަ އަންގަނީ ފުލުހަށެވެ. ސައިކަލްގެ ރަޖިސްޓްރީ އާއި އެހެނިހެން ލިޔެކިއުންތައް އެ މީހުންނަށް ހުށަހަޅަންޖެހެ އެވެ. ނަމަވެސް، ވަގުތުން ސައިކަލް ހޯދައިދިނުމަށް މާ ބޮޑު މަސައްކަތެއް ކުރާ ކަމެއް ނޭނގެ އެވެ. ފުލުހުންނަށް މާ ބޮޑު މަސައްކަތެއް ކުރެވޭނެ ކަމަކަށް ވެސް ނުބެލެވެ އެވެ.
ސައިކަލް ހޯދުމަށް ފުލުހުންގެ ފަރާތުން މާ ބޮޑު އެހީތެރިކަމެއް ނުލިބުނަސް، އެކަމަށް ވަރަށް ހުށިޔާރު ބަޔަކު އެބައުޅެ އެވެ؛ ޓެކްސީ ޑްރައިވަރުންނެވެ. ސައިކަލްގެ ނަންބަރު އެ މީހުނަށް އަންގާލާއިރަށް، އެ މީހުންގެ ސެޓްތަކުން އެހެން ކާރުތަކަށް އެކަން ފަތުރާލަ އެވެ. މިއީ އަޖައިބެކެވެ. ފިސާރި އަވަހަށް އެ ސައިކަލެއް ފެނެ އެވެ. ހަދިޔާއަކަށް ދޭންޖެހެނީ ފައްސަތޭކަ ރުފިޔާ އެވެ. އެހެންވެ ސައިކަލެއް ގެއްލިއްޖެ ނަމަ، އޮތް އެންމެ އަވަސް ހައްލަކީ ޓެކްސީ ސެންޓަރުތައް ކަމަށް ވަނީ ވެފަ އެވެ.
ސައިކަލް ފެނި، އެއަށް އަރައިގެން ދުއްވާތާ ދުވަސްގަނޑެއް ފަހުން ފުލުހުން ގުޅަ އެވެ. ސައިކަލްގެ ހަބަރެއްވިތޯ ބަލާށެވެ. ސައިކަލް ފެނުނުތާ ޒަމާންތަކެއްވެއްޖެ ވާހަކަ ބުނުމުން، ފުލުހުން ބުނަނީ އަނެއްކާ ވެސް ފުލުސް އޮފީހަށް ދިއުމަށެވެ. ސައިކަލް ފެނުނު ކަމަށް ލިޔެކިއުންތަކުން ހަމަޖެއްސުމަށެވެ. ސައިކަލް ރަޖިސްޓަރީތައް ހިފައިގެން އަނެއްކާ ދާންޖެހުމުން، ފުރަތަމައިނުން ވެސް ޓެކްސީ ސެންޓަރަކާ ގުޅައިގެން ސައިކަލް ހޯދަން އުޅެވުނު ނަމަ މާ ބޮލަށް ފަސޭހަވީހޭ އެވަގުތު ހިތަށްއަރަ އެވެ.
ސައިކަލަށް ދިމާވާ މާ ބޮޑު އެހެން މައްސަލައެއް ވެސް އެބައޮތެވެ. މާލޭގައި ޕާކުކުރާނެ ތަނެއް ނެތިފައި، ތަނެއްގައި ހަމަ ސައިކަލް ބަހައްޓާއިރަށް ސައިކަލް ގެއްލެ އެވެ. ބެހެއްޓި ތަނުގައި ސައިކަލް ނެތުމުން ނިންމަންޖެހެނީ ވަގަށް ނެގީ ކަމަށެވެ. ނަމަވެސް މިފަހަރު އެއީ ފުލުހުންގެ ކަމެކެވެ. މިގޮތަށް ސައިކަލްތައް ނަގައިގެން ލޮރީއަކަށް ލައިގެން ޓޯޔާޑަށް ގެންގޮސް، ބޮޑު އަދަދަކުން ޖޫރިމަނާކުރެ އެވެ. ތުކީ އެވެ. އެއީ ޖޫރިމަނާއެއް ނޫނެވެ. އެ މީހެއްގެ އަތުން 350ރ. ނަގައިފައި ކިޔަނީ "ސައިކަލް ނަގަން ހިނގި ހަރަދު" ކަމަށެވެ. މިއީ ސަރުކާރު ބަޖެޓަށް އާމްދަނީ ހޯދުމަށް އޮންނަ ވަރަށް ރަނގަޅު މަސައްކަތެކެވެ. ފުލުހުންގެ ޝިއާރަކީ "ޓު ޕްރޮޓެކްޓް އެންޑް ސާވް" ނުވަތަ ހިމާޔަތް ދިނުމާއެކު ހިދުމަތްކުރުމެވެ. ނަމަވެސް މިގޮތަށް ކަންތައް ކުރުމުން ރައްޔިތު މީހާ އަށް ލިބޭ ހިމާޔަތަކީ ކޮބައިތޯ އެވެ؟ ފުލުހުން އުޅެނީ ރައްޔިތު މީހާ ކުށްވެރިކުރަންނޫންތޯ އެވެ؟ ތިޔަ ބޭފުޅުން ގޮތެއް ނިންމަވާށެވެ. މަނިކުބެ ބުނެފާނެ އެއްޗަކަށް ބައްލަވާނެ ކަމެއް ނެތެވެ.