15 Dec 2012, 12:39
އަށް ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގައި ބުރާސްފަތި ދުވަހުގެ ރޭ ރެޑްލައިން ކުލަބާ ބައްދަލުކޮށް ދިވެހި ސިފައިންގެ ކުލަބު މެޗު ކާމިޔާބު ކުރި އިރު ހުކުރު ދުވަހުގެ ރޭ ޕޮލިސް ކުލަބާ ވާދަކޮށް މެޗު ކާމިޔާބު ކުރީ ހަރިކޭން ބީސީ އެވެ.
ރެޑްލައިން ކުލަބާއި ދިވެހި ސިފައިންގެ ކުލަބު ވާދަކުރި މެޗު ދިވެހި ސިފައިންގެ ކުލަބު ކާމިޔާބު ކުރީ 87 ޕޮއިންޓް 80 ޕޮއިންޓުން ނެވެ. މި މެޗުގައި އެ ޓީމަށް އެންމެ ގިނަ ޕޮއިންޓް ނަގައި ދިނީ 22 ޕޮއިންޓް ހޯދި މާކޯ ލެޓީނޮވިޗް އެވެ. އަދި އޭނާ ވަނީ މެޗުގެ އެންމެ މޮޅުކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވިފަ އެވެ. ރެޑްލައިން ކުލަބަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިނީ 31 ޕޮއިންޓާ އެކު މުޅި މެޗުގައި ވެސް އެންމެ ގިނަ ޕޮއިންޓު ހޯދި މުހައްމަދު ޒިލާލު އެވެ.
ޒުވާނުންގެ މަރުކަޒުގައި ރޭ ޕޮލިސް ކުލަބާ ވާދަކޮށް ހަރުކޭން މޮޅުވީ 75 ޕޮއިންޓު 72 ޕޮއިންޓުން ނެވެ. މި މެޗުގައި ހަރިކޭން އަށް އެންމެ ގިނަ ޕޮއިންޓް ހޯދައި ދިނީ މެޗުގެ މޮޅު ކުޅުން ތެރިޔާގެ މަގާމް ހޯދީ މުހައްމަދު ޚުވައްލިދު އެވެ. އޭނާވަނީ ރޭގެ މެޗުގައި 24 ޕޮއިންޓު ހޯދައި ދީފަ އެވެ. ޕޮލިސް ކުލަބަށް އެންމެ ގިނަ ޕޮއިންޓް ހޯދައި ދިނީ 32 ޕޮއިންޓް ހޯދައިދިން ބޯޔަން ޕޮޕޮވިޗް އެވެ.
ރޭގެ މެޗުން މޮޅުވުމުން ހަރިކޭން އަށް ލީގުގެ ގަދަ ހަތަރެއްގެ ފަހު ޖާގަ ކަށަވަރުވީ އިރު ޕޮލިސް ކުލަބާއި ކުލަބު އީގަލްސް އަށް ވަނީ ފުރަތަމަ ބުރުން މި އަހަރުގެ ލީގާ ވަކިވާން ޖެހިފަ އެވެ.
މިނަތީޖާ އާއި އެކު މުބާރާތުގެ ދެ ވަނަ ބުރަށް ދާނީ 13 ޕޮއިންޓާ އެކު ތާވަލުގެ އެންމެ ކުރީގައި އޮތް ރެޑްލައިން ކުލަބާއި 11 ޕޮއިންޓާ އެކު ދެ ވަނައިގަ އޮތް ދިވެހި ސިވެހި ސަފައިންގެ ކުލަބާއި 10 ޕޮއިންޓާ އެކު ބާކީ އެއްމެޗު އޮތް ޓީ-ރެކްސްގެ އިތުރުން ނުވަ ޕޮއިންޓާ އެކު ހަރިކޭން އެވެ.
ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ ބުރުގެ ފަހުމެޗުގައި މިރޭ ބައްދަލުކުރާނީ ޓީ-ރެކްސް އާއި ކުލަބު އީގަލްސް އެވެ. މެޗު ފަށާ ގަޑިއަކީ ރޭގަނޑު 9:00 އެވެ.