ޅެންވެރިކަމާއި އަދަބިއްޔާތުގެ ރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިނާމް ހާސިލުކުރައްވައިގެން ހުންނެވި މަޝްހޫރު ޅެންވެރިޔާ ޔޫސުފް އަލިފުޅު ނިޔާ ވެއްޖެ އެވެ.

ބ. ދަރަވަންދޫ ދޭލިޔާގެ ޔޫސުފް އަލިފުޅު ދުނިޔެ ދޫކުރެއްވީ ހިތާއި ފުއްޕާ މޭގެ އާލާސްކަންފުޅަކަށް މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފެށިގެން ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭފަތިހުގެ 3:30ގައި ސްރީލަންކާގެ "ލަންކާ ހޮސްޕިޓަލް"ގެ އައިސީޔޫގަ އެވެ.

ޔޫސުފް އަލިފުޅުގެ ދަރިފުޅު އުބައިދުއްﷲ މުއާޒު ލަންކާގައި ހުންނަވައިގެން ސަން އަށް މިއަދު ބުނީ ބައްޕަގެ ހަށިގަނޑު މިވަގުތު އޮތީ ހޮސްޕިޓަލްގައި ކަމަށާއި އެމްބަސީ މެދުވެރިކޮށް ކުރަން ޖެހޭ ކަންތައްތައް ނިމުނުހާ އަވަހަކަށް ސްރީލަންކާގައި ފަސްދާނުލާނެ ކަމަށެވެ. އަދި އާއިލާގެ ހުރިހާ ބޭފުޅުން ވެސް މިވަގުތު ތިބީ ލަންކާގައި ކަމަށް ވެސް އުބައިދުއްﷲ ބުންޏެވެ.

"އަޅުގަނޑުމެން މި ވަގުތު މިތިބީ އެމްބަސީގައި. މިތަނުގައި އެބަތިބި ހުރިހާ ދަރިން ވެސް. މިތަނުން ކުރަން ޖެހޭ ކަންތައް ނިމުނީމާ ބައްޕަ ވަޅުލާނީ މިކޮޅުގައި. މިވަގުތު އަޅުގަނޑުމެން މުޅި އާއިލާ މިވަނީ އެކަމުގެ ހިތާމާގައި. ވަރަށް ބޮޑަށް ޝުކުރިއްޔާ ތިޔަބޭފުޅުން ގުޅުއްވާ ލެއްވީތީ،" އުބައިދުﷲ ބުންޏެވެ.

ޔޫސުފް އަލިފުޅަކީ ސަރުކާރަށް ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅެކެވެ. ނަވާރަސަތޭކަ އަށްޑިހަ ވަނަ އަހަރު ރައީސް މައުމޫނު އެކުލަވާ ލެއްވި ގާނޫނު ހަދާ ޚާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް މެދުނުކެނޑި 17 އަހަރު ކުރައްވާފައިވެ އެވެ. ދިވެހި ބަހާއި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ގޮތުން އަލިފުޅު ވަނީ ވަރަށް ގިނަ ފޮތްތައް ވެސް ލިއުއްވައި ނެެރުއްވައިފަ އެވެ.

އުމުރުން 85 އަހަރުގައި އަލިފުޅު ދުނިޔެ ދޫކުރެއްވި އިރު އަނބި ކަނބަލަކާއި އަށް ފިރިހެން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވެ.