ގާނޫނީ ގޮތުން މާލޭ ސިޓީ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރުގެ އޮފީސްތަކުގެ އެއްބާރުލުން ކައުންސިލަށް ނުލިބޭ ކަމަށްބުނެ އެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ މާލޭ ސިޓީ ކައުންސިލުން ރައީސް ވަހީދުގެ ސަމާލުކަމަށް ގެނެސްފައިވަނީ އިއްޔެގެ ވަގުތެއްގައި މާލޭ ސިޓީގެ މޭޔަރު މައިޒާން އަލިމަނިކު ސޮއިކުރައްވާ ރައީސް ވަހީދަށް ފޮނުވި ސިޓީ އެއްގައެވެ.

އެ ސިޓީގައި ބުނެފައިވަނީ ސަރުކާރުގެ އެކި ވުޒާރާ ތަކުން ކުރިމަތިވާ ގިނަ ގޮންޖެހުންތަކުގެ ސަބަބުން އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އެ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ބޮޑެތި އުނދަގޫ ތަކާއި ކުރިމަތިވާ ކަމަށެވެ. އަދި މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ދިމާވާ ދަތިތައް ފިލުވައިދިނުމުގައިވެސް އުނދަގޫ ގިނަ ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ސިޓީގައިވެ އެވެ.

"ސަރުކާރުގެ އެކި ވުޒާރާތަކުން ކުރިމަތިކުރުވާ ތަފާތު ގިނަ ގޮންޖެންތަކުގެ ސަބަބުން ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން މި ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައްޔާއި، މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ދިމާވާ ދަތިތައް ފިލުވުމުގައި އުނދަގުލާއި ކުރިމަތިލާން ޖެހިފައި ވޭ،" އެ ސިޓީގައި ވެއެވެ.

ލާމަރުކަޒީ އުސޫލުން ކުރަންޖެހޭ މަސައްކަތްތަކާއި، އެކުލަވާލަންޖެހޭ ގަވާއިދު ތަކާއި، އޮނިގަނޑު އެކުލަވާލުމުގައި، ހައުސިން މިނިސްޓްރީ އާއި ޔޫތުމިނިސްޓްރީގެ ފަރާތުން ދިމާވާ ގޮންޖެހުންތަކާއި ދަތިތައް ޚާއްސަ ގޮތެއްގައި ފާހަގަ ކުރާކަމަށް ބުނެފައި ވެއެވެ. ނަމަވެސް އެއީ ކޮންކަންތައްތަކެއް ކަމެއް ސިޓީގައި ފާހަގަ ކޮށްފައެއްނުވެ އެވެ.

އެ ސިޓީގައި އަދި ބުނަނީ އެކަންކަން ހައްލުކޮށް ދެއްވުމުގައި ރައީސްގެ ޝަރުތެއް ވާނަމަ އެކަންވެސް ފުރިހަމަ ކޮށްގެން ކައުންސިލުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށާއި، ސިޓީ ކައުންސިލްގެ ޒިންމާތައް އަދާކުރުމުގައި ރައީސްގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

ސިޓީ ކައުންސިލުން ދޭންޖެހޭ ޚިދުމަތްތަށް ދިނުމުގައި، ސަރުކާރުގެ އެކި ވުޒާރާ ތަކުން ދޭންޖެހޭ އެއްބާރުލުން ނުލިބޭތީ އެކަމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ސިޓީ ކައުންސިލުން މިހާރު ވަނީ ރިޕޯޓެއްވެސް ހުށަހަޅައިފަ އެވެ.