15 Dec 2012, 10:01
ހދ. ކުޅުދުއްފުށި އިރުމަތި އަވަށު ޕްރީ ސްކޫލް ފަޅާލައި އެތަނުގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިދިޔަ ބުދަ ދުވަހު 21 އަހަރުގެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ ސްކޫލް ފަޅާލައި 8000 ރުފިޔާ އާއި އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނަގާފައިވާ ކަމަށެވެ.
ެއެސްކޫލުން ފަޅާލާފައިވާ ކަމަށް މިމަހުގެ 9 ވަނަ ދުވަހު ފުލުހުންނަށް ކޮށްފައިވާ ރިޕޯޓަކާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން އެސްކޫލުން ވަގަށް ގެންގޮސްފައިވާ ކެމެރާއަކާއި ވަގަށް ނެގި ފައިސާ އިން ގަނެފައިވާ ސާމާނުތަކެއް ފެނިފައިވާ ކަަމަށާއި އެތަކެތި ފެނިފައި ވަނީ އެ މައްސަލައާ ގުޅިގެން ހައްުޔަރުކުރި މީހެއްގެ ގޭގައި ފޮރުވާފައި ހުއްޓާ ކަަމަށް ފުލުހުން ބުންޏެވެ. އަދި ވަގަށް ނަގާފައިވާ ތަކެތި ހޯދައި އެތަކެތި އޭގެ ވެރިފަރާތާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މީގެ އިތުރުން އެ ސްކޫލުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޕެންޑްރައިވެއް ހަލާކުކޮށްލުމަށް ފަހު ފަޅު ގޯއްޗެއްގެ ތެރެއަށް އެއްލާލާފައި އޮއްވައި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ރަށު އިރުމަތީ އަވަށު ސްކޫލު ފަޅާލައި އެތަނުން ވައްކަން ކުރުމަށް ޓަކައި ބޭނުންކޮށްފައި ހުރި ސާމާނުތަކެއް ވެސް އެ މައްސަަލައިގައި ހައްޔަރުކުރި މީހެއްގެ ގެއިން ފުލުހުން ވަނީ ހޯދައިފަ އެވެ.