15 Dec 2012, 09:50
އައްޑޫ ސިޓީގެ މަރަދޫ ދެކުނުފަރާތު އަތިރިމަތީގައި ތުއްތު ކުއްޖަކު ވަޅުލާފައި އޮއްވައި ފެނުނު މައްސަލައާ ގުޅިގެން ދެމަފިރިއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ތަރުޖަމާން ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފު މިއަދު ވިދާޅުވީ ކުއްޖަކު ވަޅުލި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ އަންހެނަކު ކަމަށެވެ. އޭގެ ތެރެއިން އެކަކު ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތުގައި ކަމަށާއި އަނެއް މީހާ ހައްޔަރުކޮށްފައި ވަނީ ހެނދުނުގެ ވަގުތުގައި ކަމަށް ވެސް ހަނީފު ވިދާޅުވި އެވެ. އެއީ ދެ މަފިރިންކަން ސަން އޮންލައިންއަށް ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް ފުލުހުން އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ނުބުންޏެވެ.
ސަން އޮންލައިންއަށް އެނގިފައިވާ ގޮތުގައި ހަައްޔަރު ކުރި އަންހެން ކުއްޖާގެ ނަމަކީ މަރަދޫ ޝާހީ އެވެ. އަދި ފިރިހެން މީހާއަކީ މަރަދޫ ފޭދޫ ވިޝާމް ކިޔާ މީހެކެވެ. ނަމަވެސް އެ މީހުންގެ ފުރިހަމަ ނަން ސާފުވާގޮތެއްނުވި އެވެ. އެ ދެ މީހުން ކައިވެނި ކުރިތާ ދެ އަހަރެއްހާ ދުވަސް ވެދާނެކަން ވެސް ވަނީ ކަށަވަރުވެފަ އެވެ.
އުފަންވި ގޮތަށް ވަޅުލާފައި އޮތް އެ ކުއްޖާ ފުލުހުން ނެގި އިރު އެ ކުއްޖާވަނީ މަރުވެފަ އެވެ.
ފުލުހުން ރޭ ބުނެފައި ވަނީ އެ ކުއްޖާ ވަޅުލިކަން ފުލުހުންނަށް އެނގުނީ، މަރަދޫ އަތިރިމައްޗަށް ސައިކަލެއްގައި ދިޔަ މީހަކު ސައިކަލު މަޑި ދަށުން އެއްޗެއް ނަގައި ވަޅުލި މަންޒަރު ބަޔަކަށް ފެނިގެން ރޭ 9:00 ޖަހާ އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓު ކުރުމުން ކަމަށެވެ.
ފުލުހުންނަށް ލިބުނު މައުލޫމާތާ ގުޅިގެން އެ ސަރަހައްދަށް ގޮސް އެ ކުއްޖާ ނެގުމަށް ފަހު ވަގުތުން މަރަދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ އިރު އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.